ކުރިން ރާއްޖެ އަށް އެންމެ ގިނައިން ޔޫއޭއީ އިން ތެޔޮ އެތެރެކުރި ނަމަވެސް މިދިޔަ އަހަރުން ފެށިގެން ތެޔޮ ގެންނަ މައި ގައުމަކަށް އޮމާން ބަދަލު ވެއްޖެ އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 189.6 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ތެޔޮ ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. މިގޮތުން ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރާ ޔޫއޭއީ އަކީ ކުރިން އެންމެ ގިނައިން ތެލުގެ ބާވަތްތައް ވެސް އެތެރެ ކުރާ ގައުމެވެ. ނަމަވެސް މިހާރު ތެޔޮ އެތެރެކުރާ ގައުމު ވަނީ ބަދަލުވެފަ އެވެ.
އަހަރުން އަހަރަށް ބަލާނަމަ ޔޫއޭއީ އިން ރާއްޖެ އަށް އެތެރެކުރި ތެލުގެ ނިސްބަތް ވަނީ ދަށްވެފަ އެވެ. މީގެ ބަދަލުގައި އޮމާން އިން ރާއްޖެ އަށް އެތެރެކުރާ ތެލުގެ ނިސްބަތް 122 ޕަސެންޓް އިތުރުވެ 178.7 މިލިއަން ޑޮލަރު -- 2.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
ޖުމްލަ އިމްޕޯޓް 2.6 ބިލިއަން ޑޮލަރު
އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 2.6 ބިލިއަން ޑޮލަރު -- ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިމްޕޯޓަށް ވަނީ 2020 ވަނަ އަހަރާ އަޅާ ބަލާނަމަ 735.2 މިލިއަން ޑޮލަރު -- 11.3 ބިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިމްޕޯޓާ ގުޅޭ ހުރިހާ ދާއިރާ އަކުން ވަނީ ކުރިއެރުން އައިސްފަ އެވެ. އެގޮތުން ކޮވިޑް-19 އަށްފަހު ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ތެދުވަން ފެށުމާއެކު ލޯކަލް ކޮންސަމްޝަން އިތުރުވެ ރާއްޖެ އަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެގެންދިޔަ އެވެ. އެތެރެކުރި މުދަލުގެ 50 ޕަސެންޓަކީ ކެއިން ބުއިމަށް ބޭނުންކުރާ ސާމާނެވެ. މި ބައިން އެންމެ ގިނައިން އެތެރެކޮށްފައިވަނީ އެއްގަމު މަހުގެ ބާވަތްތަކާއި ސީފުޑްގެ ވައްތަރު ތަކެވެ.
އެންމެ ގިނައިން އެތެރެކުރި މުދާ
- ފުޑް އައިޓަމްސް: 192 މިލިއަން ޑޮލަރު
- ތެލުގެ ބާވަތްތައް: 189.6 މިލިއަން ޑޮލަރު
- ޓްރާންސްޕޯޓް އިކްއިޕްމަންޓް: 88.6 މިލިއަން ޑޮލަރު
- އިލެކްޓްރޯނިކްސް ސާމާނު: 57.1 މިލިއަން ޑޮލަރު
- މެޑިކަލް އިކްއިޕްމަންޓް: 26.5 މިލިއަން ޑޮލަރު
- އިމާރާތް ކުރުމުގެ ސާމާނު: 6.1 މިލިއަން ޑޮލަރު
މިދިޔަ އަހަރުގެ އިމްޕޯޓުގައި ހިމެނޭ މެކޭނިކަލް އެޕްލަޔަންސް އާއި މެޝިނަރީގެ ބައިތައް ރާއްޖެ އެތެރެކުރި އަދަދު ވަނީ 57.1 ޕަސެންޓް އިތުރުވެފަ އެވެ. އަދި ކޮވިޑް-19އާ ގުޅިގެން ސިއްހީ ސާމާނު ރާއްޖެއަށް އެތެރެ ކުރުން ވަނީ އިތުރު ވެގެން ގޮސްފަ އެވެ. މިދިޔަ އަހަރުވެސް އެ ޓްރެންޑް ހިފެހެއްޓިފައި ހުރިކަން ފާހަގަވެ އެވެ. އެގޮތުން ސާޖިކަލް މާސްކާއި މިފަދަ ސާމާނު އެތެރެކުރި އަދަދު ވަނީ 47 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އިމާރާތް ކުރުމުގެ ދާއިރާއަށްވެސް ކުރިއެރުން ލިބެމުން ދިއުމާއެކު މި ދާއިރާއަށް އެތެރެކުރި ސާމާނުގެ އަދަދު ވެސް ވަނީ ކުޑަ ނަމަވެސް ކުރިއެރުމެއް ލިބިފަ އެވެ. މި ދާއިރާއަށް ތިން ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ދައްކަ އެވެ.
