ޕާކިސްތާނުގެ 20 އަހަރު މީހަކު ކައިވެނި ކުރާނެ އަންހެނަކު ހޯދަން އެ ގައުމުގެ ނޫހެއްގެ މެޓްރިމޯނިއަލް ކޮލަމްގައި ޖަހާފައިވާ އިޝްތިހާރަކަށް ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފަ އެވެ. އަދި މި އިޝްތިހާރު ފެނިގެން ހައިރާން ވެގެން އުޅޭ މީހުން ވެސް މަދެއް ނޫނެވެ.
ސިއަލްކޯޓުގައި ދިރިއުޅޭ އަދުނާން ނަމަކަށް ކިޔާ މި ޒުވާން ފިރިހެންމީހާގެ މިހާރު ވެސް ތިން އަނބިން އެބަތިއްބެވެ. އޭނާ ފުރަތަމަ ކައިވެނި ކުރީ އުމުރުން 16 އަހަރުގަ އެވެ. އޭރު އޭނާއަކީ ސްކޫލެއްގައި ކިޔަވާ ދަރިވަރެކެވެ. އޭގެ ފަހުން އުމުރުން 20 އަހަރުގައި އޭނާ ދެ ވަނަ ކައިވެންޏެއް ކުރި އެވެ. އަނެއްކާ ހަމަ އެ އަހަރު ތެރޭ ތިން ވަނަ މީހަކާ ވެސް ކައިވެނި ކުރި އެވެ.
މިހާރު އޭނާ ބޭނުންވަނީ ހަތަރު ވަނަ މީހަކާ ކައިވެނި ކުރާށެވެ. އެހެންވެ ނޫހުގައި އިޝްތިހާރު ޖެހީ އެވެ. މި އިޝްތިހާރު އޭނާ ނޫހުގައި ޖެހީ ތިން އަނބިން ވެސް ރުހި ގަބޫލު ވެގެން އެމީހުން ވެސް އެގޮތަށް ބޭނުންވާތީ އެވެ.
އިޝްތިހާރުގައި ބުނާ ގޮތުން އަދުނާން ކައިވެނިކުރަން ހޯދާ މީހާގެ ހުންނަން ޖެހެނީ ހަމަ އެކަނި އެންމެ ޝަރުތެކެވެ. އޭނާގެ ނަން ފެށެން ޖެހެނީ "އެސް" އަކުރުންނެވެ. އެއީ އޭނާގެ މިހާރު ތިބި ތިން އަނބިންގެ ނަން ވެސް ފެށެނީ އެސް އަކުރުން ކަމަށް ވާތީ އެވެ.
އޭނާގެ ދޮށީ އަނބިމީހާގެ ނަމަކީ ޝުމްބަލް އެވެ. ދެ ވަނަ އަނބިމީހާ އަށް ކިޔަނީ ޝުބާނާ އެވެ. ތިން ވަނަ އަނބިމީހާ އަށް ޝާހިދާ އެވެ.
ތިން އަނބިންގެ ތެރެއިން ދޮށީ ދެ އަނބިންގެ ފަރާތުން އަދުނާނަށް މިހާރު ވެސް ފަސް ދަރިން ލިބިއްޖެ އެވެ. މި ފަސް ތަރިންގެ ތެރެއިން ތިން ދަރިންނަކީ އެންމެ ދޮށީ އަނބިމީހާ ޝުމްބަލްގެ ދަރިންނެވެ. ދެ ވަނަ އަނބި ޝުބާނާގެ ދެ ދަރިން އެބަތިއްބެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ތިން ވަނަ އަނބި ޝާހިދާ ވަނީ އެޑޮޕްޓްކޮށްފަ އެވެ.
މިހާ ގިނަ އަނބިންނާއި ދަރިންގެ ޚަރަދުބަރަދު ބަލަހައްޓަނީ ކިހިނެއްތޯ ވަރަށް ގިނަ ބަޔަކު އަދުނާނާ ސުވާލު ކުރި އެވެ. އޭނާ ބުނީ ހުރިހާ އަނބިން ގޮވައިގެން އޭނާ ދިރިއުޅެނީ ހަ ކޮޓަރީގެ ބޮޑު ގެއެއްގައި ކަމަށެވެ. އެ ގޭގައި ޑްރޯއިން ރޫމާއި ގުދަނެއް ވެސް ހުންނަ ކަމަށެވެ.
މި އެންމެންނަށް ޚަރަދުކުރާކަށް އޭނާއަކަށް އެއްވެސް ކަމެއް ނޫން ކަމަށާއި ފުރަތަމަ ކައިވެންޏަށްފަހު އަތްމަތި ތަނަވަސް ވެފައިވާ ކަމަށް ވެސް އަދުނާން ބުންޏެވެ.
އާއިލާގެ ހުރިހާ ޚަރަދަކަށް ކޮންމެ މަހަކު އެއް ލައްކަ އާއި ދޮޅުލައްކަ އާ ދެމެދުގެ ޕާކިސްތާނު ރުޕީސް ޚަރަދުވާ ކަމަށް ވެސް ޕާކިސްތާނު ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި އަދުނާން ބުނެފައި ވެއެވެ.
ތިން އަނބިން އެއް ގޭގައި އުޅޭއިރު ވަރަށް ބޮޑެތި އަރާރުންތަކާއި ހަމަނުޖެހުންތައް ހިނގާނެ ކަމަށް ގިނަ ބަޔަކަށް ހީވާނެކަން ޔަގީނެވެ. ނަމަވެސް އަދުނާނުގެ އަނބިންނަކީ މުޅިން ތަފާތު ބައެއް ކަމަށް އޭނާ ބުންޏެވެ.
"އެންމެން އުޅެނީ ވަރަށް ގުޅިގެން އެކުވެރިކަމާއެކު. ނަމަވެސް އެ ހުރިހާ އެންމެންގެ ވެސް ޝަކުވާއެއް އޮވޭ. ކޮންމެ މީހަކު ވެސް ބުނަނީ އޭނާއަކަށް އަހަރެން އެކަށީގެންވާ ވަގުތާއި ސަމާލުކަމެއް ނުދެއޭ." އަދުނާން ބުންޏެވެ.