ލައިފްސްޓައިލް

ކުށްވެރިޔަކާ ވައްތަރުކަމުން ފަސް ފަހަރު ހައްޔަރުކޮށްފި

ޗައިނާގެ އުތުރުގައި އޮންނަ ޖިލިން ޕްރޮވިންސްގެ ބައިޗެންގްގައި ދިރިއުޅޭ މީހަކާއި ނޯތު ކޮރެއާގެ މަޝްހޫރު ކުށްވެރިޔާ ޒޫ ޒިއަންޖިއަން ވައްތަރު ކަމުން އެ މީހާއަށް ވަރަށް ބޮޑު އުނދަގުލަކާ ވަނީ ކުރިމަތިވެފަ އެވެ. އެމީހާގެ އަވަށްޓެރިން ޝަކުވާކޮށްގެން ތިން ދުވަސް ތެރޭ ފަސް ފަހަރަށް ފުލުހުން އައިސް އެމީހާ ހައްޔަރުކޮށް ސުވާލުތައް ކޮށްފައިވާތީ އެވެ.

ޒޫ ޒިއަންޖިއަން އަކީ ޗައިނާގެ ޖިލިންގެ ޖަލަކަށް ލާފައި ހުއްޓާ ފިލައިގެން އުޅޭ ނޯތު ކޮރެއާ މީހެކެވެ. އޭނާ ޖަލަށް ލީ 2013ގައި ގަވާއިދާ ޚިލާފަށް ޗައިނާއަށް އެތެރެވެ އެ ގައުމުގައި ވަރަށް ގިނަ ޖިނާއީ ކުށްތައް ކުރަމުން ދަނިކޮށް ހައްޔަރުކޮށް އޭނާއާ ދައުވާ ކޮށް އެ ކުށްތައް ސާބިތުވުމުންނެވެ.

ކަންދިމާވި ގޮތުން ޗައިނާގެ މީހާ އާއި ޒޫ ޒިއަންޖިއަން އާ ވަރަށް ވައްތަރެވެ. ބޮލުގެ އިސްތަށިގަނޑުގައި މޫނު ވެސް ހަމަ ދެ މީހުންގެ އެއްވެސް ތަފާތެއް ނެތެވެ.
އެމީހާ ޖަލުން ފިލުމާ ގުޅިގެން ފުލުހުންގެ އިތުރަށް މުޅި އެ ސްޓޭޓުގެ މީހުން ދަނީ ކުރަމުންނެވެ. އެގޮތަށް ހޯދަން އުޅޭ މީހުންނަށް ޗައިނާ މީހާ ފެންނަ ކޮންމެ ފަހަރަކު އެއީ ޖަލުން ފިލައިގެން އުޅޭ ނޯތު ކޮރެއާ މީހާ ކަމަށް ހިތާ ރިޕޯޓު ކުރަނީ އެވެ.

ގަވާއިދާޚިލާފަށް ހުއްދަ ނުހޯދާ ބޯޑަރު ހުރަސް ކުރުމާއި ވައްކަމާއި ފޭރުމުގެ ގިނަ އަމަލުތައް ނޯތު ކޮރެއާ މީހާ ކޮށްފައި ވެއެވެ. އެހެންވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށް އޭނާ ހުރީ ޖަލުގައި ބަހައްޓާފަ އެވެ.

އެ މީހާ ޖަލުން ފިލީ ފާއިތުވީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އޭނާ ހޯދައިދިން މީހަކަށް 700،000 ޔުއާން (109،589 ޔޫއެސް ޑޮލަރު)ގެ ރިވޯޑެއް ދޭނެކަމަށް ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. ނޯތު ކޮރެއާ މީހާ ކަމަށް ހިތާ ޗައިނާ މީހާ އިރުއިރުކޮޅާ ހައްޔަރު ވާން ދިމާވަނީ މި ސަބަބާ ހުރެ އެވެ. އެހާ ބޮޑު އަދަދެއްގެ ފައިސާގެ އިނާމެއްގެ ބޭނުމުގައި އެންމެން ވެސް ނޯތު ކޮރެއާ މީހާ ފެނޭތޯ ބަލާތީ އެވެ. އެ ބަލާ ބެލުމުން ކޮންމެ ބަޔަކަށް ވެސް މި ފެންނަނީ ޗައިނާ މީހާ އެވެ. ފެނިގެން އޭނާގެ ވާހަކަ ރިޕޯޓު ކުރަނީ އެވެ.

ޗައިނާގެ ޖަލުތަކުގައި އަޅާފައި ހުންނަ ހަރުކަށި ފިޔަވަޅުތަކާއި ސެކިއުރިޓީ ވަރުގަދަކަމުން ވަރަށް މަދު ހާލަތެއްގައި ނޫނީ މީހަކަށް ޖަލުން ފިލިފައެއް ނެތެވެ. އެހެންވެ މި މީހާ ޖަލުން ފިލުން ވެފައިވަނީ އެ ގައުމުގެ މީހުންނަށް ވެސް ވަރަށް ޝައުގުވެރިވި ޚަބަރަކަށެވެ.

އެމީހާ ޖަލުން ފިލިތާ މަދު ގަޑިއިރެއްގެ ތެރޭގައި އެކި އަވަށްތަކުގެ ގޭގެ ފަޅައިގެން ވަދެ މޮބައިލް ފޯނާއި ފައިސާ، ފައިވާނާއި އަންނައުނު ފަދަ ތަކެތި ވަގަށް ނަގާފައި ވެއެވެ. އެ ސްޓޭޓުގެ ކަމާ ބެހޭ އިދާރާތަކުން އެހާ ބޮޑަށް އެލާޓަށް އައިސް މި މީހާ ހޯދުމުގެ މަސައްކަތް ކުރަނީ އޭނާ ކުރަމުންދާ ވައްކަންތަކުގެ ސަބަބުންނާ ވެސް އެކުގަ އެވެ.

ޒޫ ޖަލުގައި ހުރިއިރު އުޅުނުލެއް ރަނގަޅުކަމުންނާއި އަޚުލާގު ރަނގަޅުކަމުން ދެ ފަހަރެއްގެ މަތިން އޭނާގެ ޖަލުގެ ހުކުމަށް ލުއި ދީފައި ވެއެވެ. އަދި 2023ގެ އޮގަސްޓުގައި އޭނާ ޖަލުން މިނިވަން ވާން އޮތީ ޝެޑިއުލް ކޮށްފަ އެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ސިނަ ވެއިބޯގައި ގިނަ ބަޔަކުދަނީ ޒޫ އާ ވައްތަރުކަމުން ފަސް ފަހަރަށް ހައްޔަރުކުރި މީހާ އަށް ހަމްދަރުދީ ފާޅުކޮށް އޭނާއަށް އުފުލަންޖެހޭ އުނދަގުލުގެ ސަބަބުން ދެރަވާކަން ފާޅުކުރަމުންނެވެ. އަދި އެއީ ކާކުކަން އަންގައިދޭ އައިޑީ ކާޑެއް އަބަދު ކަރުގައި އަޅައިގެން އުޅެން ބައެއް މީހުން ވަނީ ޗައިނާ މީހާ އަށް ލަފާ ދީފަ އެވެ.