ޖަރުމަނުގެ އާ ޗާންސެލަރު އޯލަފް ޝޯޒް މިއަދު މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ އެވެ. ޚަބަރުތައް ބުނާ ގޮތުން އާ ސަރުކާރަށް ފުރުސަތު ދިނުމަށް ޕާލަމެންޓުން މިއަދު ގޮތެއް ނިންމާނެ އެވެ.
އޯލަފް ޝޯޒް ޗާންސެލަރު ކަމާ ހަވާލުވެ ވަޑައިގަތުމާއެކު އެންޖެލާ މާކެލް އިސްތިއުފާ ދެއްވާނެ އެެވެ. އެކަމަނާ ކުރިން ވެސް އޮތީ އެގޮތަށް ހަމަޖައްސަވައި އިންތިހާބުގައި ވެސް ބައިވެރިވެ ވަޑައިނުގަންނަވާ ގޮތަށް ނިންމަވާފަ އެވެ.
އާ ޗާންސެލަރު މަގާމާ ހަވާލުވެ ވަޑައިގަތުމާ ހިސާބުން އެންޖެލާ މާކެލްގެ 16 އަހަރުވީ ވެރިކަން ވެސް ނިމިގެން ދާނެ އެވެ.
އޯލަފް ޝޯޒް އަކީ މަޑުމައިތިރި ކަމަށް ލޯބިކުރައްވާ އަދި މިޒާޖުގައި ވެސް މަޑުމައިތިރިކަން ހުންނަ ބޭފުޅެއް ކަމަށްވެ އެވެ. އެހެން ނަމަވެސް، މިފަހަރު ޖަރުމަނަށް އާ ސަރުކާރެއް ގެނައުމުގައި އޯލަފް ޝޯޒް އަށް ޖެހިވަޑައިގެންފައި އެވަނީ ތިން ޕާޓީއާ އެކު މަސައްކަތް ކުރެއްވުމަށެވެ.
އާ ޗާންސެލަރު މަގާމާ ހަވާލުވެ ވަޑައިގަންނަވާއިރު ކުރިފުޅުމަތީގައި ހުރި އެންމެ ބޮޑެތި މައްސަލަތަކަކީ ކޮވިޑްގެ ހާލަތާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯއްދެވުމެވެ.
އާ ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކަށް އާންމުންގެ ތާއީދު އޮތް ގޮތެއް ވެސް އަދި ނޭނގެ އެވެ. އެހެން ނަމަވެސް އޯލަފް ޝޯޒް ކުރިން ވިދާޅުވި ގޮތުގައި އިސްލާހީ ފިޔަވަޅުތަކާ އެކު ގައުމުގައި ރަނގަޅުކުރަން ހުރި ކަންތައްތަކަށް އިސްކަން ދެއްވާނެ އެވެ.
ދުނިޔޭގެ ހަލަބޮލި މަޝްރަހުގައި އެންޖެލާ މާކެލް ޖަރުމަން ހިންގެވި ގޮތަށް އޯލަފް ޝޯޒް އަށް އެކަން ކުރެވިދާނެތޯ ވެސް އޮތީ ސުވާލު އުފެދިފަ އެވެ. އޯލަފް ޝޯޒް ވިދާޅުވާ ގޮތުގައި ޕާޓީތަކުގެ އެއްބާރުލުމާ އެކު އަމާޒަށް ވާސިލްވެވޭނެ އެވެ.