ދުނިޔެ

އިންޑިއާއަށް އެސް400 ސަޕްލައިކުރާނެ: ރަޝިއާ

އިންޑިއާއާ އެކު އެއްބަސްވެފައި އޮތް ގޮތަށް އެސް400 މިސައިލް ޑިފެންސް ސިސްޓަމް ސަޕްލައިކުރާނެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީ ބުނެފި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އޭޝިއަން ނިއުސް އިންޓަނޭޝަނަލްއަށް ވިދާޅުވި ގޮތުގައި ރަޝިއާއިން އިންޑިއާއަށް އަސްކަރީ ނިޒާމްތައް ފޯރުކޮށްދިނުމާ މެދު އެމެރިކާ ދެކޭ ގޮތް މުހިންމެއް ނޫނެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ލަވްރޯފް ވިދާޅުވީ އެމެރިކާއިން އެދޭހާ ގޮތަށް އިންޑިއާ ސަރަހައްދު ބައްޓަން ނުކުރެވޭނެ ކަމަށެވެ. އެމެރިކާއިން ތަންފީޒުކުރަން އެދެނީ އެމީހުންގެ އެޖެންޑާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާ އާއި އިންޑިއާ އޮތީ މިނިވަން ވިޔަފާރީގައި އުފެދިފައި އޮތް ގާތް ގުޅުމެއް ކަމަށް ލަވްރޯފް ވިދާޅުވި އެވެ. އިންޑިއާ ލައްވައި ވަކި އުސޫލުތަކަކަށް އަލަކުރުވުމަކީ ދުވަހަކު ވެސް ރަޝިއާ ގެންގުޅޭނެ އެޖެންޑާއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިނޑިއާއާ އެކު އޮތް މަޝްވަރާ ބައްދަލު ކުރެއްވުމުގައި ރަޝިއާއިން ބައިވެރިވެ ވަޑައިގަތީ އެގައުމުގެ ޑިފެންސް މިނިސްޓަރު، ސަރުގޭ ޝޮއިގޫ އާއި ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އެވެ. އިންޑިއާއިން ބައިވެރިވެ ވަޑައިގަތީ އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަންތު ސިންގް އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު އެވެ.

ރަޝިއާ އަކީ އިންޑިއާއަށް މުއާމަލާތްކުރަން ފަސޭހަ ގައުމެއް ގޮތުގައި އިންޑިއާ ސަރުކާރުގެ ވަޒީރުން ސިފަކުރައްވަ އެވެ. އަދި ރަޝިއާ އަކީ ބޭނުން ޖެހިއްޖެ ކޮންމެފަދަ ހާލަތެއްގައި ވެސް އިންޑިއާއަށް އަޅާލާ ގައުމެއް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ރަޝިއާގައި އުފައްދާ މިސައިލް ޑިފެންސް ސިސްޓަމް، އެސް400 އިންޑިއާގައި ބެހެއްޓުމަކީ އެމެރިކާ އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫނެވެ.

އިންޑިއާ އާއި އެމެރިކާއާ އޮތް ގާތް ގުޅުމާއެކު ވެސް އެސް400 ބަހައްޓާން އިންޑިއާއި ނިންމައި މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އިންޑިއާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރެއްވި އޮފިސަރުން ވިދާޅުވާ ގޮތުގައި އިންޑިއާގެ މަސްލަހަތު ބެލެހެއްޓުމަށް ހަމައެކަނި އެމެރިކާއަށް ބަރޯސާކުރުން އާޚިރުގައި ވާނީ މޮޔަކަމަކަށެވެ.