މި ސަރުކާރުން އެމަނިކުފާނު މިނިވަންވެފައި ހުންނަވަން ބޭނުންނުވާނެ ކަމަށާ އެމަނިކުފާނު މިނިވަންވެވަޑައިގެންނެވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރި މަަސައްކަތް ކާމިޔާބުނުވުމުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެ ހުކުމުން ހާމަވީ ޖުޑީޝަރީ މިނިވަންވެފައި އޮތް މިންވަރު ކަމަށާ ސަރުކާރުން ފަނޑިޔާރުން ނުފޫޒު ފޯރުވުން ހުއްޓާލާފައިވާ ކަމަށް ބުނެ ސަރުކާރަށް ތާއީދުކުރާ ރައްޔިތުން ގެންދަނީ ވާހަކަ ދައްކަވަމުންނެވެ. އެ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވާ ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ދައްކާ ވާހަކައާ އަމަލާ ދިމާ ނުވާ ޕާޓީއެއް ކަމަށެވެ. އެއީ ރާއްޖޭގައި އޮތް ޑިމޮކްރަސީގެ އުސޫލުތަކާއި އެންމެ ބީރައްޓެހި ޕާޓީ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ފަހަށް ދެން ވިދާޅުވީ އަދުލްއިންސާފުގެ ތެރެއަށް އަތްފޯރުވުނު ހިސާބަކަށް ސަރުކާރުން އަތްފޯރުވި ކަމަށެވެ. އަދި ނުފޫޒު ނުފޯރުވޭ ހިސާބަށް ދިއުމުން މި ސަރުކާރުން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނުނަގާނެ ކަމަށް ބުނި ނަމަވެސް ހަގީގަތް ނުފޮރުވޭނެ ކަމަށެވެ.
- ޔާމީން ރައްދު އެ ދެއްވީ މި ސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް ފުރާޅުން ޓިނެއް ނުނަގާނެ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މި ސަރުކާރުގެ ހެރިޖޭޓް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވި ވާހަކަފުޅަށް ކަަމަށް ބެލެވެއެވެ. -
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަންވެވަޑައިގެންނެވީ ސުޕްރީމް ކޯޓަށް މި ސަރުކާރުން ނުފޫޒު ފޯރުވާން ބޭނުން ނުވެގެން ނޫން ކަމަށާ އެކަން ކުރަންވަން ސަރުކާރުން ބޭނުންވި ކަމަށެވެ.
"އެމްޑީޕީ ޑިމޮކްރަސީ ކިޔައިގެން އުޅޭއިރު އެއީ އެންމެ އަންޑިމޮކްރަސީ އެންމެ އިންލެޖިޓިމެޓް ޕާޓީ. އެއީ އިންތިހާބު ބަލާލީމަ އެނގޭނެ މިއީ ލެޖިޓިމެޓް ވެރިކަމެއް ނޫންކަން. ވެރިކަމަށް އައިސް މިހުރިހާ ބާރެއް ހޯދާފައި އަދުލްއިންސާފުގެ ތެރެއަށް އަތްފޯރާ ހިސާބަށް އަތްފޯރުވާފައި އަތްނުފޯރާ ހިސާބަށް ދިޔައީމަ ތިމަންނާމެން ފުރާޅުން ޓިނެއް ނުނަގަމޭ ބުންޏަސް އެންމެންނަކަށް އެކަމެއް ނުވެސް އޮޅޭނެ. އެހިސާބަށް އެކަން ނުގެންދެވުން އެއީ ﷲ އަޅުގަނޑަށް މެދުވެރިކުރެއްވި އެންމެ ބޮޑު ނިއުމަތް މި ހުކުމުން އަޅުގަނޑު ސަލާމަތްވާން. އެއީ އެއްގޮތަކަށްވެސް ސުޕްރީމް ކޯޓަށް އަތްލާން ބޭނުން ނުވެގެން އެކަން ވީކީއެއް ނޫން. އަތްލާން ބޭނުންވާނެ. އެ މީހުންނެއް [ސަރުކާރު] ބޭނުމެއް ނުވާނެ އަޅުގަނޑު މިނިވަންވެފައި ހުންނާކަށެއް. އެއީ އެ މީހުންގެ ހާލަތު ހުރި ގޮތް،" ރައީސް ޔާމީން ވިދާޅުވިއެވެ.
އަދުލްއިންސާފުގެ ތެރެއަށް އަތްފޯރާ ހިސާބަށް އަތްފޯރުވާފައި އަތްނުފޯރާ ހިސާބަށް ދިޔައީމަ ތިމަންނާމެން ފުރާޅުން ޓިނެއް ނުނަގަމޭ ބުންޏަސް އެންމެންނަކަށް އެކަމެއް ނުވެސް އޮޅޭނެ. އެހިސާބަށް އެކަން ނުގެންދެވުން އެއީ ﷲ އަޅުގަނޑަށް މެދުވެރިކުރެއްވި އެންމެ ބޮޑު ނިއުމަތް މި ހުކުމުން އަޅުގަނޑު ސަލާމަތްވާން. އެއީ އެއްގޮތަކަށްވެސް ސުޕްރީމް ކޯޓަށް އަތްލާން ބޭނުން ނުވެގެން އެކަން ވީކީއެއް ނޫން. އަތްލާން ބޭނުންވާނެ. އެ މީހުންނެއް [ސަރުކާރު] ބޭނުމެއް ނުވާނެ އަޅުގަނޑު މިނިވަންވެފައި ހުންނާކަށެއްއަބްދުﷲ ޔާމީން | ކުރީގެ ރައީސް
މި ސަރުކާރުން އެމަނިކުފާނު މިނިވަންވެފައި ހުންނަވަން ބޭނުންނުވާނެ ކަމަށާ އެމަނިކުފާނު މިނިވަންވެވަޑައިގެންނެވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރި މަަސައްކަތް ކާމިޔާބުނުވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު މިނިވަންވެވަޑައިގެން ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދަށު ކޯޓްތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އަދުލުގެ ނިޒާމު އޮތް ގޮތުން ހަމަޖެހިގެން ގައުމަށް ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދުލުގެ ނިޒާމުގެ ކަށަވަރުކަން އޮވެގެން ނޫނީ ރާއްޖެއަށް ދިރުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
"އަދުލުގެ ނިޒާމު އެންމެ ކޮރީ. ކެރިގެން ވާހަކަ ދައްކަންވީ. މިކަމުގެ ވާހަކަ ދައްކައިގެން އަނެއްކާވެސް [ޖަލަށް] ގެންދޭ. އެކަމަކު އަޅުގަނޑުމެންނަކަށް ހަމަޖެހިގެނެއް ކަންކަމެއް ކުރިއަކަށް ނުގެންދެވޭނެ އަދުލުގެ ނިޒާމަކީ ހުރިހާ ފަރާތަކުން، ހުރިހާ ނުފޫޒުތަކުން އެއްކިބާވެފައި އޮތް އަދުލުގެ ނިޒާމެއް ކަމަށް ރައްޔިތުން ގަބޫލުކުރާ މިންވަރަށް ކަށަވަރުކަން ލިބިގެން ނޫނީ ދިވެހިރާއްޖެއަށް ދިރުމެއް ނެތް، ދިވެހިރާއްޖެއަށް ކުރިއެރުމެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.