ލައިފްސްޓައިލް

ޗައިނާ މީހަކު ވައްކަމެއް ކޮށްފައި ފިލަން 14 އަހަރު ހޮހަޅައެއްގައި

ޗައިނާ މީހަކު 2009 ވަނަ އަހަރު ގޭސް ސްޓޭޝަނަކުން ވައްކަމެއް ކުރި އެވެ. އޭނާ ވަގަށް ނެގީ 156 ޔުއާން (22.5 ޔޫއެސް ޑޮލަރު) އެވެ. މި ފައިސާ ވަގަށް ނެގުނީތީ އެމީހާ ވަރަށް ބިރުގަތެވެ. އަދި ފުލުހުން ހައްޔަރުކޮށްފާނެތީ ގަންނާކުރެއްވި ބިރުން ގޮސް ފަރުބަދައެއްގެ ހޮހަޅައަކަށް ވަނެވެ.

ލިއު މައުފޫ ނަމަކަށް ކިޔާ މި މީހާ އަކީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ އެންޝީ ސިޓީގެ އަވަށެއްގެ މީހެކެވެ.

ލިއު އޭނާގެ ޅިޔަނަކާއި އިތުރު ބައިވެރިޔަކާ އެކު ގޭސް ސްޓޭޝަނަކުން ވައްކަން ކުރިއިރު އޭނާގެ އުމުރު އުޅޭނީ 30ގެ އަހަރުތަކުގަ އެވެ.

މި މީހުން ވައްކަން ކޮށްގެން ހޯދި ފައިސާއަށް ކައިބޮއި އެނޫން ވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށްފަހު ބާކީވީ ކުޑަކުޑަ ފައިސާކޮޅެކެވެ. އެ ތިން މީހުންނަށް އެއްވަރަށް ބަހާލައި ތިން މީހުން ވަކިވެގެން ތިން އެމީހަކު ދާން ބޭނުންވާ ދިމާލަކަށް ދިޔައީ އެވެ.

މި މީހުން ވަކިވިތާ މާ ގިނައިރެއް ނުވެ ލިއު އާއެކު ވައްކަމުގައި ބައިވެރިވި ދެ މީހުން ހައްޔަރުކުރި ޚަބަރު އޭނާއަށް ލިބުނެވެ. އަދި ދާދިއަވަހަށް އޭނާ ހައްޔަރުކުރަން އޭނާގެ ގެއަށް ފުލުހުން އަންނާނެކަން ވެސް ޔަގީންވިއެވެ. އެހެންވެ ހައްޔަރުނުކުރަނީސް ފިލަން ލިއު ނިންމި އެވެ.

އޭނާ މިގޮތަށް ފިލައިގެން 14 އަހަރު ވަންދެން އަމިއްލަ ގައިދެއްގައި އުޅެން ޖެހިދާނެކަމަކަށް ލިއު ހިތަކަށް ނާރަ އެވެ.

ފުލުހުން ލިއު ހައްޔަރުކުރަން އެގެއަށް ދިޔައިރު އޭނާއެއް ނެތެވެ. އޭނާ ފިލައިގެން ގޮސް ވަނީ ފަރުބަދައެއްގެ ހޮހަޅައަކަށެވެ. އެ ހޮހަޅައިގެ އޭނާ ދިރިއުޅުނީ ބައެއް ފަހަރު ޝިކާރަ ކޮށްގެންނެވެ. އަނެއްބައިފަހަރު ގޮނޑު ހޮވައިގެން ކާއެއްޗެހި ހޯދައިގެންނެވެ. ބައެއް ފަހަރަށް އަމިއްލަ އަވަށަށް ސިއްރުން ވަދެ އަވަށުގެ ފިހާރަތަކުން އެއްގަމު މަހާއި ތަރުކާރީ ފަދަ އެއްޗެތި ވަގަށް ނަގައިގެން ވެސް ދެއެވެ. އަދި އަވަށަށް އަންނަ ފަހަރު ފަހަރު ކުޑަ އިރުކޮޅަކަށް އާއިލާ އާ ބައްދަލުކުރަން ވެސް ދެ އެވެ.

ނަމަވެސް އަވަށުގެ މީހަކަށް އޭނާ ފެންނައިރަށް ފުލުހުންނަށް ރިޕޯޓްކުރެ އެވެ. އަދި ފުލުހުން އޭނާ ހޯދަން ކޮޅުކޮޅުމައްޗަށް ދުއްވަން ފަށައެވެ.

ލިއު އުޅޭ ތަން އޭނާގެ އާއިލާއަށް އެނގޭ ކަމެއް ނުވަތަ ނޭނގޭ ކަމެއް މުޅިއަކުން ޔަގީނެއް ނުވެ އެވެ. ޔަގީންވާ ކަމަކީ އޭނާ އުޅޭ ތަނެއް ފުލުހުން ކައިރީގައި އެ އާއިލާއިން ނުބުނާ ކަމެވެ.

