ހަބަރު

ކޮންމެ ސްކޫލަަކަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޓީޗަރެއް

  • އެކަމަށް ހާއްސަ 91 އެއްޓީޗަރެއް އެބަތިބި
  • ނުކުޅެދުންތެރިންގެ ހައްގުތަކަށް ހޭލަން ގޮވާލި
  • ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ނުކުޅެދުންތެރިންނަށް

އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޓީޗަރެއް ހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަނީ އެންމެ ނާޒުކު އަދި އަޅާލުން ކުޑަ، ހަވާސާގައި ތިބި ފަރާތްތަކުގެ ހައްގުތަށް ހިމާޔަތް ކުރުމަށް ކަމަށެވެ. އެގޮތުން މިސަރުކާރުން އަޅާލާނެ އެންމެ ފުރަތަމަ ބަޔަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތައް މުޖުތަމުއުގައި ބަލާގަންނާނެ ބަޔަކަށް ހަދައި އެފަރާތްތަކަށް ކޮންމެ ވެސް ކަހަލަ ހުނަރެއް ދަސްކޮށްދިނުމަށްޓަކައި ސްކޫލުތަކަކުން ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމުއުގައި ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ އަހަރު ނިމޭ އިރު ރާއްޖޭގައި ހިނގާ ކޮންމެ ސްކޫލެއްގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވާދޭނެ މަދުވެގެން އެއް ޓީޗަރަކު އުފެއްދުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ނުކުޅެދުންތެރިކަން މީހުންނާއި މެދު އަޅާލާނެ ގޮތްތަކެއް ހޯދައި ނުދޭހާ ހިނދަކު އެފަރާތްތަކާ މެދު އަޅާލާނެ ބައެއް ނުތިބޭނެ ކަމަށެވެ. އެހެން ކަމުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެމީހުން އަމިއްލަ ހާލުގައި ކުރިޔަށް ގޮސް މުޖުތަމައުގައި އެކަށީގެންވާ ބިނާ ކުރެވެނި މަސައްކަތެއް ކުރެވޭ ބައެއް ގޮތައް ހެދުމަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ކުރި، ބައެއް މަސައްކަތްތަކަށް އަލި އަޅުވާލައި ރައީސް ވިދާޅުވީ އެމީހުން މުޖުތަމައުގައި ގާބިލު ބަޔަކަށް ހެދުމުގެ ގޮތުން ހުނަރު ދަސް ކޮށްދިނުމަށް ރާއްޖޭގައި މިހާރުވެސް އެފަރާތްތަކަށް ހާއްސަ 34 ސްކޫލަކާއި ތަމްރީން ކޮށްދޭނެ 91 ޓީޗަރުން އެބަ ތިބި ކަމަށެވެ.