އޮޅުވާލައިގެން މީހުން ތަންތަނަށް ގެންގޮސް ހުއްދަ ނޫން ގޮތުގައި ހިފެހެއްޓުމަށްފަހު ބިރުދައްކާ ފޭރުމުގެ ސީރިއަސް މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެފަދަ ފަސް މައްސަލައަކާއި ގުޅުންހުރި ބައެއް ތަފްސީލުތައް ވަނީ ހިއްސާކޮށްފައެވެ.
އެފަދަ އެއް މައްސަލައަކީ އޮކްޓޫބަރު 16 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެކި ދުވަސްމަތިން ވިލިމާލެ ގެސްޓްހަައުސް އަކަށް ބަޔަކު ގެންދިޔަ މައްސަލައެކެވެ. އެފަދަ ތިން މައްސަލައެއް ފުލުހަށް ހުށައެޅި ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނި ގޮތުން ގެސްޓްހައުސްތަކަށް އެމީހުން ގެންދަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން އެމީހުންނާ ވާހަކަ ދައްކާ އެކުވެރިކަން ބަދަހިކުރުމަށް ފަހު އެވެ. މި ތިން މައްސަލާގައިވެސް ސްނެޕްޗެޓް މެދުވެރިކޮށް ވާހަކަ ދައްކާ އެ މީހުންނާ ގުޅުން އުފެއްދުމަށް ފަހު ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ބުނެ އޮޅުވާލައިގެން ގެސްޓްހައުސްއަށް ގެންދެއެވެ.
"މި އަމަލު ހިންގުމުގައި ވިލިމާލޭގައި ހަރަކާތްތެރިވާ ކުށްކުރާ ނެޓްވޯކެއް ތަހުގީގަށް ވަނީ ފާހަގަކުރެވިފައި. އެ ދެންނެވި ނެޓްވޯކްގައި ހިމެނޭ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ މީހުންނަކީ ވައްކަމާއި ފޭރުމާއި އަދި މަސްތުވާތަކެތީގެ ކުށުގައި މީގެ ކުރީން ހައްޔަރުކޮށްފައިވާ މީހުން ހިމެނޭކަން ފާހަގަކޮށްލަން. އަދި މި ނެޓްވޯކްގައި އަންހެނުންނާއި ފިރިހެނުންވެސް ހަރަކާތްތެރިވާކަން ފާހަގަކުރެވޭ. އެގޮތުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކުވެސް މި ކުށުގެ އަމަލުތައް ހިންގަން މި ނެޓްވޯކުގެ ފަރާތުން ބައިވެރިކުރުވާކަން ތަހުގީގަށް މިހާތަނަށް އެނގިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެގޮތަށް ގެންގޮސް ފޭރުމުގެ އަމަލު ހިންގުމަށް ފަހު އެ މީހުންގެ ބަރަހަނާކޮށް ވީޑިއޯއާ ފޮޓޯ ނަގާ ބިރުދައްކާ އިންޒާރުދޭ ކަމަށެވެ. އަދި ފުލުހުންނަށް ރިޕޯޓްކޮށްފިނަމަ ވީޑިއޯތަކާއި ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ދޫކޮށްލާ ކަމަށެވެ. މި ތިން ހާދިސާގައިވެސް އެ މީހުން ގެންގޮސްފައިވަނީ ވިިލިމާލޭގައި ހުންނަ "މެލެއިމާ ގެސްޓްހައުސް" އަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 21 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި ވިލިމާލޭގައި މި ނެޓްވޯކް ހަރަކާތްތެރިވާތާ ދުވަސްތަކެއްވެއްްޖެ އެވެ. އަދި މާލޭގައިވެސް އެފަދަ ނެޓްވޯކެއް ފާހަގަކުރެވިފައިވެއެވެ. އެ މީހުންގެ ހަރަކާތްތައް މަސްވެރިންނާއި އޮޑިދޯނިފަހަރުގައި މަސައްކަތް ކުރާ މީހުންނަށް ޓާގެޓްކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުުރުން އޮކްޓޫބަރު 21 ވަނަ ދުވަހު އަލިކިލެގެފާނު މަގުގަައި ހުންނަ ގެސްޓް ހައުސްއަކަށް ފިރިހެނަކު ވައްދާ ބަރަހަނާކޮށް ވީޑިއޯއާ ފޮޓޯ ނަގާ އިންޒާރުދީ ފޭރުނު މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލާގައިވެސް އަނިޔާ ލިބުނު މީހާގެ އަތުން ކޭސްކާޑު އަތުލާ ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފައެވެ.
މި ހާދިސާ ރިޕޯޓްކުރީ އޭގެ ފަސް ދުވަސް ފަހުން އޮކްޓޫބަރު 26 ވަނަ ދުވަހު އެވެ. ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު ގޮތުގައި ކުށްކުރުމުގައި ހަތަރު މީހަކު އަމަލީ ގޮތުން ބައިވެރިވިއެވެ. ފޭރުމުގެ މި އަމަލު ހިންގުމުގެ ކުރީން އެ މީހުން ވަނީ އަނިޔާ ލިބުނު މީހާއާ އެކި ގޮތްގޮތުން މުއާމަލާތްކޮށް ގާތްކަން އުފައްދާފައެވެ.
