މުހައްމަދު ހަމީދު

އައު ވައްތަރުގެ ކުށްތަކާ ދެކޮޅު މަސައްކަތް ވަރުގަދަ ކުރަންޖެހޭ: ސީޕީ

Dec 9, 2021
1

އައު ވައްތަރުގެ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާ ވަރުގަދަ މުއައްސަސާއަކަށް ހެދުމަށް ވަރަށް ހާއްސަ އިސްކަމެއްދޭން ޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ ކުރިއަށް އޮތް 2022 އަދި 2023 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުން އިސްކަންދޭނެ ކަންކަން ކަނޑައެޅުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ފުލުހުންގެ ހިދުމަތަށް އޮތް ޑިމާންޑް ބަދަލުވެ ފުލުހުންގެ ހިދުމަތަށް އެދޭއެދުމާއި ހިދުމަތަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވިއެވެ. ހާއްސަގޮތެއްގައި ވެށިތެރޭގައި ހިނގާ ކުށްތަކާއި އެވެށީގައި އުޅޭ ފަރާތްތަކަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ވަރަށް ބޮޑުތަން ބަދަލުވަމުން އައިސް އުނދަގޫވާން ފަށާފައިވާ ކަމަށާއި އެކަންކަމާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަންކަމަށް ކުރަންހުރި މަސައްކަތްތައް އަންނަނީ އިތުރުވަމުން ކަމަށް ވިދާޅުވިއެވެ.

އަދި ކުރިއާ ހިލާފާށް މިހާރު ކުށްކުރާ ގޮތް ބަދަލުވެފައިވާ ކަމަށާއި ހާއްސަކޮށް ޑިޖިޓަލް އެންވައިރަމަންޓް ތެރޭގައި ހިންގާ ކުށްތައް ފާއިތުވި އަހަރުތަކުގައި އިތުރުވަމުން އައިސްފައިވާތީ، އައު ވައްތަރުގެ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާވެސް ވާންޖެހިފައިވަނީ އެ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރެވޭ ވަރުގެ މުއައްސަސާއަކަށް ހެދުމަށް ވަރަށް ހާއްސަ އިސްކަމެއްދޭ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

އަދި ކުށާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ކުށް ނޫން އަދި ކުށަށް އުފެދޭ ކަންކަމަށްވެސް ފުލުހުން މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު ހަ ޕްރައޯރިޓީއެއް ކަނޑައަޅާފައިވާއިރު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދެން އިތުރަށް ކަންކަން ކުރަންވީގޮތާ މެދު ވިސްނައި އިސްކަންދޭނެ ކަންކަން ކަނޑައެޅުން މުހިންމު ކަމަށް ވިދާޅުވިއެވެ.

އަދި އިސްކަންދޭނެ ކަންކަން ކަނޑައެޅުމުގެ މުހިންމު ކަމަކީ ދައުލަތުން ހޭދަކޮށްގެން ގާއިމްކޮށްފައިވާ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމުގެ ވިސްނުން އިސްކޮށް ގޮތްތަކެއް ނިންމުން ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ފުލުހުންގެ މަސައްކަތުގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިމްޕެކްޓް ގެނެވޭނެ ގޮތްތަކާ މެދު ވިސްނައި ގޮތްތަކެއް ނިންމުމަށް އެދިލައްވައި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ޕްރައޯރިޓީސްތައް ކަނޑައަޅުމުގައި ވިސްނުން ގެންގުޅެންވީ ގިނަ ދާއިރާތަކާ ގުޅޭގޮތުން ސީޕީ ވާހަކަ ދެއްކެވިއެވެ.