ރައީސް އޮފީސް

ޑަބްލިއުޓީއޯގެ އިސްލާހަކަށް މަޖިލީހުގެ ރުހުން ހޯދަނީ

Dec 9, 2021

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާލައި ޕްރޮޓޮކޯލްގައި ދިވެހިރާއްޖެއިން ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް ސޯލިހު އެގޮތަށް ނިންމެވީ ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓް ރާއްޖެއިން ގަބޫލުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާތީ އެ ގެންނަ ބަދަލަށް ދިވެހި ސަރުކާރުން ރުހުން ދިނުމުގެ ކުރިން މަޖިލީހުގެ ލަފާ ހޯދުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ރައީސަށް ލަފާ އަރުވާފައިވާތީ އެވެ.

ޑަބްލިއުޓީއޯގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއްބަސްވުންތަކުގެ ތެރެއިން ޓްރިޕްސް އެއްބަސްވުމަކީ، މެންބަރު ގައުމުތަކުގެ ފިކުރީ މުދާ ރައްކާތެރިކޮށްދިނުމާ ގުޅޭ ބައިނަލްއަގްވާމީ މުހިއްމު އެއްބަސްވުމެކެވެ.

ޓްރިޕްސްގެ އެއްބަސްވުމަށް ގެނެވުނު އިސްލާހު، ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓަކީ ޑަބްލިއުޓީއޯގެ އެއްބަސްވުމަކަށް އެ ޖަމިއްޔާ އުފެދުނު ފަހުން ގެނެވުނު ފުރަތަމަ އިސްލާހެވެ.

އެ އިސްލާހުގެ ސަބަބުން ގައުމުތަކަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، ބޭނުންވާ ބޭހަކީ، ޕޭޓަންޓެއް އެކުލެވޭ ބޭހަކަށްވެފައި، އެ ބޭހެއް އެކަށީގެންވާ އަގެއްގައި، އެކަށީގެންވާ ވަގުތުގައި، ޕޭޓަންޓްގެ ވެރިފަރާތުން ލިބޭނެ އިންތިޒާމް ހަމަނުޖެހިއްޖެނަމަ، ބޭސް އުފެއްދުމުގެ ގާބިލްކަން ނެތް ގައުމުތަކަށް ފަސޭހަ ގޮތެއްގައި މިފަދަ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ބޭސް އުފެއްދުމުގެ ގާބިލްކަން ހުރި ގައުމަކުން، ޕޭޓަންޓް ކޮށްފައިވާ ބޭހެއް، ޕޭޓަންޓުގެ ވެރިފަރާތުގެ ހައްގު ނުގެއްލޭނެ ފަދައިން، ކޮމްޕަލްސަރީ ލައިސެންސެއްގެ ދަށުން އުފައްދައި، ބޭސް ބޭނުންވާ ގައުމަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ އެވެ.