މާލޭ ސިޓީ ކައުންސިލް

ޓީޖެޓީ މައްސަލަ ކޯޓަށް ވައްދަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭގެ ޓީޖެޓީ، ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރެއަށް ގެންދަން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ކައުންސިލުން މިއަދު ވަނީ ޓީޖެޓީއާ ހަވާލުވުމަށް އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. ކައުންސިލަރުން ޓީޖެޓީ ސަރަހައްދަށް ވަޑައިގަތީ އެތަން ހަވާލު ކުރުމަށް އެމްޕީއެލަށް ދިން 90 ދުވަހުގެ ނޯޓިސް މި މަހުގެ 12 ވަނަ ދުވަހަށް ހަމަވުމުން އޭގެ ފަހުން އިތުރަށް ދިން ހަތް ދުވަސް ވެސް ހަމަވުމުންނެވެ.

ނަމަވެސް އެތައް އިރެއްވީ އިރުވެސް އެމްޕީއެލްގެ ފަރާތުން އެއްވެސް އިސް ބޭފުޅަކު އެ ސަރަހައްދަށް ވަޑައިގެންފައެއް ނުވެ އެވެ.

އެސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަރީޝް ވަނީ މީގެ ކުރިން ކަން ހިނގާފައިވާ ގޮތް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އެމްޕީއެލްގެ ސީނިއާ މެނޭޖްމެންޓާ މި މައްސަލައިގައި ބައްދަލު ކުރުމުން، ޓީޖެޓީ އަދި ނޯތު ހާބަރަކީ އެ ކުންފުންޏަށް ބޭނުންތެރި ތަނެއް ނޫން ކަމެއް ބުނެފައިވާ ކަމަށް ނަރީޝް ވިދާޅުވި އެވެ. އަދި އެ ކުންފުނިން ފޯކަސް ކުރަން ބޭނުން ވަނީ މާލޭގެ ވިޔަފާރި ބަންދަރަށް އެކަނި ކަމަށް ވިދާޅުވި ކަމަށެވެ.

އޭގެ ފަހުން ދެވަނަ މީޓިންގައި އެމްޕީއެލްގެ ބޯޑުން ނިންމާފައި ވަނީ ޓްރާންސްޕޯޓް އަދި ހައުސިން މިނިސްޓްރީއާ ކައުންސިލުން ވާހަކަ ދެއްކުމަށް ކަން ކައުންސިލަށް އެކުންފުނިން އެންގި ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ. އެކަމަކު ކައުންސިލްގައި ހުރި އެއްވެސް ލިޔެކިޔުމަކުން އެ ދެ މިނިސްޓްރީއާ ވަހަކަ ދައްކަންޖެހޭ އެއްވެސް ސަބަބެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކަށްވީ މާލޭގެ ރައްޔިތުންގެ ދެ ބިމެއް މާލޭގެ ރައްޔިތުންނަށް އެންމެ ލޯ ލާރިއެއްވެސް ނުލިބޭ ގޮތަށް ކުންފުންޏަކުން ހިންގާ ހިންގުމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމަކަށް ނުވި. އެ ހިސާބުން އަޅުގަނޑުމެން އެމްޕީއެލްއާ އެކީ ނެގޯޝިއޭޓް ކުރަން މަސައްކަތްކުރިން. ބިމު ކުއްޔަށްވާ ފައިސާ އަޅުގަނޑުމެންނަށް ދައްކައިގެން ނަމަވެސް އެމްޕީއެލުން މިތަން ހިންގަން ބުނިން. އެގޮތަކަށް ވެސް އެމްޕީއެލް އިން ތައްޔާރުވާން ބޭނުންނުވެ އަޅުގަނޑުމެންނާ ރައީސް އޮފީހާ ޖާމިނުކުރުވީ،"

ނަރީޝް ވިދާޅުވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާންއާ ބައްދަލުކުރެއްވި ކަމަށާއި، ޓީޖެޓީ އަދި ނޯތު ހާބަރަކީ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި އޮންނަތަނެއް ކަމަށް އެ ބޭފުޅާ ވެސް ގަބޫލުކުރެއްވި ކަމަށެވެ. އަދި އެ ބިންތަކާ ގުޅިގެން ނިންމަން ޖެހޭ ކޮންމެ ނިންމުމެއް ނިންމަން ޖެހޭނީ ކައުންސިލާ މަޝްވަރާކޮށްގެން ކަމަށް ހަމްދާން ވެސް ވިދާޅުވި ކަމަށެވެ.

މައްސަލަ ޖެހިގެން މިއުޅެނީ އެމްޕީއެލް އިން އެތަން ހިންގާތީ ނޫން ކަމަށާއި، އެކަމަކު ރައްޔިތުންނަށް އެތަނުން ލިބެންޖެހޭ ނަފާ ނުލިބޭތީ ކަމަށް ތަކުރާރުކޮށް ނަރީޝް ވިދާޅުވި އެވެ. އަދި ޓީޖެޓީއަކީ މުއްދަތެއް ނެތް ގޮތަށް އެމްޕީއެލްއަށް ދޫކޮށްފައިވާ ތަނެއް ކަމަށް އެކުންފުނިން ބުނެފައިވާތީ، އެ ލިޔެކިޔުން ދެއްކުމަށް ވެސް ނަރީޝް ގޮވައިލެއްވި އެވެ. ނުވަތަ އެބުނާ އެއްބަސްވުން ކޯޓަށް ހުށަހެޅަށް އެމްޕީއެލްގެ އަރިހުން އެދިވަޑައިގަތެވެ.

"އެމްޕީއެލްއަށް ދިން މުއްދަތު ހަމަވީމަ މިތަނަށް މިއައީ. އައީމަ އެމްޕީއެލްގެ ވެރިންނަކަށް ނުކެރުން މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގަ ކައުންސިލްއާ ބައްދަލުކުރަން ވަޑައިގަންނަވާކަށެއް. އަދި އެމްޕީއެލްއަކަށް މިވީ 97 ދުވަހުގެ ތެރޭގަ އަޅުގަނޑުމެންނާ ނެގޯޝިއޭޓްކޮށް ވާހަކަ ދައްކާކަށް ވެސް އެމްޕީއެލްއަކަށް ނުކެރުނު މާލެ ސިޓީ ރައްޔިތުންގެ ހައްގުގަ،" ނަރީޝް ވިދާޅުވި އެވެ.

ޓީޖެޓީ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކައުންސިލުން ވަނީ ރައީސް އޮފީހުގައި ވެސް އެދިފަ އެވެ. އެކަމަކު އެކަން ކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުން ވަނީ ސިޓީ ކައުންސިލަށް ޖަވާބު ދީފަ އެވެ.

ސިޓީ ކައުންސިލްގެ ދަށުގައި ޓީޖެޓީ އޮއްވައި އެތަން އެމްޕީއެލްއާ ހަވާލު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭރު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގަ އެވެ.