މާލޭ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް ސަރުކާރުން ބަޖެޓު ދިނީ ނަމެއްގައި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާތައް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވީ ނަމަވެސް މިސްކިތްތައް ބެލެހެއްޓުމަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ނުދޭ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މާލޭގައި ހުރި ހުރިހާ މިސްކިތެއް ބަލަހައްޓައި މަރާމާތުކުރުމަށް ސަރުކާރުން ދީފައިވަނީ އެންމެ އެއް މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ މުއިއްޒު އެކަން ސިފަކުރެއްވީ ނަމެއްގައި ދީފައިވާ ބަޖެޓެއްގެ ގޮތުގަ އެވެ.
"އެންމެ އެއް މިލިއަން ރުފިޔާއިން މާލޭގައި ހުރި 42 މިސްކިތް ބެލެެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ. މިއީ ހަމަ ނަމެއްގައި ދިން ބަޖެޓެއް. އެކަމަކު އަޅުގަނޑުމެންނަށް އެންމެ މުހިއްމީ މިސްކިތްތައް. އެހެންވީމަ މިސްކިތްތައް ބެލެހެއްޓުމަށް ކުރެވެން ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީގެ އިތުރު އެހީތެރިކަމަށް ވެސް އެދިފައިވާނެ ކަމަށެވެ. އެގޮތުން ވަގުފު ފަންޑުން މިސްކިތްތައް ބެލެހެއްޓުމަށް ފައިސާ ހަމަޖައްސައިދިނުމަށް ކައުންސިލުން އެދުމުން މިނިސްޓްރީން އެކަން ހަމަޖައްސައި ނުދިން ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދޭނީ މިސްކިތްތައް ބެލެހެއްޓުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރޯދަ މަހަށް ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވުމަށް 13 މިލިއަން ރުފިޔާ ބޭނުންވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުން ކައުންސިލަށް ހަމަޖައްސައިދިން ބަޖެޓުން މިސްކިތްތައް މަރާމާތު ކުރެވެން ނެތުމުން ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތުގައި އާންމުންނާއި ވިޔަފާރިވެރިން އެހީތެރިވުމަށް ވެސް އެދިފަ އެވެ.
މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ހާއްސަ ހަރަކާތެއް ފެށުމަށް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް ހަފްތާ ބަންދުގައި އެ މަސައްކަތް ފެށުމަށް ކައުންސިލުން ކުރިން ބޭނުންވި ނަމަވެސް ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާތީ އެ މަސައްކަތް ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށްވެސް މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.