ކުނި މެނޭޖް ކުރުން

ބ. އަތޮޅުން ކުނި ރީސައިކަލް ކުރަން ބޭރަށް

ބ. އަތޮޅުގެ ހަތް ރަށަކުން، 50 ޓަނުގެ ކުނި ރީސައިކަލް ކުރަން ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.

އެ ކުނިތައް ބޭރަށް ފޮނުވާފައިވަނީ ކުނި ރައްކާތެރިކޮށް ނައްތާލުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ސޮނޭވާފުށި ރިސޯޓުގެ ސޮނޭވާފުށި ނަމޫނާ އެންޖީއޯގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއްގެ ގޮތުގަ އެވެ. ބޭރަށް ފޮނުވާފައިވަނީ ޕްލާސްޓިކާއި ދަގަނޑާއި ކަރުދާހުގެ ބާވަތްތަކެވެ. ކުނި ފޮނުވީ އިންޑިއާ އަށެވެ.

ސޮނޭވާ ފުށި ނަމޫނާއިން ބުނީ އެ ކުނިތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން އެ ރަށްތަކަށް އާމްދަނީ ލިބޭނެ ކަމަށެވެ.

ކުނި ރީސައިކަލް ކުރުމުގެ ފުރަތަމަ މަޝްރޫއު ސޮނެވާއިން ކުރިއަށް ގެންދިޔައީ ބ. މާޅޮހުގަ އެވެ. މާޅޮހުގައި އީކޯ ސެންޓްރޯއެއް ހަދައި ބ. އަތޮޅުގެ ހަތް ރަށަކުން އެ މަޝްރޫއުގައި މިހާރު ވަނީ ބައިވެރިވެފަ އެވެ.

ސޮނޭވާފުށި ނަމޫނާ ޖަމިއްޔާގެ ރައީސާ އަޒޫރާ އަހްމަދު ވިދާޅުވީ ބ. އަތޮޅުގެ އިތުރު ރަށްރަށްވެސް މި ކަމުގައި ބައިވެރިކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އަދި މިހާރު އެ ހަރަކާތުގައި ބައިވެރިވެފައިވާ ރަށްތަކުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭ ކަމަށެވެ.

ބޭރަށް ކުނި ރީސައިކަލް ކުރުމަށް ފޮނުވާ މަޝްރޫގައި މިހާރު ބައިވެރިވަނީ ދޮންފަނު، ކަމަދޫ، ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ، ކިހާދޫ އަދި މާޅޮހެވެ.

ސޮނެވާ ނަމޫނާ އިން ބ. އަތޮޅުގައި އަންނަނީ ފަނާވާ ޒާތުގެ ކުނިން ކޯދު ހަދައި ގަސް ކާނާގެ ގޮތުގައި އެތަކެތި ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.