ނިމިގެން ދިޔަ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރަން ފެށި ތަންތަން ނިމި އަދިވެސް ނުހުޅުވި ދިގުލައިގެން ދިއުމާއެކު ޕްރޮޖެކްޓްތަކަށް ގެނައި ބަދަލުގެ ސަބަބުން ހަރަދުތައް އިންތިހާއަށް މައްޗަށް ދާތީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ސައީދު މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ ބައިނަލްއަގުވާމީ އޭވިއޭޝަން ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހިއްސާކުރާ އެންމެ ބޮޑު އެއް ބަޔަކީ އެއާޕޯޓު ކަމަށާއި ނަމަވެސް މި ސަރުކާރަށް ތިން އަހަރުވެގެން ދިޔައިރުވެސް އެއާޕޯޓުގައި ތަަރައްގީ ކުރި އާ ރަންވާއާއި ސީ ޕްލޭން އަދި ކާގޯ ޓާމިނަލް ގަސްދުގައި ނުހުޅުވާ ލަސްކުރަމުންދާ ކަަމަށެވެ.
ސައީދު މިކަން ސިފަކުރެއްވީ ރާއްޖޭގެ އިގްތިސާދަށް ދޭ ބޮޑު އަނިޔާއެއްގެ ގޮތުގަ އެވެ.
"މި ތަންތަން ހުޅުވުން ލަސްކުރަމުން ދަނީ ހަމަ ކުރީ ސަރުކާރުގެ މަސައްކަތަކަށް ވާތީތޯ؟ ސީޕްލޭން ޓާމިނަލް، ފިއުލް ފާަމް ހަދާ ނީންމާފައި ހަލާކުވާން ދޫކޮށްލަންވީތޯ؟ މީ ކޮވިޑާ ހެދި އަންނަ ޑިލޭއެއް ނޯން." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެއާަޕޯޓްގައި ތަަރައްގީކުރި ތަންތަން ނުހުޅުވި އަދި ބަދަލުތައް ގެނައުމުގެ ސަބަބުން ކުރަން ޖެހޭ ހަރަދު 100 މިލިއަން ޑޮލަރާ މިހާރު ކައިރިކޮށްފައިވާ ކަމަށެވެ.
މި ސަރުކާރު އައިފަހުން ތިން ފަހަރު ބައިނަލްއަގުވާމީ އޭވިއޭޝަން އައިއިރު ވެސް އޭވިއޭޝަން ސެކްޓާ ރަނގަޅުކުރަން މާބޮޑު މަސައްކަތެއް ނުކުރާތީ ވެސް ސައީދު ފާޑުވިދާޅުވި އެވެ.
"ކޮންމެ އޭވިއޭޝަން ދުވަހަކު ސިވިލްއޭވިއޭޝަން މިނިސްޓަރު އެބަ ޓުވީޓެއް ކޮށްލައްވާ. ދެން ހަމަ ކޮށްލާ ޓުވީޓަކުން ކަންތައްތައް ވޭތޯ؟" ސައީދު ވިދާޅުވި އެވެ.
ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖަރު ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.