މަސްވެރިންގެ ދުވަސް

މަސްވެރިންގެ ދުވަހު ހާއްސަ ފޯރަމެއް ބާއްވަނީ

މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖެއިން ފާހަގަކުރާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާ ގުޅިގެން މަސްވެރިންގެ ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

ފޯރަމް ބާއްވަން ނިންމާފައިވަނީ ކ. ގާފަރުގައި މާދަމާ އަދި ބުރާސްފަތި ދުވަހު އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ވެސް ފާހަގަކުރަނީ ގާފަރުގަ އެވެ.

މި ފޯރަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުމަށް މަސައްކަތްކުރުމުގެ މަގްސަދުގައި ބާއްވާ ފޯރަމެއް ކަމަށް ފޯރަމް އިންތިޒާމް ކުރާ ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މި ފޯރަމްގައި މަސްވެރިންނާއި އޮޑިވެރިން އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްވެސް ބައިވެރިވާނެ އެވެ.

މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުންނާއި، މަސްވެރިކަމުގެ އުޅަނދުފަހަރަށް އަންނަމުންދާ ބަދަލުތަކާއި، ފަސްވަނަ ޖެނެރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި މޯލްޑިވެސް ސީފުޑް ޕްރޮސެސަސް އެންޑް އެކްސްޕޯޓާޒް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ތަރައްގީ ކޮށްފައިވާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓްއާއި ގުޅޭގޮތުން މައުލޫމާތު ދޭނެ އެވެ.

މަސްވެރިންގެ ފޯރަމެއް ބާއްވަން ނިންމިއިރު މަސްވެރިން ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ ނިންމާފަ އެވެ.