ޑރ. ހުސައިން ރަޝީދު ހަސަން

ޔޫރަޕުން ބޮޑު ޑިއުޓީ ނެގުމަކީ އެންމެ ބޮޑު ގޮންޖެހުން: ޑރ. ހުސައިން

Dec 9, 2021

މަސްވެރިން ބާނާ މަހަށް ހަމައަގު ލިބުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރުމަށް ނަގާ ޑިއުޓީ ބޮޑުވުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކ. ގާފަރުގައި ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ހުސައިން ވިދާޅުވީ މިވަގުތުވެސް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުރިކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން މި ސިނާޢަތުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. އެކަމަށް އޮތް ގޮންޖެހުންތަކާއި ކުރަންޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭން ގެންދާ މަހަށް ޔޫރަޕުން ނަގާ ޑިއުޓީ ބޮޑުވުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"އެހެންކަމުން އެކަން ހައްލުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ގާފަރުގައި ކުރިއަށްދާ ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށެވެ. މިގޮތުން މަސްވެރިންނަށް ހަމައަގު ހޯދާ ދިނުމުގައި ހުރި ގޮންޖެހުންތަކަށާއި މަތީ އަގު ލިބޭ ޕްރިމިއަމް މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް އޮތް ފުރުސަތު ހަނިވަމުންދާ މައްސަލަ އަށާއި، ތެލުގެ އަގު އުފުލުމާއި، މަސްވެރިކަން ކުރުމުގެ ހަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށް ވާހަކަދައްކާފައިވެ އެވެ.

މިނިސްޓަރު ހުސައިން ވިދާޅުވީ މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށް ކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީއަގު ލިބޭ ގޮތަށް ޕްރޮސަސް ނުކޮށް، ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ވެސް ފޯރަމްގައި ވާހަކަ ދެކެވުނެވެ.

މީގެއިތުރުން ދެމެހެއްޓެނެވި ގޮތުގައި ދޮށިން އަދި އަތު ނަނުގައި ބާނާ މަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލެމުން ދިޔުމާއި، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ރާއްޖެއާއި ވާދަވެރި ބައެއް ގައުމުތަކަށް ރާއްޖެއަށް ވުރެ ކުޑަ އަގެއްގައި އިމްޕޯޓް މާކެޓްތަކަށް މަސް ވިއްކޭ މައްސަލަ ފޯރަމުގެ ބައިވެރިން ފާހަގަކުރި އެވެ. މަސްވެރިކަމާ ގުޅޭ ކަންކަން ތަރައްގީކޮށް، ކަންކަން އިސްލާހުކުރާއިރު އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުމަށްވެސް ބައިވެރިން އެދިފައިވެ އެވެ.

އެންވެރިކަމުގައި ހުރި ގޮންޖެހުންތަކާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށާއި އެންވެރިކަމަށް އަންނަ ގޮންޖެހުންތަކުގެ މައްޗަށްވެސް ފޯރަމްގައި މަޝްވަރާކޮށްފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމު ކުރި މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ދިމާވަމުންދާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދައި ބެލުމެވެ.

މިފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، މި ސިނާއަތުގައި ހަރަކާތްތެރިވާ މަސް ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ސިނާއަތުގެ ފަންނީ މާހިރުން ވެސް ބައިވެރިވެ އެވެ.