އަހުމަދު ސަލީމް (ރެޑްވޭވް)

ހަށީގައި ހޭހުއްޓާ ޔާމީނަށް ގޮތެއް ނުހެދޭނެ: ސަލީމް

Dec 10, 2021
2

ހަށީގައި ހޭހުންނަވަނިކޮށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް އެއްގޮތެއްވެސް ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 25 ބުރީގެ ހިޔާ ފްލެޓްތަކަށް މިސަރުކާރުގެ އިސްވެރިން މަލާމާތުގެ ގޮތުގައި "ކޮތަރިކޮށި" ކިޔާފައިވާތީ އެކަމަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ އެ ކޮތަރުކޮށިތައް ހެދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިދިކުރައްވަނީ "ބޭސް ބޭނުންކުރައްވައިގެން" ކަމަށެވެ.

ކޮތަރާ ގުޅިފައިވާ އިސްލާމީ ތާރީހުގެ ބައެއް ހާދިސާތައް ހިއްސާކުރައްވަމުން ސަލީމް ވިދާޅުވީ ރައީސް ޔާމީން އެޅުއްވި ހިޔާ ފްލެޓްތަކަށް ކޮތަރާ ގުޅުވާ މަލާމާތް ކުރާނީ އެބައެއްގެ ގޮތެއް ނެތުމުން ކަމަށެވެ. ރައީސް ޔާމީން ކުރެއްވި ވަރުގެ މަސައްކަތެއް މިސަރުކާރަށް ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންފުޅުވީ ރައީސް ޔާމީން ޖަލު ގޮޅީގައި މުޅި އުމުރަށް ބާއްވަން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ހުންނެވީ ހައްގުގެ މަގުގައި ކަމަށްވާތީ ﷲ ތަދުބީރު ކުރެއްވި ގޮތަށް ސުޕްރީމް ކޯޓުން އެވަނީ ރައީސް ޔާމީން މިނިވަންކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީނަކީ އިސްލާމް ދީނުގައި ދިފާއުގައި ކެނޑިނޭޅި މަސައްކަތް ކުރައްވާ ވަތަނީ ލީޑަރެއް ކަމަށެވެ. މިސަރުކާރަށް ވާގިވެރިވާ ބައެއް މީހުން މި ގައުމަށް އެހެން ދީންތައް ގެންނަން އުޅުނު ނަމަވެސް ރައީސް ޔާމީންގެ ސަބަބުން އެމީހުންގެ އެ މަސައްކަތް ކާމިޔާބު ނުވި ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ ރައީސް ޔާމީން ނައްތާލަން މިސަރުކާރުން އެމަނިކުފާނަށް ތަފާތު އަނިޔާތައް ދޭނެ ކަމަށާއި ނަމަވެސް ހަށީގައި ހޭހުންނަވަނިކޮށް ރައީސް ޔާމީނަށް ގޮތެއް ނުހެދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިސަރުކާރަށް ވާގިވެރިވާ މީހުންގެ އަމަލުތައް މިހާރު ހުރި ގޮތުން މާދަމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަގާމުން ވަކިކުރުމަށް އަމިއްލަ އަށް ހުށަހެޅުމަކީ ވެސް ވެދާނެ ކަމެއް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ. ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ އޮޅިގެން ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.