ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު މިއަދު އޭސީސީއަށް ހާޒިރުކުރަނީ

Dec 9, 2021

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ވާން އަންގައިފި އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އޭސީސީ އަށް ހާޒިރުވާން އެންގީ މިއަދު މެންދުރުފަހު 2:00 ޖަހާއިރު ކަމަށެވެ.

މުއިއްޒު ސިފަކުރެއްވި ގޮތުގައ އޭސީސީ އަށް ހާޒިރުވާން އެންގީ ބިރު ދެއްކުމުގެ ގޮތުންނެވެ. އެކަމަކު އެކަމާ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

އޭސީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ އޭސީސީ އަކީ ގާނޫނީ ގޮތުން މިނިވިން މުއައްސަސާ އަކަށްވީ ނަމަވެސް މިނިވަންކަމާ އެކު ހިނގާ އިދާރާއެއް ނޫން ކަމަށެވެ.

މީގެކުރިން ވެސް އޭސީސީން ވަނީ އެ ކޮމިޝަނަށް މުއިއްޒު ހާޒިރުކޮށްފަ އެވެ. އެގޮތުން މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާއި ގުޅޭ ބައެއް ތުހުމަތުތަކާއި އެތަނުގެ ބައެއް އިމާރާތްތަކަށް ގެނައި ބަދަލާއި ގުޅިގެން ކޮމިޝަނުން އެ ފަހަރު މުއިއްޒުއާ ސުވާލުކޮށްފައިވެ އެވެ.

އެ މައްސަލާގައި މުއިއްޒުގެ މައްޗަށް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކުރުމުގެ ދައުވާ އުފުލަން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އިތުރަށް ފުރިހަމަކުރުމަށް އަންގާ މިމަހުގެ ދެވަނަ ދުވަހު މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލާފަ އެވެ.

ދައުލަތުން ވަނީ މުއިއްޒުގެ މައްޗަށް ދޮގު ބަޔާނެއް ދިނުމުގެ ދައުވާއެއް ވެސް އުފުލާފަ އެވެ. އެ މައްސަލަ ފޮނުވީ ޖޫން 14، 2020 ގައެވެ. މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.