މީހުން އަރާ ފުރި ބާރުވެފައި އޮތް ރޭލެއް އޭގެ މަންޒިލަށް ވާސިލުނުވަނީސް ކުއްލިއަކަށް ދަތުރުގެ މެދުން ތަނަކަށް ހުއްޓާލައިފިނަމަ އޭގައި ތިބި މީހުން ވަރަށް އަޖައިބުވެގެން ވީ ގޮތެއް ހޯދަން އުޅޭނެތާ އެވެ. މިފަހަރު މި ދިމާވީ އެކަހަލަ ގޮތެކެވެ. އެންމެ ހެއްވާ ކަމަކީ ރޭލު ޑްރައިވަރު ރޭލު މަޑުކުރީ އޭނާ ކާލާނެ ޔޯގަޓެއް ގަނެލަން ކަމަށް ވީމަ އެވެ.
މިއީ ޕާކިސްތާނުގައި ދާދިފަހުން ހިނގާފައިވާ ކަމެކެވެ. ރޭލު މަޑުކުރަން ޝެޑިއުލްކޮށްފައި ނެތް ތަނަކަށް ރޭލު މަޑުކުރުމަށްފަހު އެ ދުއްވަން އިން ޑްރައިވަރާއި އޭނާގެ އެހީތެރިޔާ ވަނީ އެތާ ކައިރީގައި އޮތް ބާޒާރަކަށް ޔޯގަޓް ގަނެލަން ގޮއްސަ އެވެ. މިކަން ހިނގައިދިޔަ ގޮތުގެ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުން މިހާރު މި ދެ މީހުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރޭލު މަޑުކޮށްފައިވަނީ ކަންހާ ރޭލް ސްޓޭޝަނާ މާ ދުރުނޫން ހިސާބަކަށެވެ. މި ރޭލު ދަތުރުކުރަމުން ދިޔައީ ލާހޯރުން ކަރާޗީގެ ދެކުނުގެ ސަރަހައްދަށެވެ.
މި ވީޑީއޯ ޓުވިޓާގައި ޝެއާކުރި މީހާ ލިޔެފައިވާ ގޮތުގައި މިއީ ޕާކިސްތާނުގެ ރޭލްވޭގެ ހާލަތެވެ. ޑްރައިވަރު ބޭނުންވެއްޖެނަމަ ބޭނުންތާކަށް ރޭލު މަޑުކޮށްފައި ގޮސް ބޭނުން އެއްޗެއް ގަނެލައިގެން އައިސް އަނެއްކާ ދަތުރު ފަށަންވީ އެވެ.
މި ވީޑިއޯ ވައިރަލްވުމުން ޕާކިސްތާނުގެ ރޭލްވޭ މިނިސްޓަރަށް ވީޑިއޯ ފެނިވަޑައިގެން މި ކަން ކުރި ޑްރައިވަރު ރާނާ މުހައްމަދު ޝެހެޒާދު އާއި އޭނާގެ އެހީތެރިޔާ އިފްތިޚާރު ހުސެއިން ސަސްޕެންޑް ކުރަން ވަނީ އަމުރު ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވި މިފަދަ އަމަލުތައް އޭނާ އަޅާނުލާ ދޫކޮށްނުލައްވާނެ ކަމަށެވެ. މިފަހަރު މި ދެމީހުންނަށް ފިޔަވަޅު އެޅުނަސް ރޭލްވޭ އޮފިޝަލުން ބުނެފައިވާ ގޮތުގައި މިއީ ޕާކިސްތާނުގެ ރޭލުތަކުގައި ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ.
އެތައް ސަތޭކަ ބައެއްގެ ހައްގުތައް ނިގުޅައިގަނެ މިގޮތަށް ދަތުރުގެ ވަކި ހިސާބަކުން ރޭލުމަޑުކޮށް އެއްޗެތި ގަންނަން ފައިބާ ޑްރައިވަރުން ވަރަށް ގިނަ ކަމަށެވެ. ނަމަވެސް މިފަހަރު މިވީ ގޮތަކީ މީހަކު ވީޑީއޯ ކޮށްފައި ސޯޝަލް މީޑިއާއަށް ލުމުން މި ކަން އެންމެންނަށް އެނގި މި ދެ މީހުންނަށް ފިޔަވަޅު އަޅަން މަޖްބޫރުވީ އެވެ.