އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމި ނަމަވެސް އެކަމަށް ހުއްދަ ނަގާފައިނުވާ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީއިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ހިންގޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެން ކަމަށެވެ. ޕީޕީއެމް އިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތަށް އަދި ހުއްދަ ނުނަގާ ކަމަށްވެސް ބުންޏެވެ.
އުސޫލުގެ ތެރެއިން ހަރަކާތް ހިންގަން ކޮންމެ ބަޔަކަަށްވެސް އެ ކޯޕަރޭޝަންގައި ހުއްދައަށް އެދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެޗްޑީސީން މިހެން ބުނެފައިވާއިރު ހުކުރު ދުވަހުގެ ރޭގެ ޖަލްސާ ބޭއްވުމަށް ޕީޕީއެމުން ވަނީ މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގާފައެވެ. އެ ސިޓީ އެ ޕާޓީން ވަނީ އަވަސްއާވެސް ހިއްސާކޮށްފައެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅުގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާ އޮންނާނީ ހިޔާ ފްލެޓްތަކުގެ މެދުގައި ކަމަށްވެސް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ "ކޮތަރުކޮށި" ނަމުގައި ބާއްވާ ޖަލްސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައެވެ.
ޝުޖާއު ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެންބަރުންގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ސަޕޯޓްކުރާ ހުރިހާ ރައްޔިތުން އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދެއްވާފަ އެވެ.
ހުޅުމާލޭގައި ބާއްވާ މި ޖަލްސާއަކީ ރައީސް ޔާމިން ދެ އަހަރުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެންނެވި ފަހުން ބާއްވާ ތިންވަނަ ޖަލްސާ އެވެ. ޔާމީން ވަނީ މިދިޔަ ހުުުކުރު ދުވަހުގެރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާފަ އެވެ.