އިތާފުށި

އިތާފުށިން ދުނިޔެ އަށް މަޝްހޫރު ސުޕަޔޮޓް ދަތުރެއް

Dec 8, 2021

އިތާފުށީގައި ހިންގާ، ވޮލްޑޯފް އެސްޓޯރިއާ އިން ދުނިޔެއަށް މަޝްހޫރު ސުޕަ ޔޮޓު ޗާޓަރުކުރާ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން މަތީ ފަންތީގެ ވޮލްޑޯފް އެސްޓޯރިއާ އިން ވަނީ މަަޝްހޫރު ސުޕަޔޮޓް މޮނާކޯ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް އެ ކުންފުނީގެ ލަގްޒަރީ ޔޮޓުތައް ގެނެސް އިތާފުށި ރިސޯޓަށް އަންނަ މީހުންނަށް ޔޮޓުތައް ޗާޓަރު ކުރުމަށް މަގު ވަހިވެގެންދާނެ އެވެ.

މެލްޓީން ފެލްކަން ގެ ނަމުން ނަން މަޝްހޫރު ވެފައިވާ ތިން ކުނބު ޖަހައި ރިޔަލާއި އިންޖީނު ހުންނަ މި ޔޮޓުގައި އޯވަނައިޓް ކުރާ މީހުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތް ތަކެއް ފުރިހަމަކޮށްފައިވެ އެވެ. މި އުޅަނދުގައި އެއް ފަހަރާ 12 ޓޫރިސްޓުންނަށް ޗުއްޓީ ހޭދަ ކުރެވޭނެ އެވެ.
ގާތްގަނޑަކަށް 289 ފޫޓުގެ މި އުޅަނދު ކުއްޔަށްދޭ ކަމަށް އެ ކުންފުނީގެ ސައިޓުގައިވަނީ ހަފުތާ އަކަށް 460,000 ޔޫރޯ އާއި 520,000 ޔޫރޯއާ ދެމެދުގަ އެވެ.

މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅު ފަޅެއް ހިއްކައިގެން ތަރައްގީކޮށްފައިވާ އިތާފުށްޓަށް އަންނަ ޓޫރިސްޓުންނަށް ޗުއްޓީ ހޭދަކޮށްލަން ލިބިގެން ދިޔަ މި ޔޮޓަކީ ދުނިޔޭގެ އެންމެ ރީތި އެއް ޔޮޓުތަކުގެ ތެރޭގައި ހިމެނޭ ނަން މަޝްހޫރު އުޅަނދެކެވެ. މި ޔޮޓަށް 2007 ވަނަ އަހަރު އެވޯޑެއްވެސް ލިބިފައިވެ އެވެ.