ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު އިދިކޮޅު ކޯލިޝަނުން އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރު ކަމަށް ބުނެފި އެވެ.
ނޫސްވެރިކަމުގެ މިނިވަންދުވަހުގެ ތަހުނިޔާ ރާއްޖޭގެ ނޫސްވެރިންނަށް ފޮނުވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ބައެއް ނޫސްތަކަށާއި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެ މީހުން ބޭނުންވާ އެޖެންޑާ އެއް ހިންގަމުންދާ ކަމަށެވެ. އަދި އެއީ މިނިވަން ނޫސްވެރި ކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމުގައި ދެކޭ ކަމަށެވެ.
"ހަމައެއާއެކު އިދިކޮޅުގެ އަޑު ގެނެސްދޭ މީޑިއާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރަމުންދާކަންވެސް ހިތާމައާއެކު ފާހަގަކުރަމެވެ. އެގޮތުން ސަރުކާރުން އެ ފަރާތްތަކަށް މައުލޫމާތު ހާމަ ނުކުރުމާއި ސަރުކާރުގެ އިވެންޓުތަކުން ފުރުސަތު ނުދިނުން ފަދަ ދަތިތައް ކުރިމަތި ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ،"
މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށްވާއިރު އެބާރުގެ މަސައްކަތްތައް ޒިންމާދާރު ކަމާއެކު ކުރުމަށްޓަކައި ސަރުކާރުން އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށާއި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުން ދޭންޖެހޭ މައުލޫމާތު ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.