ދުނިޔެ

ޖަރުމަނުގެ އިންތިހާބު ސޯޝަލް ޑިމޮކްރެޓުން ކާމިޔާބުކޮށްފި

ޖަރުމަނުގައި އިއްޔެ އޮތް އާންމު އިންތިހާބު އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) ކާމިޔާބުކޮށްފި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

މި ނަތީޖާއާއެކު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ބެލެެވެނީ އޯލަފް ޝޯޒް އަށެވެ. އެހެން ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ގިނަ ގޮޑި ލިބޭ އިންތިހާދަކުން ޗާންސެލަރަކު ހޮވުމަކީ ވެސް އެކަށިގެންވާ ކަމެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އަށް ލިބިފައިވަނީ 25.7 ޕަސެންޓް ވޯޓެވެ. އެންޖެލާ މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން / ކްރިސްޓިއަން ސޯޝަލް ޔޫނިއަން (ސީޑީޔޫ / ސީއެސްޔޫ) އަށް 24.1 ޕަސެންޓެވެ.

މި އިންތިހާބަށް ފަހު ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް މަގާމު ދޫކޮށްލައްވާނެ އެވެ. އެކަމަކު އެކަމަނާ އަށް މަގާމު ދޫކޮށްލެވެން އޮތީ ޖަރުމަނުގައި އިއްޔެ އޮތް އާންމު އިންތިހާބުގެ ނަތީޖާ ފާޅުކޮށް އެކަމަނާގެ ބަދަލުގައި ވެރިކަމަށް ބޭފުޅަކު އިންތިހާބު ކުރެވުމުންނެވެ. އެންޖެލާ މާކެލް ޗާންސެލަރުކަން ދޫކޮށްލައްވަނީ 16 އަހަރަށް ފަހު އެވެ.

ޖަރުމަނުގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ވަކި ޕާޓީއަކަށް އަގުލަބިއްޔަތު ލިބުމަކީ ދުރުކަމެއް ކަމަށް ކުރިން ބުނެވުނު ނަމަވެސް ފަރަގު ކުޑަ ނަތީޖާއަކުން ވަކި ޕާޓީއެއް އިންތިހާބު ކާމިޔާބު ކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ޗާންސެލަރަކު ހޮވަން އިއްޔެ ބޭއްވި އިންތިހާބުގައި ނަތީޖާއަކާ ހަމައަށް އާދެވިފައި އޮތް އިރު ސަރުކާރެއް އެކުލަވާލައި ގައުމު ހިންގަން ފަށައިގަނެވޭ ވަރު ވާނެ ކަމަށް ބުނެވެނީ ޑިސެމްބަރާ ހިސާބުގަ އެވެ. އަނެއްކޮޅުން އެންޖެލާ މާކެލްގެ ބަދަލުގައި އެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކަށް ދުނިޔެ ކުރާ އިންތިޒާރު ވެސް ނިމެން އޮތީ ވެސް އެހާ ހިސާބުންނެވެ.

ޖަރުމަނުގެ އާންމު އިންތިހާބުން އާ ޗާންސެލަރަކާއި އާ ޕާލިމެންޓެއް ވެސް ހޮވާނެ އެވެ. އިލެކްޝަން ކޮމިޝަނުން ނަތީޖާ އިއުލާންކުރަންދެން ޕާޓީތަކަށް ލިބިފައިވާ ކަމަށް ބެލެވިފައި އޮތީ -- ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން / ކްރިސްޓިއަން ސޯޝަލް ޔޫނިއަން (ސީޑީޔޫ / ސީއެސްޔޫ) އަށް 24.2 ޕަސެންޓް އެވެ. އިދިކޮޅު ވާދަވެރި ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އަށް 25.7 ޕަސެންޓް އެވެ. އަދި ގްރީންސްއަށް 14.7 ޕަސެންޓެވެ.

ޗާންސެލަރު ކަމަށް ވާދަކުރެއްވި ބޭފުންގެ ތެރެއިން އެ ފުރުސަތު ލިބިވަޑައިގަންނަވާނީ އިންތިހާބު ކާމިޔާބުކުރާ ޕާޓީއަކުން ކަނޑައަޅާ ބޭފުޅަކަށެވެ. މިފަހަރު ޗާންސެލަރުގެ މަގާމަށް ވާދަކުރައްވަނީ ތިން ބޭފުޅެކެވެ. އެއީ ވެރިކަންކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީން އާމިން ލާޝެޓް އާއި ސޯޝަލް ޑިމޮކްރެޓިކް ޕާޓީން އޯލަފް ޝޯޒް އަދި ގްރީންސްގެ އެނާލީނާ ބިއާބޮކް އެވެ.

ވޯޓު ގުނައި އަދި ނުނިމެ އެވެ. ނަތީޖާ ދައްކަނީ ކުރިން އުއްމީދުކުރި ގޮތާ ޚިލާފަށް އިދިކޮޅަށް ބަރުކޮށެވެ. އިންތިހާބު ނަތީޖާ އެނބުރެމުންދާ ގޮތުން ވަކި ޕާޓިއަކަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ދެން އޮންނާނީ އިއްތިހާދުވުމެވެ. ޕާޓީތަކުގެ މެދުގައި މި މަޝްވަރާ މިހާރު އޮތީ ފެށިފަ އެވެ.