ލައިފްސްޓައިލް

ކުށުގެ ވެށިން ހެކި ހޯދަން މި މީހާ ވަރެއް ނެތް!

ޕާކިސްތާނު މީހެއް ކަމަށްވާ ނަޒީރު މުހައްމަދު ނައްޖާ އަކީ ބަލާ ބެލުމަށް ވަރަށް އުމުރުން ދުވަސްވެ ބަލިކަށި ވެފައިވާ މީހެކެވެ. ނަމަވެސް 70 އަހަރުގެ މި މީހާ އަދިވެސް ހިނގާއިރު ފިޔަވަޅު ވަރަށް ހަލުއި އެވެ. އަދި އޭނާގެ ދެ ލޯ ވަށައިގެންވާ ހުރިހާ ހިސާބަކަށް ހިންގާލަނީ ވަރަށް ކުޅަދާނަކަމާ އެކުގަ އެވެ.

ނަޒީރަކީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގައި އޮންނަ ކަސޫރު ޑިސްޓްރިކްޓްގައި އުޅޭ ޕްރައިވެޓް އިންވެސްޓިގޭޓާ އެކެވެ. އެ ހިސާބުގައި ކުރާ ގިނަ ކުށްތަކުގެ ހެކި ހޯދައި މައްސަލަތައް ތަހުގީގުކޮށް ކުށްވެރިން ހޯދަނީ ނަޒީރުގެ ތޫނު ސިކުނޑިންނެވެ. ފޮރެންސިކް ސައިންސްގެ މި ޒަމާނުގައި މި ހިސާބުގަނޑުގެ މީހުންނަކަށް އޭގެ ބޭނުމެއް މާ ބޮޑަކަށް ނުޖެހެ އެވެ. ނަޒީރުގެ ވިސްނުމުން ކަންކަން ހޯދާތީ އެވެ. އެހެންވެ މި ސަރަހައްދުގައި ނަޒީރު މަޝްހޫރުވެފައި ވަނީ "ޝާލޮކް ހޯމްސް" ގެ ނަމުންނެވެ.

އެހިސާބުގަނޑުގައި ކޮށްފައިވާ އެތައް ސަތޭކަ ކުށެއް ކުރި މީހުން ހޯދާ އެމީހުންނަށް ގާނޫނީ އަދަބު ދިނުމުގައި ނަޒީރު ވަރަށް އިސް ދައުރެއް އަދާ ކޮށްފައި ވެއެވެ.

ސަރާއީ މުގުލް ޓައުންގެ މި މަޝްހޫރު ޑިޓެކްޓިވް (ޖާސޫސް) ކުށްވެރިން ހޯދަނީ އެމީހުންގެ ފިޔަވަޅުތަކަށް ބަލައިގެންނެވެ. މިގޮތަށް ފިޔަވަޅުތައް ބަލައިގެން އޭނާ ހޯދާ ކުށްވެރިޔާ 80 ޕަސެންޓް ދިމާވެފައި ވެއެވެ.

ޕާކިސްތާނުގެ މީޑިއާ ތަކުން ބުނި ގޮތުގައި ޕްރައިވެޓް އިންވެސްޓިގޭޓަރެއްގެ ގޮތުގައި ނަޒީރު މަސައްކަތްކުރި 20 އަހަރު އެއްގޮތަކަށް ވެސް ކުށްކުރީ ކޮން ބައެއްކަން ނޭނގޭ ވަރަށް ގިނަ މައްސަލަތައް ބަލައި އަސްލު ކުށްވެރިން ހޯދާފަ އެވެ. މީގެ ތެރޭގައި މީހުން ގެންގުޅޭ ޖަނަވާރު ވަގަށް ނަގައިގެން އޭނާއަށް ބަލަން ހަވާލުވި ވަރަށް ގިނަ މައްސަލަތައް ވެސް ހިމެނެ އެވެ.

ރަށްފުށުގެ އެންމެ ފަގީރު ހިސާބުތަކުގައި ސީސީޓީވީ ކެމެރާ އާއި އެނޫން ވެސް ޓެކްނޮލޮޖީތައް އެއްގޮތަކަށް ވެސް ނެތްއިރު ގިނަ ބަޔަކު ބަރޯސާ ވަނީ ނަޒީރު ހޯދާ ހެކިތަކުގެ މައްޗަށެވެ.

