ހައިކޯޓް

އިންޑިއާ އައުޓް ގަރާރުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފި

އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ރައީސް ވަނީ މިދިޔަ އަހަރު ގަރާރެއް ނެރުއްވާފަ އެވެ. މި ގަރާރުގެ ދަށުން ފުލުހުން ވަނީ އިންޑިއާ އައުޓް ބެނާތަކާއި ޕޯސްޓަރުތައް އޭރު ނަގާފަ އެވެ.

ރައީސް ނެރުއްވި ގަރާރު ގާނޫނުއަސާސީއާއި ހިލާފު ކަމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެ އެވެ. އެހެންނަމަވެސް ކޯޓުން ކުރި ހުކުމުގައިވާ ގޮތުގައި އެ މައްސަލަ އަކީ ދުސްތޫރީ މައްސަލައެއް ނޫނެވެ.

ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީގެ ދަށުން ނެރުއްވި ގަރާރެއް ނަމަވެސް އެ ގަރާރުގައި ގާނޫނީ ބާރެއް ލިބޭ ގަވާއިދެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. މިހެންވުމާއެކު އެ މައްސަލަ އަކީ ދުސްތޫރީ މައްސަލައިގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

މި ގަރާރާއެކު ހުށަހެޅި މައްސަލައިގައި 1968 ވަނަ އަހަރު ހަދާފައިިވާ އާންމު ގާނޫނުތަކުގެ ދަށުން އަމާންކަން ގެއްލޭ ކަހަލަ ވާހަކަތައް ދެއްކުން މަނާކޮށްފައިވާ މާއްދާ ބާތިލް ކުރުމަށްވެސް އެދިފައިވެ އެވެ. އެ މާއްދާ ގޯސް ކަމަށް ދައުުލަތުން އެއްބަސްވުމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މާއްދާ ބާތިލްކުރަން ނިންމާފަ އެވެ. ކޯޓުން ބާތިލްކުރި މާއްދާ އިސްލާހު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެހެންނަމަވެސް ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 15 އަހަރު ވެފައިވާތީ އެ މާއްދާ އިސްލާހުކުރުމަށް ދައުލަތަށް އިތުރު ފުރުސަތެއް ދޭން ފަނޑިޔާރުންނަށް ފެނިވަޑައެއް ނުގެންނެވި އެވެ.