ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ގާފަރުގައި ފިޝަރީޒް އެކްސްޕޯއެއް

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ. ގާފަރުގައި ފިޝަރީޒް އެކްސްޕޯއެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު ގާފަރުގައި ބޭއްވި ރަސްމިއްޔާތުގައި އެކްސްޕޯ ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑޮކްޓަރު ހުސައިން ރަޝީދު ހަސަން އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މަސްވެރިކަން ފަސޭހަވެފައިވާ ކަމަށެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެކްސްޕޯއެއް މެދުވެރިކޮށް މަސްވެރިންނަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މަސްވެރިކަމުގެ އުފެއްދުންތަކާއި އެކަމާއި ގުޅުންހުރި އެކްސްޕޯ މެދުވެރިކޮށް ލިބިގެން ދާނެ. ގާފަރު ކައުންސިލާއި ގާފަރު ރައްޔިތުންގެ ފަރާތުން އެކްސްޕޯއަށް ފުރިހަމަ އެއްބާރުލުން ދަނީ ލިބެމުން." މިނިސްޓަރު ހަސަން ވިދާޅުވި އެވެ.

ފިޝަރީޒް އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހަށެވެ. އެކްސްޕޯ ކުރިއަށް ދަނީ ގާފަރު ބަނދަރު ސަރަހައްދުގައެވެ.

ފިޝަރީޒް މިނިސްޓަރީން ބުނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެފަދަ އެކްސްޕޯއެއް ބޭއްވުމުގެ މަގުސަދަކީ މަސް ޕްރޮސެސް ކުރުމުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި، ދެމެހެއްޓެނިވި
މަސްވެރިކަމެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައްޓަން ކުރުމަށް އިސްކޮށް އުޅުއްވާ ބައެއް ފަރާތްތަކަށް މަސްވެރިކަމުގައި ބޭނުންކުރާ ޒަމާނީ އެކިއެކި ވަސީލަތްތަކާއި އެ މަސައްކަތްތައް ކުރަން ބޭނުން ކުރާ ޒަމާނީ އާލާތްތަކާއި އުފެއްދުންތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުން ކަމަށެވެ.