ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލްއަށް ޝުކުރު ދަންނަވައިފި އެވެ.
ޖަރުމަނުގެ ޗާންސެލަރުކަމުން 16 އަހަރަށް ފަހު އެންޖެލާ މާކެލް ވަކިވެ ވަޑައިގަންނަވާއިރު އެކަމަނާ ޖަރުމަނަށް ކޮށްދެވިހާ ކަމަކަށް މުޅި ގައުމު ޝުކުރުވެރިވެ އެވެ.
ޕޫޓިން ފޯނުން މާކެލްއަށް ގުޅުއްވައި އެކަމަނާގެ ދިގު ވެރިކަމުގައި ރަޝިއާއާ އެކު ބޭއްވެވި ގާތް ގުޅުމާ މެދު އުފާކުރައްވާ ކަމަށް ވަނީ ދަންނަވާފަ އެވެ. އަދި ދުނިޔޭގައި ހިނގާދިއަ ބޮޑެތި ކަންކަމުގައި މަޝްވަރާ ކުރެއްވިކަން ފާހަގަ ކުރައްވައި ޕޫޓި ވަރަށް ބޮޑަށް މާކެލްއަށް ތައުރީފް ކުރެއްވި އެވެ.
މާކެލް ވިދާޅުވީ ޖަރުމަންގައި އާސަރުކާރެއް މިހާރު ގާއިމުވެފައިވާ ކަމަށެވެ. އަދި ރަޝިއާ އާއި ޖަރުމަނުން ގާތް ގުޅުމެއް ދެމެހެއްޓުމަކީ އެދިވަޑައިގަންނާ ކަމެއް ކަމަށެވެ.
ޖަރުމަނުގައި އާސަރުކާރެއް އޮތުމަކުން ސިޔާސަތު މުޅިން ބަދަލުވެގެން ނުދާނެ ކަމަށް ވެސް މާކެލް ވިދާޅުވި އެވެ. އެކުވެރި ގާތް ގުޅުމެއް ބާއްވަން އެދޭ ނަމަ މަޝްވަރާ ކުރެއްވުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ މާކެލް ޗާންސެލަރުކަމުން ވަކިވެ ވަޑައިގެންނެވި ނަމަވެސް ރަޝިއާގައި ޚާއްސަ ހައިސިއްޔަތެއް އޮންނާނެ ކަމަށެވެ. އަދި ރަޝިއާއަށް އަވަސް ދަތުރެއްގައި މާކެލް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ބޭރު ގައުމެއްގައި ވެރިކަން ކުރެއްވި ކަނބަލެއްގެ ހައިސިއްޔަތުން ރަޝިއާއިން މާކެލްއަށް އަރުވާ ޝަރަފަށް ވުރެ ރަޝިއާގެ އެކުވެރިއެއް ގޮތުގައި އަރުވާ ޝަރަފް ކުލަގަދަވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ޖަރުމަންގެ އާ ޗާންސެލަރު އޮލަފް ޝޯޒް މިހާރު ވަނީ މަގާމާ ހަވާލުވެ ވަޑައިގެންފަ އެވެ.
އޯލަފް ޝޯޒް އަކީ މަޑުމައިތިރި ކަމަށް ލޯބިކުރައްވާ އަދި މިޒާޖުގައި ވެސް މަޑުމައިތިރިކަން ހުންނަ ބޭފުޅެއް ކަމަށްވެ އެވެ. އެހެން ނަމަވެސް، މިފަހަރު ޖަރުމަނަށް އާ ސަރުކާރެއް ގެނައުމުގައި އޯލަފް ޝޯޒް އަށް ޖެހިވަޑައިގެންފައި އެވަނީ ތިން ޕާޓީއާ އެކު މަސައްކަތް ކުރެއްވުމަށެވެ.