މީޑިއާނެޓް

ސީއެންއެންގެ "ރިކަނެކްޓް މޯލްޑިވްސް" ހޮނިހިރުގައި ޕްރިމިއާކުރަނީ

ރާއްޖެއާ ގުޅޭގޮތުން ސީއެންއެންއިން ތައްޔާރުކުރި އެޕިސޯޑް "ރިކަނެކްޓް މޯލްޑިވްސް" އަންނަ ހޮނިހިރު ދުވަހު ޕްރިމިއާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ސީއެންއެންއިން މި ގެނެސްދޭ އެޕިސޯޑުގައި ރާއްޖޭގެ ސަފާގަފާތައި އަދި ފަރުތަކާއި އަދި ކެއުން ބުއިމާ ގުޅޭ ކަންތައްތަކާ ގުޅޭ ގޮތުން އަލިއަލުވާލާނެ އެވެ.

އެގޮތުން ރާއްޖޭގައި އުޅޭ މަޑި ހިމާޔަތްކުރުމަށް ބެތު ފޯލްކްނާ ކިޔާ ރިސާޗަރަކު ފޯ ސީޒަންސް ލަނޑާގިރާވަރުގައި ހުރެގެން ކުރާ މަސައްކަތް ގެނެސްދޭނެ އެވެ. ބެތުގެ މަސައްކަތުން ވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެތީ ލިސްޓަށް މަޑި އިތުރުކޮށްފަ އެވެ.

ރާއްޖޭގައި މުރަކަ އާލާކުރުމަށް ކުރާ މަސައްކަތް ސީއެންއެންގެ ޓީމުން ވަނީ ސްނޯކަލިންކޮށް ބަލައިފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން މެރިން ޑިސްކަވަރީ ސެންޓަރުގެ މެނޭޖަރު ސިމޯން ޑިކްސަން ދެއްކެވި ވާހަކަތައް ކިޔައިދޭނެ އެވެ.
މީގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް މޫދު ބުޅާ ޑައިވް ސެންޓަރު ހިންގަމުންދާ ޒޫނާ ނަސީމްގެ ވާހަކަތައް ވެސް ގެނެސްދޭނެ އެވެ.

ސީއެންއެންގެ އެޕިސޯޑުގައި ބޮޑުބެރާ ގުޅޭ ގޮތުން ވެސް މައުލޫމާތު ދޭނެ އެވެ. އެގޮތުން ރާއްޖޭގެ އަންހެން ބޮޑުބެރު ގްރޫޕް "ފަތްމިނި" އަށް އަލި އަޅުވާލާނެ އެވެ.

މިވަަރަކުން ނިމުނީއެއް ނޫނެވެ. ރާއްޖޭގެ ޒަމާންވީ މީރު ކެއުންތައް ވެސް ގެނެސްދޭނެ އެވެ. މި ކެއުންތަކާ ބެހޭ މައުުލޫމާތު ދޭނީ ދިގަލި ރިސޯޓުގައި ފަސް ރެސްޓޯރެންޓް މިވަގުތު ހިންގަމުންދާ ރާއްޖޭގެ ކައްކާ މުހައްމަދު އާދިލް އެވެ.

ޖުމްލަ 30 މިނެޓުގެ މި އެޕިސޯޑް އަންނަ ހޮނިހިރު ދުވަހު ހެނދުނު 11 ޖަހާއިރު ސީއެންއެން (ޗެނަލް 110) އިން ދައްކާނެ އެވެ. އަދި މީގެ ރިޕީޓް އަންނަ އާދިއްތަ ދުވަހުގެ ހެނދުނު ނުވެއެއް ޖަހާއިރު އަދި ހަވީރު ހަތަރެއް ޖަހާއިރުވެސް ދައްކާނެ އެވެ. މި އެޕިސޯޑް މީޑިއާ ނެޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.