ދުނިޔެ

ލީބިޔާއަށް ޖަރުމަނުގެ އެހީތެރިކަން އަބަދުވެސް އޮންނާނެ: މާކެލް

ސިޔާސީ ގޮތުން ލީބިޔާ ހަމަޖެއްސުމަށާއި އިގުތިސޯދީ ތަރައްގީއަށް ޖަރުމަނުން އެހީތެރިވާނެ ކަމަށް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ. އެކަމަނާ އެހެން ވިދާޅުވީ ޕްރެޒިޑެންޝަލް ކައުންސިލް އޮފް ލީބިޔާގެ ޗެއާމަން، މުހައްމަދު އަލްމެންފީ ޖަރުމަނަށް ވަޑައިގަތުމުންނެވެ. އަދި ވިދާޅުވީ ޖަރުމަނުގެ އާ ސަރުކާރުން ވެސް ލީބިޔާއާ އެކު ދަމަހައްޓާނީ ހަމަ އެއް ސިޔާސަތެއް ކަމަށެވެ.

ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކާއެކު ބާލިން ގެންގުޅޭ ސިޔާސަތު ކަނޑައެޅުމުގައި ލީބިޔާއަށް ހާއްސް އިސްކަމެއް ޖަރުމަނުގައި އެކުލަވާލާ ކޯލިޝަން ސަރުކާރުން ވެސް ދެއްވާނެ އެވެ.

"ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތްތައް ހިނގަން ފަށާނެ،" މާކެލް ވިދާޅުވި އެވެ. "އެހެން ނަމަވެސް، ކަށަވަރު ކަމާއެކު އަޅުގަނޑަށް ދަންނަވަން ކެރޭ އާ ސަރުކާރުން ވެސް ލީބިޔާއާއެކު ދަމަހައްޓާނީ އެއް ސިޔާސަތެއްކަން"

މާކެލް ވިދާޅުވީ ޖަރުމަނުގެ ސަރުކާރު ބަދަލުވުމަކުން ލީބިޔާއަށް ދެރަ ގޮތެއް ނުވާނެ ކަމަށާއި ޖަރުމަނުން އެހީތެރިވާން ޖެހޭ ބޭރު ގައުމުތަކުގެ ލިސްޓްގައި ލީބިޔާ އޮތީ ވަރަށް ކުރީގައި ކަމަށެވެ.

"ޖަރުމަނުން ލީބިޔާއަށް ދޭ އެހީތެރި ކަމަށް ހުއްޓުމެއް ނާންނާނެ،" މާކެލް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެއްބާރުލުން މަނިކުފާނުމެންނާއެކު އޮންނާނެ"

މާކެލް ވިދާޅުވީ ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލު ކުރަން އެދެވެނީ ސިޔާސީ ގޮތުން ކަމަށާއި ގައުމަށާއި އަދި އެފްރިކާ ބައްރަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

ލީބިއާގައި ތިބި ބޭރު ސިފައިން ގައުމުން ބޭރު ކުރަން ޖެހޭ ކަމަށް ޗާންސެލަރު ވިދާޅުވި އެވެ. އަދި ލީބިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވެސް ގައުމުން ބޭރު ކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ލީބިއާގައި އާންމު އިންތިހާބަކާއި ރިޔާސީ އިންތިހާބެއް، މިހާރު ވެސް ކަނޑައަޅާފައި އޮތް ގޮތަށް ޑިސެމްބަރު 24 ބާއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މާކެލް ވިދާޅުވި އެވެ.

އެންޖެލާ މާކެލް ވަނީ ލީބީޔާގެ ލަސްލަހަތަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އަދި އދ. މެދުވެރިކޮށް ސިޔާސީ ގޮތުން ލީބިޔާ ސުލްހަ ކުރުމަށް ވެސް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އެންޖެމާ މާކެލް ޖަރުމަނުގެ ޗާންސެލަރުކަން ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް އާ ސަރުކާރު ގައުމު ހިންގަން ފަށަންދެން މަޑުކުރައްވާނެ އެވެ.