މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮށްފައިވާ މާލޭގެ ޓީޖެޓީ، އެކުންފުނީގެ ބާރުގެ ދަށުން ނެގޭނީ ހައުސިން މިނިސްޓްރީއަށް ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީން ޓީޖެޓީ އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގެ ދަށުން ކަމަށެވެ. އެ އެމްއޯޔޫގައި އެއްވެސް މުއްދަތެއް ނެތް ކަމަށެވެ. އެހެންކަމުން އެތަން އެމްޕީއެލްގެ ދަށުން ނެގުމުގެ ބާރު އޮންނާނީ ހައުސިން މިނިސްޓްރީއަށް ކަމަށް ވެސް ދާނިޝް ވަނީ ވިދާޅުވެފަ އެވެ.
ދާނިޝް މިހެން ވިދާޅުވެފައި މިވަނީ ޓީޖެޓީ އެމްޕީއެލްގެ ދަށުން ނެގުމުގެ މަސައްކަތް ފަށަން މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނިކޮށެވެ.
ޓީޖެޓީ އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރަން ތިން މަސް ދުވަހުގެ މުއްދަތެއް އެމްޕީއެލްއަށް ދީފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހަށް ހަމަވާތީ ކައުންސިލްގެ ބައްދަލުވުމުން، އެތަނާ އަނބުރާ ހަވާލުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށަން ވަނީ ފާސްކޮށްފަ އެވެ.
ސިޓީ ކައުންސިލްގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ ޓީޖެޓީ ސަރަހައްދު މާލޭގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް އެމްޕީއެލްގެ ބާރުގެ ދަށުގައި އޮތުމެވެ. މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެތަނުން ލިބޭ އާމްދަނީން ރައްޔިތުންނަށް އެތައް ހިދުމަތެއް ކޮށްދެވޭނެ ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ.
އެމްޕީއެލްއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެހެންކަމުން ގާނޫނީ ގޮތުން އެތަން މިހާރު އޮތީ ކައުންސިލްގެ ދަށުގައި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޓީޖެޓީ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކައުންސިލުން ވަނީ ރައީސް އޮފީހުގައި ވެސް އެދިފަ އެވެ. އެކަމަކު އެކަން ކޮށްދޭންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުން ސިޓީ ފޮނުވާފައިވާ ކަމަށާއި އެއީ ލާމަރުކަޒީ ގާނޫނާ ހިލާފުކަމެއް ކަމަށް ވެސް މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ސިޓީ ކައުންސިލްގެ ދަށުގައި އޮއްވައި ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ. އޭރު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގަ އެވެ.