އިންޑިއާ

އިންޑިއާގެ ޑިފެންސް ޗީފް އަވަހާރަވެއްޖެ

އިންޑިއާގެ ޑިފެންސް ޗީފް ބައިޕިން ރަވަތު ދަތުރު ކުރެއްވި ހެލިކަޕްޓަރު ވެއްޓި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެ އެވެ.

އަސްކަރީ ހެލްކޮޕްޓަރެއްގައި ޓަމިލް ނެޑޫ ސްޓޭޓަށް ދަތުރުކުރައްވަނިކޮށް ހެލްކޮޕްޓަރު ވެއްޓުނު ހާދިސާގައި ޑިފެންސް ޗީފް ބައިޕިން އަވަހާރަވިކަން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ދެންމެ ވަނީ ޔަގީންކޮށްދީފައެވެ. އެ ގައުމުގެ އިސްވެރިން ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަފާޅުކުރައްވަމުންނެވެ. އަދި ޑިފެންސް ޗީފްގެ އާއިލާއަށް ދަނީ ތައުޒިޔާ ފޮނުވަމުންނެވެ.

މި ހާދިސާ ހިނގިއިރު ހެލްކޮޕްޓަރުގައި 14 މީހަކު ތިއްބެވެ. އޭގެ ތެރޭގައި ޑިފެންސް ޗީފްގެ އަނބިކަނބަލުންވެސް ހިމެނިވަޑަައިގަންނަވައެވެ. ލިބިވަޑައިގެންނެވި ޒަހަމުތަކުގެ ސަބަބުން އެކަމަނާވެސް ވަނީ އަވަހާރަވެފައެވެ. އޭގެ އިތުރުން 11 ސިފައިންްގެ އޮފިސަރަކުވެސް ވަނީ މަރުވެފައެވެ.

މި ހާދިސާގައި ސަލާމަތްވީ ކެޕްޓަން އެކަނި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާގެ ހާލުވެސް ވަަރަށް ސީރިއަސް ކަމަށް އެ ރިޕޯޓްތައް ބުނެއެވެ. މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭނާގެ ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް ވަނީ ފިހިފައެވެ.

ހެލްކޮޕްޓަރު ވެއްޓުނު ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަން ކަމާބެހޭ އިދާރާތަަކަށް ސަރުކާރުން ވަނީ އަންގާފައެވެ.

ބައިޕިން ރަވަތުއަކީ އިންޑިއާގެ ފުރަތަމަ ޑިފެންސް ޗީފެވެ. އޭނާއަކީ އަސްކަރިއްޔާއަށް ހިދުމަތް ކުރުމުގެ ފަހުރުވެރި ތާރީހެއް އޮތް ބޭފުޅެކެވެ. ބައިޕިން ރަވަތު އަވަހާރަވުމާއި ގުޅިގެން އިންޑިއާއަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ.