ވިޔަފާރި

މިދިޔަ އަހަރު 314 މިލިއަން ޑޮލަރުގެ ތެޔޮ އެތެރެކުރި

މިދިޔަ 2017 ވަނަ އަހަރު ރާއްޖެ އަށް 314.3 މިލިއަން ޑޮލަރުގެ ތެޔޮ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސްހިސާބު ތަކުން ދައްކައިފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ނަމްބަރުގައިވާ ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރަން 314.3 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު ތެޔޮ އެތެރެކުރަން ހޭދަކުރި 247.3 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 38 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް 37.4 މިލިއަން ޑޮލަރުގެ ޕެޓްރޯލް އެތެރެކޮށްފައިވެ އެވެ. ނަމަވެސް 2016 ގައި އެތެރެކޮށްފައިވަނީ 26.3 މިލިއަން ޑޮލަރުގެ ޕެޓްރޯލެވެ. އަދި މިދިޔަ އަހަރު 234 މިލިއަން ޑޮލަރުގެ ކަނޑު އުޅަނދުފަހަރަށް ބޭނުންކުރާ ތެޔޮ އެތެރެކޮށްފައިވެ އެވެ. ނަމަވެސް 2016 އެތެރެކޮށްފައިވަނީ 193 މިލިއަން ޑޮލަރުގެ ތެލެވެ.

އެންމެ ގިނައީ ކާބޯތަކެތި

ކަސްޓަމްސް އިން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބަލައި، އެމްއެމްއޭ އިން ނެރުނު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 2.3 ބިލިއަން ޑޮލަރުގެ ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު އެތެރެކުރީ 2.1 ބިލިއަން ޑޮލަރުގެ ތަކެއްޗެވެ. ވަކިވަކި ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ އިން މިދިޔަ އަހަރު ތެރެކުރީ ކާބޯތަކެއްޗެވެ. ގާތްގަނޑަކަށް 462 މިލިއަން ޑޮލަރުގެ ކާބޯތަކެތި އެތެރެކޮށްފައިވެ އެވެ. އަދި ކުރީ އަހަރު އެތެރެކުރީ 429 މިލިއަން ޑޮލަރުގެ ކާބޯ ތަކެއްޗެވެ. އަދި ދެން އެންމެ ގިނައީ ތެލެވެ.

ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ލަކުޑި، ދަގަނޑު، ސިމެންތި އަދި އިމާރާތްކުރުމަށް ބޭނުންކުރާ ވެއްޔާއި ހިލަވެލި ފަދަ ތަކެއްޗެވެ. މި ބާވާތްތައް އެތެރެކުރަން މިދިޔަ އަހަރު 355 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. ނަމަވެސް އޭގެ ކުރީ އަހަރު މި އަދަދު އުޅެނީ 286 މިލިއަން ޑޮލަރުގަ އެވެ. އަދި ދެން ހިމެނެނީ މެޝިނަރީއާއި މެކޭނިކަލް އެޕްލަޔަންސް އަދި އޭގެ ބައިތަކެވެ. މި ބައިގައި ހިމެނޭ ސާމާނު އެތެރެކުރަން މިދިޔަ އަހަރު 205 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ހޭދަކޮށްފައިވަނީ 203 މިލިއަން ޑޮލަރެވެ.