ފައިސަލް ނަސީމް

މާލެ ސަރަހައްދުގައި ބޮލަކަށް އެއް ކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭ: ފައިސަލް

މާލެ ސަރަހައްދުގައި ބޮލަކަށް އެއް ކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަން މިރޭ ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅު ގައެވެ.

ނައިބް ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ބޮލަކަށް އެއް ކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. ކުނީގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުން މުހިއްމު ކަމުގައި ވިދާޅުވި އެވެ.

"ވެށީގެ ސާފުތާހިރު ކަމަކީ ތަހުޒީބު މުޖުތަމައުތަކުން ފެންނާނެ އެންމެ މުހިއްމު އެއް ކަންތައް،" ކުނި އުފެދޭ މިންވަރު މަދުކުރުމަށް ބާރުއަޅުއްވާ ނައިބް ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކުނި މެނޭޖުކުރުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ މިސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. މި މަޝްރޫއު މުޅިން ނިމިގެންދާއިރު ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމާއި، އަތޮޅުތަކުގައި ކުނި މެނޭޖުކުރުމަށް ކުރެވިފައިވާ މަސައްކަތްތައްވެސް ފައިސަލްގެ ވާހަކަފުޅުގައި ހިއްސާކުރެއްވި އެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައިވަނީ، ރާއްޖޭގެ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައިވާތީ މޫދަށާއި ގޮނޑުދޮށްތަކަށް ކުންޏާއި ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާ ނޭދެވޭ އަސަރުތައް ބޮޑު ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭއިރު ސިއްހަތަށް އޮތް ނުރައްކާ ބޮޑުކަންވެސް ފާހަގަކުރެއްވި އެވެ.

މާލޭގައި ގާއިމުކުރެވުނު އައު ވޭސްޓް ޓްރާންސްފަ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަގުސަދުގައި ޒަމާނީ ވަސީލަތްތަކާއިއެކު ގާއިމުކޮށްފައިވާ 65،000 އަކަފޫޓުގެ ޖާގަ ތަނަވަސް ތަނެކެވެ.

މިތަން ފަރުމާކޮށްފައިވަނީ ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ގޮތަށެވެ. މިތަނުން ތިލަފުއްޓަށް ކުނި އުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ. މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ ޢިމާރާތަކީ، ކާރިސީ އަދި މޫސުމީ ހީރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.