އިމްޕޯޓުގެ މައި މަންޒިލް ޔޫއޭއީ
ރާއްޖޭގެ އިމްޕޯޓުގެ 82 ޕަސެންޓް ހިއްސާ ކުރަނީ އޭޝިއާގެ ގައުމުތަކުން ރާއްޖެ އަށް އެތެރެކުރާ މުދަލެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރަނީ ޔޫއޭއީ އާއި ޗައިނާ އަދި އިންޑިއާ އިންނެވެ.
މިދިޔަ އަހަރު ޔޫއޭއީ އިން އެތެރެކުރި މުދަލުގެ އަދަދު 46 ޕަސެންޓް އިތުރުވެފައިވާއިރު އެ ގައުމުން މައިގަނޑު ގޮތެއްގައި އެތެރެކޮށްފައިވަނީ ފުޑް އައިޓަމްސް އާއި އިލެކްޓިކްސް ސާމާނާއި ތެލެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާނަމަ ޔޫއޭއީ އިން ރާއްޖެ އަށް އެތެރެކުރި ތެލުގެ ނިސްބަތް ވަނީ ދަށްވެފަ އެވެ. މީގެ ބަދަލުގައި އޮމާން އިން ރާއްޖެ އަށް އެތެރެ ކުރާ ތެލުގެ ނިސްބަތް 122 ޕަސެންޓް އިތުރުވެ 178.7 މިލިއަން ޑޮލަރު -- 2.7 ބިލިއަން ރުފިޔާ އަށް އެ އަދަދު އިތުރުވެފައިވެ އެވެ.
ޗއިނާ އިން 56 މިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އެ ގައުމުގެ އިމްޕޯޓްވެސް ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. އެ ގައުމުން ގެންނަަނީ މެކޭނިނަލް ސާމާނާއި ފަރުނީޗަރު ފަދަ ބާވަތްތެކެވެ. ނަމަވެސް ކުރިއާ އަޅާ ބަލާއިރު އެ ގައުމުން ސިމެންތިއާއި ހިލަވެލި އެތެރެކުރި އަދަދު ވަނީ 7.2 މިލިއަން ޑޮލަރު -- 111 މިލިއަން ރުފިޔާއަށްވެ 88 ޕަސެންޓު ވެއްޓިފަ އެވެ. މިދިޔަ އަހަރު އިންޑިއާގެ އިމްޕޯޓް ވަނީ 31 ޕަސެންޓް އިތުރުވެ 76.1 މިލިއަން ޑޮލަރު -- 1.1 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އެ ގައުމުން އެތެރެކުރަނީ ކޮންސްޓްރަކްޝަން އައިޓަމްސް އާއި އެޕްލަޔަންސް އެވެ.
އިމްޕޯޓް ގިނަ ގައުމުތައް
- ޔޫއޭއީ
- ޗައިނާ
- އިންޑިއާ
ވަކި ބައްރުތަކުގެ ތެރެއިން ޔޫރަޕުން ރާއްޖޭގެ އިމްޕޯޓުގެ 11 ޕަަސެންޓް ހިއްސާ ކުރެ އެވެ. މި ބައްރުގެ ގައުމުތަކުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ ކެއިން ބުއިމުގެ ބާވަތްތަކާއި މެޝިނަރީ އަދި މޭކިނަލް އެޕްލަޔަންސް އެވެ.
ޔޫރަޕުން އެންމެ ގިނައިން ތަކެތި އެތެރެ ކުރަނީ ޖަރުމަނުންނެވެ. އެ ގައުމުގެ އިމްޕޯޓް ވަނީ 47 ޕަސެންޓް އިތުރުވެފަ އެވެ. ދެން ހިމެނެނީ އިޓަލީ އާއި ފްރާންސް އަދި އިނގިރޭސިވިލާތެވެ.