ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވައިގެ މަގުން ރާއްޖެ ބެލެހެއްޓޭގޮތް ވުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން: ރައީސް

ދިވެހީންގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ ޑްރަގް ނެޓްވޯކްތަކާއި ޓެރަރިޒަމާއި ވަގު ވިފަޔާރީގައި ހަރަކާތްތެރިވާ މީހުން ރުހޭނެ ކަމެއް ނޫން ކަމަށާ ނަމަވެސް ޑްރަގް ބޯޓް ފަހަރު ގިނަވާން ރާއްޖެ ސަރަހައްދު ދޫކޮށްނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްކަން ފާހަގަކުރައްވާ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި ކާރޫބާރޫގެ ތެރޭން އުފެދެމުންދާ ނުރައްކާތެރި އުދަބާނި ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގަމުންދާ ކަަމަށް ވިދާޅުވެފައެވެ.

އަދި ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯކްތަކުން ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު ޓެރަރިޒަމާއި އެހެނިހެން ވަގު ވިޔަފާރިއާ ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތްތަކަށް ދިވެހީންގެ ކަނޑުގައި ޖާގަ އޮންނަ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުމަކީ މި ދެންނެވި މީހުން ރުހޭނެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަރަހައްދު އެއްގަމާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން. ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާ ކަނޑާ ވައިގެ ސަރަހައްދު މި ދެންނެވި ބޭނުންތަކަށް ދުލެއް ނުކުރެވޭނެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ މަސްދޯނި ފަހަރަށް ވުރެ ޑްރަގް ބޯޓް ފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. ކުރިޔަކަ ނުވެެސް ދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ކެންޕެއިނެއް ވަރުގަދަކޮށް ފުޅާކޮށްފައިވަނިކޮށެވެ. އެ ކެންޕެއިނަކީ ޑްރަގް ވިއްކާ މީހުން އަޑީ ތިބެގެން ހިންގާ ކެންޕެއިނެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރީން ވަނީ ވިދާޅުވެފައެވެ. އަދި "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުވާ ސަރުކާރުން ގިނަ ވާހަކަތަކެއް ދައްކާފައިވެއެވެ. އިންޑިއާއިން ދިން ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓްގެ ބޭނުން ކުރަން ފެށުމުން ކަނޑުމަތީގައި ހިންގާ އެފަދަ ކުށްތައް މަދުކުރެވިފައިވާ ކަމަށްވެސް ސަރުކާރުން ދެކެއެވެ. އެ އުޅަނދުތައް އޮޕަރޭޓްކުރުމުގައި ހަރަކާތްތެރިވަނީ އިންޑިއާ ސިފައިންނެވެ.

ދާދި ފަހުން އޮތް ޖަލްސާއެއްގައި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ "އިންޑިއާ އައުޓް" ކެންޕެއިނަކީ އެމަނިކުފާނުގެ އިސްނެންގެވުމަށް ޕީޕީއެމް އާއި ޕީއެންސީގެ ފަށާ ފުޅާކޮށްފައިވާ ކެންޕެއިނެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ކެންޕެއިން މުޅި ރާއްޖެއަށް ފުޅާކޮށް ބޮޑުކުރައްވާނެ ކަމަށާ އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށްވެސް ވިދާޅުވެފައެވެ.