ކައިވެނިކުރާ ތަނަށް ކުރީގެ ލޯބިވެރިން އައިސް އަޑުގަދަކޮށް ހަޅޭއްލެވުން އެއީ ބޮލީވުޑް ބައެއް ފިލްމުތަކުން ފެންނަ މަންޒަރެކެވެ. ނަމަވެސް މިފަހަރު މިކަހަލަ މަންޒަރެއް ފެނުނީ ހަމަ ހަގީގަތުގަ އެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ގޯރަކްޕޫރުގައި އޮތް ކައިވެނީގެ ރަސްމިއްޔާތަކަށް އަންހެންމީހާގެ ކުރީގެ ލޯބިވެރިޔަކު ކުއްލިއަކަށް އައިސް އެންމެންތަން ފަޅާފައި ވަނެވެ.
އަދި ކައިވެނި ކުރުން ހުއްޓުވުމުގެ ނިޔަތުގައި އެމީހާ ވަނީ ގަދަކަމުން އަންހެންމީހާގެ ނިތްކުރީގައި ރަތްކުލަ (ސިންދޫރަ) ހާކާފަ އެވެ. މިއީ ހިންދޫން ކައިވެނި ކުރާއިރު އަނބިމީހާ ބަލައިގަތްކަމުގެ ނިޝާނެއްގެ ގޮތުގައި ހާކާ ރަތް ކުލައެކެވެ. އެމީހާ މިކަން ކުރީ އަންހެންމީހާ ކައިވެނިކުރީ އޭނާއާ ކަމަށް ހަދަން ވެގެންނެވެ.
މި މަންޒަރުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އިންޑިޔާގެ ބައެއް ނޫސްތަކުން ބުނަނީ އަންހެންމީހާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ވަރަށް ފަހަކާ ޖެހެންދެން އުޅުނީ ރައްޓެހިވެގެންނެވެ. ނަމަވެސް ފިރިހެންމީހާ އަށް އެހެން ރަށަކުން ވަޒީފާއެއް ލިބިގެން ފުރައިގެން ދިއުމުން އަންހެންމީހާގެ އާއިލާއިން ގަދަކަމުން އޭނާ އެހެން މީހަކާ ކައިވެނި ކުރުވަން މަސައްކަތް ކުރީ އެވެ. މައިންބަފައިންނަށް ވިސްނައިދޭން އަންހެންމީހާ ވަރަށް މަސައްކަތްކޮށް ކޮށް އެކަން ކާމިޔާބު ނުވީ އެވެ.
ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށްގޮސް އެކަކު އަނެކަކުގެ ކަރުގައި ހާރު އަޅުވައި ވެސް ހެދިފަހުން ކުއްލިއަކަށް މީހަކު އެތަނަށް ވަދެގެން އައި ގޮތަށް އައިސް އަންހެންމީހާގެ ނިތްކުރީގައި ސިންދޫރަ ހޭކިތަން ފެނިފައި ކައިވެނިކުރަން ހުރި ފިރިހެންމީހާ ވެސް ހުރީ ހައިރާންވެގެން ބަސްހުއްޓިފަ އެވެ.
އަންހެންމީހާގެ ނިތްކުރީގައި ސިންދޫރަ ހޭކުމުން އައި ރުޅިން އޭނާގެ އާއިލާގެ އެންމެން ފިރިހެންމީހާގެ ގައިގައި ތަޅާ އަނިޔާކޮށް ފުލުހުންނަށް އަންގައިގެން ގެނައީ އެވެ. އަދި ފުލުހުން އައިސް އެ ފިރިހެންމީހާ ގެންދިއުމުން ކައިވެނީގެ ކަންތައްތައް ވަނީ ފުރިހަމަ ކޮށްފަ އެވެ.
މި ވީޑިއޯ ވައިރަލް ވުމުން މީހުން ވަރަށް މަޖާ ކޮމެންޓުތައް ކޮށްފައި ވެއެވެ. އެއްބަޔަކު ބުނީ އެހެން މީހަކު އައިސް އަންހެންމީހާގެ ނިތްކުރީގައި ކުލަ ހޭކިއިރުވެސް ކައިވެނިކުރަން ހުރި ފިރިހެންމީހާ އަޅާވެސް ނުލާ ބަލަން ހުރީ ކަމަށެވެ.
އޭނާގެ ވާން އުޅޭ އަނބިމީހާ ހިމާޔަތްކުރުމަކީ ފިރިހެންމީހާގެ ވާޖިބަކަށް ވާއިރު އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އަދި އެއްވެސް ކަމެއް ނުކޮށް ހުރުމުން ގިނަ ބަޔަކު ވަނީ އެމީހާއަށް ފާޑު ކިޔާފަ އެވެ.
އަނެއްބަޔަކު ބުނީ މިއީ ހިންދި ފިލްމު ބަލައިގެން ބައެއް މީހުން ފިލްމުތަކުގެ މަންޒަރުތައް ކޮޕީކޮށްގެން ކުރާ ކަންތައްތައް ކަމަށެވެ.