ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ސަރުކާރުގެ ނުފޫޒުން ޖުޑީޝަރީ އަދިވެސް މިނިވަން ނުވޭ:: ރައީސް ވަހީދު

ސަރުކާރުގެ ނުފޫޒުން ޝަރުއީ ނިޒާމު މިނިވަންވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ މައްޗަށް ހިންގުނު ޝަރީއަތުން އެކަން އިތުރަށް ސާފުވެގެން ހިނގައްޖެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން ރައީސް ވަހީދު ވަނީ އަވަސްގެ ޕޮލިޓިކަލް ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގައި ވާހަކަ ދައްކަވާފައެވެ.

ސުޕްރީމް ކޯޓްގެ ހުކުމުން އެތައް ކަމެއް ހާމަވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހުކުމުން ހާމަވި އެއް ކަމަކީ ޝަރުއީ ނިޒާމު އިސްލާހުކުރަން އަދިވެސް ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ ކަމެވެ. އަދި ވިދާޅުވީ އެ މަސައްކަތަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ.

"މި ޝަރީއަތުން އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ ދަށުކޯޓްތަކުން ހުކުމްކުރެއްވި ގޮތުން ރައީސް ޔާމީނަށް ވަރަށް ބޮޑު އަނިޔާއެއް ލިބިވަޑައިގެންނެވިތަން. އެމަނިކުފާނު ދެ އަހަރަށްވުރެ ގިނަ ދުވަސް ބަންދުގައި އޭގެ ތެރެއިން ގިނަ ދުވަސްތައް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެން. އެކަން ދަށުކޯޓްތަކުން ނިންމަވާފައިވާ ގޮތާމެދު ސުޕްރީމް ކޯޓްގެ ނިޔާ އިއްވަވައިފި. އެ އަޑުއެހުމުން އަޅުގަނޑުމެންނަށް ދޭހަވީ އެ ނިންމުންތައް ބާތިލުކުރަންވަން ޖެހިވަޑައިގަތީ އެއީ ރަނގަޅު ނިންމުންތަކަކަށް ނުވާތީ. އަދި މުޅި މައްސަލާގައި ރިޔާއަތްކުރަން ޖެހޭ ހުރިހާ ކަަމަކަށް ރިޔާއަތް ކުރައްވާފައިނުވާތީ ކަމަށް. އެހެންވާން ޖެހޭ އެއް ސަބަބަކީ ވެދާނެ އެކަން ނިންމެވި ޖަޖުންގެ އެހާ ގާބިލުކަމާއި ފެންވަރު ނެތީ ކަމަށްވެސް،" ރައީސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ޔާމީންގެ ޝަރީއަތުން ސަރުކާރުގެ ނުފޫޒު ޝަރުއީ ނިޒާމަށް އޮތް މިންވަރު ފެނިވަޑައިގެންނެވި ކަމަށެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ރައީސް ޔާމީނަށް ހުކުމް ކުރުމަށް މަަދު ވަގުތުކޮޅަކަށް ވެފައިވަނިކޮށް މައްސަލަ ބައްލަވާ ފަނޑިޔާރު ދުރުކުރެއްވި ކުރުމެވެ. ރައީސް ވަހީދު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތުގައި ފަނޑިޔާރުން ބަދަލު ކުރުމުން އެކަން ވަރަށް ބޮޑު މައްސަލައަކަށް ވި ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ހިންގެވި ފަނޑިޔާރު ބަދަލުކުުރުން ސަރުކާރަށްވެސް އަދި ސަރުކާރު ހިންގާ ޕާޓީއަށްވެސް މައްސަލައަކަށް ނުވި ކަމަށެވެ.

އަދި ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓްގެ ހުކުމަކީ ހަމައެކަނި ރައީސް ޔާމީނަށް ކުރެވުނު ހުކުމެއް ނޫން ކަަމަށެވެ. އެއީ ދަށު ކޯޓްގެ ފަނޑިޔާރުންނަށްވެސް ކުރެވުނު ހުކުމެއް ކަމަށް ވިދާޅުވިއެވެ.

ދަށު ކޯޓްގެ ހުކުމުގެ ސަބަބުން ރައީސް ޔާމީނަށް ލިބިވަޑައިގަތީ ވަރަށް ބޮޑު އަނިޔާއެއް ކަމަށާ ހުކުމް ކުރައްވާއިރު އަދުލަށް ހުކުމް ކުރަން ޖެހިވަޑައިގަންނަވާ ސަބަބަކީ އެފަދަ އަނިޔާއެއް އެއްވެސް މީހަކަށް ނުލިބޭނެ ގޮތަށް ކަންކަން ވެގެން ދިއުން ކަމަށެވެ. އެ މަގު ބަންދުކުރުމަށް ކުރަން ޖެހޭ ފުރަތަމަ ކަމަކީ ޖޭއެސްސީގައި އޮތް ސިޔާސީ ނުފޫޒު މުޅީން ނައްތާލުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"ޖޭއެސްސީގައި ނުޖެހޭ ވެރިކަންކުރާ ޕާޓީގެ އިސްވެރިން ތިބޭކަށް. އަދި ސަރުކާރުގެ މީހުން ތިބޭކަށްވެސް. އެހެންކަމުން އެއަށްވުރެ މުސްތަގިއްލު ގޮތަކަށް އެ ކޮމިޝަން ބައްޓަންވާން ޖެހޭ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އަދިވެސް އެ ނުފޫޒު [ސަރުކާރުގެ ނުފޫޒު ޖުޑީޝަރީއަށް] ނުވަންނަ ކަމަކަށެއް. އެއީ މިކަން މި ހިނގާދިޔަ ގޮތުން. އަޅުގަނޑަކަށް ނޭންގެ ރައީސް ޔާމީން އެ ތަހަންމަލުކުރެއްވި އަނިޔާގެ ބަދަލު ދޭނީ ކިހިނެތްކަމެއްވެސް،" ރައީސް ވަހީދު ވިދާޅުވިއެވެ.