ދުނިޔެ

ބައިޑަން-ޕޫޓިން: ވީޑިއޯ މެދުވެރިކޮށް ބައްދަލު ކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވީޑިއޯ މެދުވެރިކޮށް ބައްދަލު ކުރައްވައިފި އެވެ. ބައްދަލު ކުރެއްވުމުގެ ދިގުމިނަކީ ދެގަޑި އެއްމިނެޓެވެ.

ދެރައީސުންގެ ބައްދަލު ކުރެއްވުމުގައި މައިގަނޑު މައުލޫއަކީ ޔުކްރޭން އެވެ. އަރިމަތީ ސުރުޚީތައް ވެސް ހުއްޓެވެ. އޭގެ ތެރޭގައި އީރާން ނިއުކްލިއާ މަޝްވަރާތަކާއި އެމެރިކާއިން ރަޝިއާ ޑިޕްލޮމެޓުންނަށް ދަތިކުރާ ވާހަކަ އަދި އެމެރިކާ އާއި ރަޝިއާއާ ދެމެދުގައި ލައްޖެހިފައި ހުރި ބައެއް މައްސަލަތް ވެސް ހިމެނެ އެވެ.

ޖޯ ބައިޑަން ދެއްކެވި ވާހަކަތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ރަޝިއާއިން ޔުކްރޭން ބޯޑަރުގައި ބަރުހަތިޔާރު ބަހައްޓާ މައްސަލަ އެވެ. އަދި ޔުކްރޭންއާ ކައިރިއަށް އަސްކަރީ ފައުޖުތައް ޖަމާކުރާ މައްސަލަ އެވެ.

އެމެރިކާ އާއި ޔޫރަޕަށް ހީވެފައި އޮތީ ރަޝިއާގެ ފައުޖުތައް ޔުކްރޭން-ރަޝިއާ ބޯޑަރުގައި ހަރަކާތްތެރިވަނީ ޔުކްރޭންއަށް އުދުވާނީ ހަމަލާއެއްދީ އެގައުމަށް އަރައިގަތުމަށް ކަމަށެވެ.

ރަޝިއާއިން 2014 ގައި ކްރައިމިއާ އަށް އަރައިގަނެ ރަޝިއާއާ އެއްކޮށްލައި ހީރާސްޖަހާލި ހަނދާން ދުނިޔެ އަދި ހަނދާން ނެތޭހާ ނުވެ އެވެ.

ޕޫޓިންގެ ވާހަކަތަކުގައި ބައިޑަންއާ ކުރެއްވި ސުވާލު ތަކެކެވެ. އޭނާ ސުވާލުކުރެއްވީ އެމެރިކާއާ ޔޫރަޕަށް މުޅި މަންޒަރު ނުފެންނަނީ ކީއްވެތޯ އެވެ. ރަޝިއާއާ އިންވެގެން އޮތް ޔުކްރޭންގައި ނޭޓޯ ސިފައިން ކުރަނީ ކީއްތޯ އެވެ. ނޭޓޯއަށް ނިސްބަތްވާ ގައުމުތަކުން ޔުކްރޭނަށް ހަދިޔާކުރާނީ ކޮންބާވަތެއްގެ ހަތިޔާރެއްތޯ އެވެ.

ރަޝިއާއިން ޔުކްރޭނަށް ހަމަލަދީ ހިސޯރުކޮށްފާނެ ކަމަށް އެމެރިކާއާ ޔޫރަޕުން ބިރުގަންނަ ފަދައިން ނޭޓޯ ސިފައިން ރަޝިއާގެ ފުލަށްބުޑުގައި ކުރާ ކަމަކާ މެދު ވިސްނައި ހަރަކާތްތެރިވުމަކީ ރަޝިއާ އަށް އޮތް ވާޖިބެއް ނޫންތޯ ވެސް ޕޫޓިން ސުވާލު ކުރެއްވި އެވެ.

ބައިޑަން ވިދާޅުވީ ރަޝިއާއިން ޔުކްރޭނަށް އަރައިގެންފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޔުކްރޭންއަކީ މުސްތަގިއްލު ގައުމެއް ގޮތުގައި އޮތުމަށް އެހީތެރިވެ ދެއްވާނެ ކަމަށެވެ.

މިއަހަރު މެދާހިސާބުގައި ކަޅުކަނޑުގައި ހާލަތު ބަދަލުވެގެން ދިއަ ގޮތް ބައިޑަންއަށް އެނގިވަޑައި ގަންނަވާތޯ ޕޫޓިން ސުވާލުކުރެއްވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ކަޅުކަނޑަކީ ބައިނަލްއަގުވާމީ އުޅަދުފަހަރަށް ދަތުރުކުރެވެން ޖެހޭ މަގެއް ކަމަށް ބުނެ އިނގިރޭސި މަނަވަރުން އެހެންލާފައި ދިޔައީ ނޫން ކަމަށާއި އެއީ ރަޝިއާއަށް ޖެއްސުންކުރަން ރާވައިގެން އައި އުޅަނދެއް ކަމަށެވެ.

ޕޫޓިން ވިދާޅުވީ ނޭޓޯ ސިފައިން ރަޝިއާއާ އެހާ ގާތުގައި ތިބުމަކީ މައްސަލައެއް ކަމަށާއި ސުލްހައަށް އެދޭ ނަމަ ނޭޓޯ ސިފައި ދެން އިތުރު އިންޗިއަކަށް ވެސް ރަޝިއާއާ ކައިރިއަށް ނުޖެހޭނެކަން އެމެރިކާއިން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

ދެރައީސުންގެ ބައްދަލު ކުރެއްވުން ނިންމާލީ ޚިޔާލު ތަފާތުވާ މައުލޫތަކުގައި މަޝްވަރާ ކުރެއްވުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެވެ. އަދި އަންނަ އަހަރު ކުރީކޮޅު އަލުން ބައްދަލު ކުރެއްވުމަށް އުންމީދު ކުރައްވަމުންނެވެ.