އަދި ވަކި ތަނަކުން ބައްދަލުކުރަން އެދި އެ ތަނަށް ދިއުމުން އެކި ވާހަކަތައް ދައްކައިގެން ގެސްޓްހައުސްއަކަށް ގެންދެއެވެ. އޭގެ ފަހުން އިތުރު ބަޔަކު އެ ގެސްޓް ހައުސްގެ ތެރެއަށް ވަދެ އޭނާއަށް އަނިޔާކޮށް ބަރަހަނާކޮށް ބިރުދައްކާ ވީޑިއޯއާ ފޮޓޯ ނަގައެވެ. އަދި އޭނާގެ ކޭސްކާޑު އަތުލާ ޕިން ނަންބަރު ހޯދައިގެން އެކި އޭޓީއެމްތަކަށް ގެންގޮސް ފައިސާ ނަގައެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ ފަހުން ރިޕޯޓްކުރުމާއި ހަމައަށް ހޭދަވި ފަސް ދުވަސްތެރޭވެސް އެކި ފަހަރު މަތިން އަނިޔާ ލިބުނު މީހާއަށް ގުޅާ ފޮޓޯތަކާއި ވީޑިއޯ ލީކުކޮށްލާނެ ކަމަށް އިންޒާރުދީ ބިރުދައްކާ އިތުރަށް ފައިސާ ހޯދަން ކުށްކުރި މީހުން ވަނީ މަސައްކަތްކޮށްފައެވެ.
މި މައްސަލާގައި 31 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. އެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުންނެވެ.
މި މަހުގެ ހަތަރުވަނަ ދުވަހުވެސް ފޭރުމުގެ މިފަދަ އަމަލެއް ހިންގާފައިވެއެވެ. އެގޮތުން ތިން މީހަކު ވެގެން މީހަކު ހިފަހައްޓާ ގަދަކަމުން ގެސްޓްހައުސްއެއްގެ ތެރެއަށް ވައްދާ އެ މީހާއަށް އަނިޔާކޮށް ފައިސާ ފޭރިފައިވެއެވެ.
އެ ހާދިސާގެ މައުލޫމާތު އާންމުންގެ މީހަކު ރިޕޯޓްކުރުމުން ފުލުހުން ވަނީ އެ ގެސްޓްހައުސް ހިމެނޭ ސަރަހައްދުން ތިން މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ ހާދިސާއާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ވަނީ ހޯދާފައެވެ. މި ހާދިސާ ފެށިގެން އައީ ހަށިވިއްކާ އަންހެނަކު އެ މީހާއަށް ގުޅާ ރާވައިގެން ހިންގި ކަންތައްތަކެއްގެ ތެރެއިންނެވެ.
މި މައްސަލާގައި އުމުރުން 31 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެއް އަދި 20 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީވެސް ކުށުގެ ރެކޯޑް އޮތް މީހުންނެވެ.
މީގެ އިތުރުން ނޮވެންބަރު 26 ވަނަ ދުވަހު 15 މީހުން ހިމެނޭ ގުރޫޕަކުން ދެ މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައެއްވެސް ފުލުުހުން ދަނީ ބަލަމުންނެވެ. މިއީ ވައްކަމަކާއި ގުޅިގެން ހިންގި ހާދިސާއެކެވެ. އެ މީހުން ކާރުގެ ޑިގީއަށް ލައިގެން ހުޅުމާލެއަށް ގެންގޮސް ގަރާޖެއްގެ ތެރޭގައި ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ.
ފުލުހުން ބުނި ގޮތުން ފޭރުމުގެ އަމަލުތައް ހިންގާ ނެޓްވޯކްތަކާއި ގުޅުންހުރި ބައެއް މީހުން މީގެ ކުރީން ހައްޔަރު ކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އޭގެން ބައެއް މީހުން ފުލުހުންގެ ބަންދުން ވީއްލުނެވެ. އެ މީހުން ވީއްލުނު ފަހުން ނެޓްވޯކްގެ ހަރަކާތްތައް އިތުރަށް ބޮޑުވެ ފުޅާވެފައިވެއެވެ.
ފުލުހުން ވަނީ ފޭރުމުގެ މި ފަދަ ހާދިސާތަކުގައި އަނިޔާ ލިބޭ މީހާ ބަރަހަނާކޮށް ފޮޓޯއާއި ވީޑިއޯ ނަގާތީ އެފަދަ މައްސަލަތައް ފުލުހަށް ރިޕޯޓްކުރަން ބައެއް މީހުން ފަސްޖެހޭ ކަމަށް ބުނެފައެވެ. ނަމަވެސް އެފަދަ ހާދިސާތައް ރިޕޯޓްކުރުމުގައި ފަސް ނުޖެހުމަށާއި ގޮތް ނޭންގޭ މީހުންނާއި ވާހަކަ ދައްކާ ބައްދަލުކޮށް ނުހެދުމަށް ފުލުސް އިލްތިމާސް ކުރެއެވެ.