"އަހަރެން ހުރިހާ ކަމެއް ދެނެގަންނަނީ ކުށުގެ މާހައުލުން. އަހަރެންގެ އޭރިއާގައި ވައްކަމެއް ހިނގާ ކަމުގެ ރިޕޯޓެއް ލިބޭއިރަށް އަހަރެން އެތަނަކަށް ގޮސް އަހަރެންގެ އަމިއްލަ ވިސްނުމުން ހެކި ހޯދަނީ. ފިޔަވަޅުގެ ނިޝާން ވެސް ބަލައި ހޯދަން ދަސްކުރީ އަހަރެން އަމިއްލައަށް. ކުށްކުރާ މީހުންނަށް ވުރެ ކުރިޔަށް އަހަރެންގެ ވިސްނުން ގެންދެވެނީ ފިޔަވަޅު ދެނެގަތުމުގައި އަހަންނަށް ލިބިފައިވާ ކުޅަދާނަ ކަމެއްގެ ސަބަބުން،" ޕާކިސްތާނު ނޫހަކަށް ދިން އިންޓަވިއު އެއްގައި ނަޒީރު ބުންޏެވެ.

ނަޒީރު ބުނި ގޮތުގައި އޭނާއަށް އެންމެ ގިނަ ހެކިތައް ލިބެނީ ފިޔަވަޅުވަޅުގެ ނިޝާންތަކަށް ބަލައިގެންނެވެ. ކުށްކުރާ މީހަކު ނުވަތަ ބަޔަކު އަރައިގެން ހުންނަ ފައިވާން ނުވަތަ ބޫޓުގެ ސައިޒަށް ވުރެ ވަރަށް ގިނަ ވާހަކަތައް ފިޔަވަޅުގެ ނިޝާންތައް އޭނާއަށް ބުނެދެ އެވެ. ފިޔަވަޅުގެ ފުޅާމިނާއި ދިގުމިން އަދި ފަޔަށް ޕްރެޝަރު ލާފައި ހުރި ވަރު، އެމީހުން ގޮސްފައިވާ މިސްރާބު، ފިޔަވަޅު އަޅާއިރު ދެ ފިޔަވަޅު ދޭތެރޭގައި ހުރި ދުރުމިނުން ކުށް ކުރި މީހާގެ ބަރުދަނާއި ޖިންސު އޭނާ ދެނެގަންނަ ކަމަށް ނަޒީރު ބުންޏެވެ.

ނަމަވެސް ބައެއް މީހުން ކުށްކުރާއިރު ނަޒީރުއަށް ނޭނގޭ ގޮތަށް ކަންތައްތައް ކުރަން މަސައްކަތްކުރާކަން އޭނާ ފާހަގަ ކުރި އެވެ. ވީމާ ކުށެއް ކުރިކަން އެނގޭއިރަށް ވީހާވެސް އަވަހަކަށް އެތަނަކަށް ދިއުމަކީ ނަޒީރަށް ވަރަށް މުހިއްމު ކަމެކެވެ.

"މޫސުމީ ބަދަލަކުން މިސާލަކަށް ވާރޭ ވެހި ބިންމަތީގައި ޗަކަ ހެދި ގޮތެއް ވެއްޖެނަމަ ފިޔަވަޅުތައް ރަނގަޅަކަށް ފެންނާކަށް ނުހުންނާނެ. އަދި ހުއްޓަސް ހުންނާނީ އެނގޭ ވަރަށް ވުރެ ހަލާކުވެފައި. އަދި ކުށް ކުރާ ބައެއް މީހުން ފިޔަވަޅުތައް ފޮހެން ވެސް މަސައްކަތް ކޮށްފައި ހުރޭ. ނަމަވެސް އެގޮތަށް ފިޔަވަޅުފޮހެން ކުރާ މަސައްކަތުން ވެސް އިތުރު ބައެއް ހެކިތައް އެމީހުންނަށް ދޫކޮށްފައި ދެވޭ. އެހެންވެ ވީހާވެސް އަވަހަކަށް އެ ކުށެއް ކުރި ތަނަކަށް ދާން ޖެހެނީ،" ނަޒީރު ބުންޏެވެ.

ކުށްވެރިން ހޯދާދިނުމުގެ މަސައްކަތް ނަޒީރު ކުރަނީ ކަނޑައެޅިގެން ވަކި އަގެއް ކިޔާފައެއް ނޫނެވެ. އެމީހަކަށް ލިބުނު އެއްޗެއް ދިނީމަ އޭނާ އަށް އެންމެ ރަނގަޅެވެ.

"ވަރަށް ގިނަ ފަހަރަށް ކުށްކުރާ މީހުން އައިސް އަހަންނަށް ރިޝްވަތު ދޭން އުޅޭ. ނަމަވެސް އަހަރެންނަކީ ވަރަށް ޕްރޮފެޝަނަލްކޮށް މިކަން ކުރާ މީހަކަށް ވާތީ ރިޝްވަތެއް ގަބޫލެއް ނުކުރަން،" ނަޒީރު ބުންޏެވެ.