ހޮހަޅައިގެ ލިއު އުޅެމުންދިޔައީ އެކަނިމާއެކަންޏެވެ. އޭނާގެ ބައިވެރިންގެ ގޮތުގައި ގެންގުޅެނީ ވަލުކުއްތާ ތަކެކެވެ. އެއީ އެ ހިސާބުގައި އުޅޭ ވަލުޖަނަވާރުތަކުގެ ހަމަލައެއް، ރޭގަނޑު ނިދާފައި އޮންނަ ގަޑީގައި އަތުވެދާނެތީ އެ ސޮރުމެންގެ ކިބައިން ސަލާމަތްވާން ގެންގުޅޭ ކުއްތާ ތަކެކެވެ.

އޭނާ އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވާން އާއިލާގެ މީހުން ވަރަށް ގިނަ ފަހަރަށް ލިއު އަށް ނަސޭހަތްތެރިވެފައި ވެއެވެ. ނަމަވެސް އޭނާ އެގޮތް ބޭނުން ނުވެ 14 އަހަރު ހޮހަޅައިގައި ހޭދަކުރީ އެވެ. ނަމަވެސް މިއަހަރު އޭނާއަށް ކުއްލިއަކަށް މި ކުރެވެނީ ގޯސްކަމެއްކަން ވިސްނިގެން މި ގޮތަށް އުޅުން ދޫކޮށްލަން ނިންމީ އެވެ.

ލިއު ހޮހަޅައިގައި ހުރި ދުވަސްތަކުގެ ތެރޭގައި އޭނާގެ ބައްޕަ މަރުވެ ބައްޕަގެ ޖަނާޒާގައި ބައިވެރިއެއް ނުވެވުނެވެ. ފިރިހެން ދަރިފުޅު ބޮޑުވެގެން ކައިވެނިކުރިއިރު އެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިއެއް ނުވެވުނެވެ. އަދި ކާފަ ދަރިފުޅެއް ލިބުމުގެ އުފަލުގައި ވެސް ބައިވެރިއެއް ނުވެވުނެވެ. އެހެންވެ ފުލުހުންނަށް އޭނާ ހުރިތަން ބުނެދިނީ ޚުދް ލިއު އެވެ.

ޗައިނާގެ މީޑިއާ އާ ވާހަކަ ދައްކަމުން މިހާރު 50 އަހަރު ފުރިފައިވާ ލިއު ބުނީ އޭނާގެ އަންހެނުން އުޅެނީ ވަރަށް ބަލިވެ ކަމަށެވެ. އަދި ލޯބިލޯބި ކާފަ ދަރިއަކު ހުރިނަމަވެސް އެ ކުއްޖާ އުރާލުމުގެ ނަސީބެއް ވެސް ނުލިބެ އެވެ. އެހެންވެ އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާތީ އަމިއްލައަށް ހައްޔަރުވީ އެވެ.

"އަހަރެން ވަގަށް ނެގީ އެންމެ 156 ޔުއާން. އޭގެ ބަދަލުގައި އަހަރެން 14 އަހަރު ހޮހަޅައިގައި ގައިދުވެގެން އުޅެފިން. އަދި އެކަމާ އަހަރެން ވަރަށް ހިތާމަކުރަން،" ލިއުގެ މައްސަލަ ތަހުގީގުކުރާ ޓީމުގެ މެންބަރުން ކައިރީ ލިއު ބުނި ކަމަށް ވެއެވެ.

ލިއު އޭނާގެ ގެއަށް ހަދައިގެން 14 އަހަރު ވަންދެން ދިރިއުޅުނު ހޮހަޅަ އޮންނަނީ ޖަންގަލީގެ ވަރަށް ފުނުގަ އެވެ. މީހުން ދިރިއުޅޭ ހިސާބަކުން އެ ހޮހަޅައާ ހަމައަށް ދާން 10 ކިލޯމީޓަރުގެ ރާސްތާއެއް ޖަންގަލި ތެރޭގައި ހިނގަން ޖެހޭނެ އެވެ.

އަމިއްލައަށް ގައިދުވެގެން 14 އަހަރު ލިއު އުޅެފައިވީ ނަމަވެސް އޭނާއަށް އަދިވެސް ގާނޫނީ ގޮތުން ލިބެން ޖެހޭ އަދަބު ލިބޭނެ އެވެ. ޗައިނާ ގާނޫނު ބުނާ ގޮތުން ވައްކަމަކީ ވަރަށް ބޮޑު ޖިނާއީ ކުށެކެވެ. އެހެންކަމުން ތިން އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ލިއު އަށް އަންނާނެކަމަށް ބެލެވެ އެވެ.