މާލޭ ސިޓީ ކައުންސިލް

އެއްބާރުލުން ނުލިބިގެން 19 ބިން ހުސްނުކުރެވިފައި!

Dec 11, 2021
4

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މާލެ ތެރެއިން ދީފައިވާ ބިންތައް ހުސްކުރުމަށް ނިމިދިޔަ ސަރުކާރުގައި ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް މިސަރުކާރުން އަމަލުކުރާނަމަ މާލެ ތެރެއިން ބޮޑު 19 ބިމެއް ހުސްކުރެވި މާލޭ ރައްޔިތުންގެ އެކި ބޭނުންތަކަށް ބޭނުންކުރާނެ ބިންތަކެއް ލިބޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މާލެ އިން ސަރުކާރުގެ ކުންފުނިތަކަށް ދީފައިވާ ބިންތައް ހުސްކުރުމާ ގުޅޭ ގޮތުން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ސަރުކާރުން އެއްބާރުލުން ދޭނަމަ މާލެ ތެރެއިން ކުންފުނިތަކަށް ދީފައިވާ ބިންތައް މިހާރު ހުންނާނީ ހުސްކުރެވިފައި ކަމަށެވެ.

"އަޅުގަނޑުމެންގެ [ސިޓީ ކައުންސިލްގެ] ސްޓްރެޓެޖިކް ޕްލޭންގައި މިއޮތީ ކުރީ ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖުގައި ސަރުކާރު ކުންފުނިތަކަށް ބިން ދީފައި މާލެ ތެރެއިިން ބިން ހުސްކުރުމަށް އެގްރިމެންޓް ހަދާފައި. އެ އެގްރިމެންޓްތަކާ އެއްގޮތަށް މިސަރުކާރުން އަމަލުކުރިނަމަ މިހާރު އެސްޓީއޯއާ މިހެން ގޮސް އެތައް ކުންފުންޏެއްގެ ބިންތައް ހުންނާނީ މާލެ ތެރެއިން ހުސްވެ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުވެފައި. އިންޑަސްޓްރިއަލް ވިލެޖުގައި މަލްޓި ސްޓޯރީ އިމާރާތްތައް އަޅައިގެން ވެއާހައުސްތައް އަޅައިގެން،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުންފުނިތަކާ އެކު ނިމިދިޔަ ސަރުކާރުގައި ހެދި އެއްބަސްވުންތަކަށް މިސަރުކާރުން އެއްގޮތަކަށް ވެސް އަމަލުކުރަމުން ނުދާ ކަމަށެވެ. ހަމައެކަނި ތަންފީޒުވީ މިދިޔަ ސަރުކާރުގައި އެސްޓީއޯގެ "ރެޑީމިކްސް" ކޮންކްރީޓްގެ މަސައްކަތަށް ދޫކުރި ބިމެއްގެ މައްސަލަ އެކަނި ކަމަށްވެސް ވިދާޅުވި އެެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު ނިމިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހިއްސާކުރުމަށް ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދުމުން އެކަމަށްވެސް ޕްލޭން މިނިސްޓްރީން އިޖާބަ ދީފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއްބަސްވުންތައް ހޯދަނީ އެ ބިންތައް ހުސްކުރުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން ލިބޭނަމަ ބިންތައް ހުސްކުރުމަކީ އެއްވެސް އުދަގޫ ކަމެއް ނޫން ކަމަށެވެ. އެ ބިންތައް ކުންފުނިތަކަށް ދީފައިވަނީ ސަރުކާރުން އެ ކުންފުނިތަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކެއްގެ ތެރެއިން ކަމަށްވާތީ އެ ބިންތައް ހުސްކުރުމަށް ސަރުކާރުގެ ބަހެއް ވަރަށް މުހިއްމު ކަމަށެވެ.

"މާލެ ސިޓީ ކައުންސިލަށް ގޮސްފައެއް ނުބުނެވޭނެ ނިކުންނާށެކޭ. އެކަމަކު މި ސަރުކާރުން މާދަަންވެސް އެ ކުންފުނިތަކަށް އަންގައިފިއްޔާ ޖެހޭނީ ނިކުންނަން. އަނެއްކާ ބިން އެހެރީ ދެވިފައި. އެގްރިމެންޓް އެހެރީ ހެދިފައި. އެހެންވީމާ މާލެ ތެރެއިން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުވާން ޖެހޭނެ ނޫންތޯ؟ އެކަން ކޮށްފިއްޔާ ގާތްގަނޑަކަށް 19 ވަރަކަށް ބޮޑެތި ބިން، ބޮޑެތި ކޮށިތަކުގައި ހުރި ބޮޑެތި ބިންތައް ހުސްވާނެ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ނަގާފައިވާ ބޮޑެތި ބިންތައް ކުންފުނިތަކަށް ދީފައި ހުރީވެސް މާލެ ސިޓީ ކައުންސިލަށް އާމްދަނީއެއް ލިބޭ ގޮތަށް ނޫން ކަމަށާއި އެވެސް ކައުންސިލުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ބައެއް ކުންފުނިތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކުދި ކުދި ބިންތަކަށް ވެސް އޮކްޓޫބަރު، 2017 އިން ފެށިގެން ކައުންސިލަށް އެއްވެސް އެއްޗެއް ނުދައްކާ ކަމަށްވެސް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން އެކި ބޭނުން ތަކަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިން ތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ހޯދުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް މިދިޔަ ނޮވެމްބަރުގެ ތެރޭގައި ސިޓީ ކައުންސިލުން ނިންމުންތަކެއް ވެސް ނިންމާފައިވެ އެވެ.