މާލޭ ސިޓީ ކައުންސިލް

ޓީޖެޓީގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

Jan 1, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭގެ ޓީޖެޓީ، މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނައުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޓީޖެޓީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަަމަށެވެ. އިތުރު މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެވެ.

މާލޭ ސިޓީގެ ކައުންސިލަރުން މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ވަނީ ޓީޖެޓީއާ ހަވާލުވުމަށް އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. ކައުންސިލަރުން ޓީޖެޓީ ސަރަހައްދަށް ވަޑައިގަތީ އެތަން ހަވާލު ކުރުމަށް އެމްޕީއެލަށް ދިން 90 ދުވަހުގެ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހަށް ހަމަވުމުން އޭގެ ފަހުން އިތުރަށް ދިން ހަތް ދުވަސް ވެސް ހަމަވުމުންނެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މީގެކުރިން ވިދާޅުވީ ޓީޖެޓީގެ މައްސަލާގައި އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓާ އެންމެ ފުރަތަމަ ބައްދަލުކުރުމުން، ޓީޖެޓީ އަދި ނޯތު ހާބަރަކީ އެ ކުންފުންޏަށް ބޭނުންތެރި ތަނެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ވިޔަފާރި އަމާޒުކުރަން ބޭނުން ވަނީ މާލޭގެ ވިޔަފާރި ބަންދަރަށް އެކަނި ކަމަށް ވިދާޅުވި ކަމަށެވެ.

އޭގެ ފަހުން ދެވަނަ ބައްދަލުވުމުގައި އެމްޕީއެލްގެ ބޯޑުން ނިންމާފައި ވަނީ ޓްރާންސްޕޯޓް އަދި ޕްލޭނިން މިނިސްޓްރީއާ ކައުންސިލުން ވާހަކަ ދެއްކުމަށް ކަމަށް އެކުންފުނިން ކައުންސިލަށް އެންގި ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ.

"އެކަމަކު ކައުންސިލްގައި ހުރި އެއްވެސް ލިޔެކިޔުމަކުން އެ ދެ މިނިސްޓްރީއާ ވަހަކަ ދައްކަންޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ނެތް،" ނަރީޝް ވިދާޅުވި އެވެ.

ޓީޖެޓީގެ މައްސަލާގައި އެމްޕީއެލް އިން އެންމެ ފަހުން ބުނީ ޕްލޭނިން މިނިސްޓްރީން ޓީޖެޓީ އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގެ ދަށުން ކަމަށެވެ. އެ އެމްއޯޔޫގައި އެއްވެސް މުއްދަތެއް ނެތް ކަމަށާއި އެހެންކަމުން އެތަން އެމްޕީއެލްގެ ދަށުން ނެގުމުގެ ބާރު އޮންނާނީ ޕްލޭނިން މިނިސްޓްރީ އަށް ކަމަށްވެސް އެމްޕީއެލް އިން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ކަނޑައެޅުއްވިއިރު ޓީޖެޓީ އަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެކެވެ.