ކ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ 30 އަހަރުފެ ދިވެހި ފިރިހެނެއް ރާއްޖެއިން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފަތުރުވެރިޔާ ރޭޕް ކުރި ކަމަށް ތުހުމަތުކުރަނީ ރިސޯޓުގައި ބަޓްލަރެއްގެ ވަޒީފާގައި އުޅޭ މީހަކަށެވެ.
ރޭޕްގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ ހަވަނަ ދުވަހު އެވެ.
ފަތުރުވެރިޔާގެ ތުހުމަތުތާ ގުޅިގެން ރިސޯޓުން ބުނެފައިވަނީ އެ މައްސަލަތައް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި މައްސަލައިގައި މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށްވެސް ރިސޯޓުން ބުނެފައިވެ އެވެ.
ރޭޕްގެ ޝިކާރަކަށްވި ޗައިނާ ފަތުރުވެރިޔާ ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ.
މިސިޓީގައި ބުނެފައިވަނީ އޭނާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ދިމާވި ކަންތައްތަކާ ގުޅިގެން ރާއްޖޭގެ މުއައްސަސާތަކުގެ އެހީ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އެހެންވެ މައްސަލައިގައި އިންސާފު ނުލިބުމުން އިންތިހާއަށް މާޔޫސްވާ ކަމަށާއި މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް ފަތުރުވެރިޔާ ވަނީ އެދިފަ އެވެ. އަދި މައްސަލަ ފުލުހުންނަށް ހުށަހަޅައި މައްސަލައިގައި ގާނޫނީ އެހީ ހޯދަން މަސައްކަތްކުރި ނަމަވެސް ރާއްޖޭގެ މުއައްސަސާތަކުން އޭނާއަށް އެހީވާން ބޭނުންނުވި ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ ރިސޯޓެއްގައި ރޭޕްކޮށްފައިވާ ކަމަށް ބުނެ އެ ފަތުރުވެރިޔާ ކުރި ޓްވީޓް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.