ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން ގެންދާ ކުންފުނި -- ނައިންޓީ ނައިން ހޯލްޑިން އިން ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދޭ ކަމަށް ބުނެ އެ ކުންފުންޏަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލު ކުރަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުން ބާތިލު ކޮށްފި އެވެ.
ނައިންޓީ ނައިން ހޯލްޑިން އަށް ވިލިމާލެއިން ދޫކޮށްފައިވާ ބިންތައް ހުސްކުރަން ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލު ކުރަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ހައި ކޯޓުން މި އަމުރު ބާތިލް ކޮށްފައިވަނީ ސިޓީ ކައުންސިލުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އިއްޔެ ކުރި ހުކުމެއްގަ އެވެ.
ބަގީގެ ހިދުމަތްދޭން ހަވާލުކުރި ކުންފުނިން ވިލިމާލޭގައި އެ ހިދުމަތް ނުދޭ ކަމަށް ބުނެ ސިޓީ ކައުންސިލުން ވަނީ އަމިއްލައަށް ބަގީގެ ހިދުމަތް ދިނުމަށް ތައްޔާރުވެފަ އެވެ. އެގޮތުން މި މަހުގެ ފަހުކޮޅު 10 ބަގީ ގެނެސް އަންނަ މަހުގެ ކުރީ ކޮޅު ހިދުމަތް ދޭން ފަށާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ނިންމާ 10 ބަގީ މާލެ ގެނައުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައި ވަނިކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފަށާފަ އެވެ.
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފެށުމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަހުގެ ހިދުމަތް ފެށީ ސިޓީ ކައުންސިލާ މަޝްވަރާނުކޮށް ކަމަށެވެ.
ވިލިމާލެ އަކީ ތެޔޮ އަޅައިގެން ދުއްވާ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ މާލޭގެ ހަމައެކަނި އަވަށެވެ.