ދުނިޔެ

ކެނެޑާގެ ފޮރިން މިނިސްޓަރަށް ފަލަސްތީނުގައި ބިހުން ހަމަލާ ދީފި

Jan 19, 2015

އިޒްރޭލުގެ ބޮޑެތި އެކުވެރިިންގެ ތެރޭގައި ހިމެނޭ ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއާޑް އިއްޔެ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ވަޑައިގަތުމުުން އޭނާއާ ދެކޮޅަށް މުޒާހަރާކޮށް ބިސް ޖަހައިފި އެވެ.

ބެއާޑަށް އަމާޒުކޮށް ބިސްތަކެއް އުކި ނަމަވެސް އޭނާގެ ގަޔަށް އެއިން ހަމަލާއެއް އަމާޒެއް ނުވެ އެވެ. އެކަމަކު ދަތުރުކުރި މޮޓޮކޭޑްގެ ބައެއް ވެހިކަލްތަކަށް ބިހުގެ އަސަރުކުރި އެވެ.

ކެނެޑާ އިން އިޒްރޭލަށް ތާއީދުކޮށް ފަލަސްތީނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ މެދު ނުރުހުން ފާޅު ކުރުމަށް ބިހުން ހަމަލާ ދީފައި ވާއިރު ފަލަސްތީނަކީ އދ.ގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ "ދައުލަތެއް" ގޮތުގައި އދ. އިން ފާސްކުރި ވޯޓުގައި ވެސް ކެނެޑާ އިން ވަނީ ފަލަސްތީނާ ދެކޮޅަށް ވޯޓު ދީފަ އެވެ. އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި ފަލަސްތީން ބައިވެރިވުމަށް ވެސް ކެނެޑާ އިން ވޯޓު ދިނީ ދެކޮޅަށެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާޒް މާލިކީއާ ބައްދަލުކުރެއްވުމަށް ބެއާޑް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް މުޒާހަރާކޮށްފައި ވާއިރު ބެއާޑް ވިދާޅުވީ ފަލަސްތީނުގެ ފޮރިން މިނިސްޓަރާ އެކު ވަރަށް މިނިވަންކަމާ އެކު މަޝްވަރާކުރެއްވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އިޒްރޭލާ އެކު ކުރިއަށް ގެންދާ ވާހަކަތަކަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް ކަމެއް ކުރާ ނަމަ އެކަމާ ވަރަށް ބޮޑަށް ވިސްނަން ޖެހޭނޭ،" ބެއާޑް ވިދާޅުވި އެވެ.

ބެއާޑް ފަލަސްތީނުގެ ވެރިންނާ ބައްދަލު ކުރައްވާއިރު އައިސީސީގައި އޭޕްރީލް 1 އިން ފެށިގެން ފަލަސްތީނު ބައިވެރި ކުރާނެ އެވެ. އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ މައްސަލަ ބަލައިދިނުމަށް އައިސީސީގައި އެދިފައި ވާތީ އެކަމާ ބެހޭ އިބްތިދާއީ އަޑުއެހުންތައް ފަށަން ނިންމާފައިވާކަން ވެސް އައިސީސީ އިން ވަނީ އިއުލާނުކޮށްފަ އެވެ. އިޒްރޭލާއި ކެނެޑާ އިން ވަނީ މިކަމާ ނުރުުހުން ފާޅުކޮށްފަ އެވެ.