ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އިދިކޮޅު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.
މިމައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މިމައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ވީއައިއޭ އަކީ އެތައް ހާސް ފަތުރުވެރިންނާއި އާންމު އެތައް ރައްޔިތަކު ބޭނުން ކުރާ ރާއްޖޭގައި އިގްތިސޯދަށް މުހިއްމު އެތައް މަންފާއެއް ހޯދައިދޭ ތަނެއް ކަމަށެވެ. ނަމަވެސް އެއާޕޯޓްގެ ސަލާމަތަށް ނުރައްކާވާ ފަދަ ޝައްކުކުރެވޭ އާލާތްތަކަކާ އެކު ބޭރުގެ ދެ މީހަކު ދާދިފަހުން ވީއައިއޭ އިން ހައްޔަރުކޮށްފައިވާތީ އެކަމަށް އިޝާރާތްކޮށް މައްސަލައިގައި ބުނެފައިވަނީ އެ ހަދިސާއާ ގުޅިގެން ބައިނަލްއަގްވާމީ މީޑިއާތަކުގައި ކަންބޮޑުވާ ޒާތުގެ ހަބަރުތައް ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ ރޭވިގެން ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
"އެ މައުލޫމާތުތަކަށް ބަލާއިރު މިހާދިސާ ހިނގުމުގެ ކުރިން ރާއްޖޭގައި މިކަހަލަ ބައިވެރިން ބައްދަލުވުމެއް ބާއްވާފައިވާ ކަމާއި މިހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ އައިސް ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލަން އެދިފައިވާ ކަމަށާއި އަދި މިބައްދަލުވުމަށްފަހު ފުލުހުން މިހާދިސާގެ އަސްލު ރިޕޯޓްގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުން..." މައްސަލައިގައިވެ އެވެ.
މައްސަލާގައި ބުނެފައިވަނީ އެއާޕޯޓުން ހައްޔަރުކުރި މީހުން ދިޔައީ އެއާޕޯޓްގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަގުތުން ވީޑިއޯ މެދުވެރިކޮށް ބަޔަކަށް ދައްކަމުން ކަމަށާއި އަދި އެ މީހުން އެއާޕޯޓްގެ ސެކިއުރިޓީ އޮފިސަރުންނަށް ވެސް ނޭނޭ ގޮތަށް ދިޔައީ ނުރައްކާވާ ފަދަ އަމަލެއް ހިންގުމަށް ތައްޔާރުވުމަށް ކަމަށެވެ. މައްސަލައާއި ގުޅިގެން ފުލުހުން ދެ މީހުން ހައްޔަރުކުރި ނަމަވެސް މިހާރު އެ މީހުން ވީތަނެއް ފުލުހުންނަށް ނޭނގޭ ކަމަށްވެސް ބުނެފައިވެ އެވެ. މިހާދިސާ މިހެން ހިނގިއިރު ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިތުރު ކަމެއް އަދިވެސް ކޮށްފައި ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މައްސަލައިގައި ވަނީ ވީއައިއޭގައި ހިނގާދިޔަ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި އެ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށްވެސް ގޮވާލާފަ އެވެ. އަދި އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކުރުމަށްވެސް ގޮވާލާފައިވެ އެވެ.