މާލޭގެ ޓީޖެޓީ، ސިޓީ ކައުންސިލާ ހަވާލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދީފައިވާ މުއްދަތު ހަމަވާތީ އެ ބަނދަރާ ހަވާލުވުމުގެ މަސައްކަތް ފަށަން ކައުންސިލުން ނިންމައިފި އެވެ.
ޓީޖެޓީ އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރަން ތިން މަސްދުވަހުގެ މުއްދަތެއް އެމްޕީއެލްއަށް ކައުންސިލުން ވަނީ ދީފަ އެވެ. މިމަހުގެ 12 ވަނަ ދުވަހަށް އެ މުއްދަތު ހަމަވާތީ ކައުންސިލްގެ އާންމު ޖަލްސާއިން މިއަދު ވަނީ އެތަނާ އަނބުރާ ހަވާލުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށަން ވަނީ ފާސްކޮށްފަ އެވެ.
ސިޓީ ކައުންސިލްގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ ޓީޖެޓީ ސަރަހައްދު އެމްޕީއެލްގެ އިހުތިސޯސްގެ ތެރޭގައި އޮންނާތީ އެތަނުން މާލޭގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭ ކަމެވެ. މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެތަނުން ލިބޭ އާމްދަނީއިން ރައްޔިތުންނަށް އެތައް ހިދުމަތެއް ކޮށްދެވޭނެ ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ.
އެމްޕީއެލް އާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. މުއިއްޒު ވިދާޅުވެފައި ވަނީ ގާނޫނީ ގޮތުން އެތަން އަދިވެސް އޮތީ ކައުންސިލްގެ ދަށުގައި ކަމަށެވެ.
ޓީޖެޓީ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކައުންސިލުން ވަނީ ރައީސް އޮފީހުގައި ވެސް އެދިފަ އެވެ. އެކަމަކު އެކަން ކޮށްދޭންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުން ސިޓީ ފޮނުވާފައިވާ ކަމަށާއި އެއީ ލާމަރުކަޒީ ގާނޫނާ ހިލާފުކަމެއް ކަމަށް ވެސް މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޓީޖެޓީ ސިޓީ ކައުންސިލްގެ ދަށުގައި އޮއްވައި އެތަން އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭރު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގަ އެވެ.