ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

( 6 ޑިސެމްބަރ 2021އާ ގުޅޭ )

ސަހުލާ ހިނިތުންވެ ހުރެ ބަލައިލީ ޖައިޝްގެ މޫނަށެވެ. ޖައިޝްގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރި ކަމެވެ. ހިތްހަމަޖެހުމެވެ. ހީވަނީ މިއީ ޖައިޝް ވެސް ވަރަށް ބޭނުން ވެގެން ކުރެވުނު ކައިވެންޏެއް ހެންނެވެ. ސަހުލާއަށް މާއިރަކު އެގޮތަކަށް ޖައިޝްއަށް ބަލަން ނީންދެވުނެވެ. ވަރަށް ބާރަށް ޖައިޝްގެ ގައިގައި ބައްދައިގަތެވެ. ދެން އިވެން ފެށީ ޖައިޝްގެ ދެ އެކުވެރިންގެ "މަރުހަބާ" ގެ ހޫނު ތަރުހީބުގެ އަތްތިލަ ބަޑީގެ އަޑެވެ. ހަފްސާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އެވަގުތު ވެސް ހަފްސާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. މަޑުމަޑުން ހަފްސާ ހިނގައިގަތީ ސަހުލާގެ ގާތަށެވެ. ހަފްސާގެ ފަހަތުން ގާދިރާއި ހިޝާމް ވެސް ހިނގައިގަތެވެ.

"ދަރިފުޅާ!" ހަފްސާގެ އަޑުން މުޅިތަން ވަގުތުން ހިމޭންވެގެން ދިޔައެވެ. ޖައިޝްއާ ދުުރުވެލަމުން ސަހުލާ ބަލައިލީ ހަފްސާއަށެވެ. ސަހުލާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ހަފްސާގެ ދެލޮލަަށް ޖަމާވެފައިވާ ކަރުނަތަކެވެ. މޫނު ބުރުގާ އަޅައިގެން ހުރި ހަފްސާގެ ހަމައެކަނި ދެލޮލުން ވެސް، އޭނާއަށް ކޮށްފައިވާ ފުން އަސަރާއި އިހްސާސްތައް ހާމަވެގެން ދެއެވެ. ހަމަ ހީވަނީ ދެންމެ ދެންމެ އެ ކަރުނަތައް އެކީ އެކައްޗަކަށް ފައިބައިގަތް ފާނެހެންނެވެ.

"ދަރިފުޅާ!" ހަފްސާ ހިފައިލީ ސަހުލާގެ ކަނާ އަތުގައެވެ. އަދި މަޑުމަޑުން އެ އަތުގައި ފިރުމައިލިއެވެ. އިރުކޮޅެއް ވަންދެން އެއްވެސް އެއްޗެއް ނުބުނެ، ހަފްސާ އިސްދަށަށް ޖަހައިގެން ހުރީ ހަމަ އެގޮތަށް ސަހުލާގެ އަތުގައި ފިރުމާލަ ފިރުމާލައެވެ.

"މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ! މަންމަ އަބަދުވެސް އެދޭނީ ދަރިފުޅަށް ރަނގަޅު ގޮތް ވުމަށް. ހެޔޮ ގޮތްތައް މިންވަރު ކުރެއްވުމަށް. ދަރިފުޅު އަބަދުވެސް ވިސްނާތި! ދަރިފުޅު ތީ ވަރަށް ރަނގަޅު ކުުއްޖެއްކަން. ދަރިފުޅު ކުރާ ކަމެއް ނުބައި ވެދާނެ. އެކަމު ދަރިފުޅަކީ ނުބައި ދަރިއެއް ނޫން. ގޯސް ކުއްޖެއް ނޫން. ހުރިހާ ކަމެއް ދެނެވޮޑިގެން ވާނީ މާތްﷲ. އެކަލާނގެ ހެކި ވާނެ މަންމަ ދަރިފުޅަށްޓަކާ އުފުލި ވޭން. އުފުލަމުން ދާން ވޭން. ދަރިފުޅާ.." ހަފްސާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އޭނާގެ މޫނުމަތި ނިވާކޮށްފައިވާ ކަޅު ފޮތިކޮޅު ތެމިގެން ދިޔައީ ނުހަނު އަވަހަށެވެ. ސަހުލާ ކުރިއަށް ފިޔަވަޅެއް ނަގައިލަމުން ހިފައިލީ ހަފްސާގެ ދެއަތުގައެވެ.

"މަންމާ! އަހަރެން މިހުރީ ވަރަށް އުފަލުންނޭ. އަހަރެންގެ ހަޔާތަށް މިވަރުގެ އުފަލެއް ދެން ނުލިބޭނެ މަންމާ. މަންމަ ދެރަ ނުވޭ. މަންމަ އެދޭ ފަދަ ދަރިއަކަށް އަހަރެން ވާނަމޭ." ސަހުލާގެ ވާހަކަތަކުން ޖައިޝްއަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ޖައިޝް ބަލައިލީ ސަހުލާއަށެވެ. ހަފްސާގެ އަތުގެ ތެރޭގައި އޮތް، ސަހުލާގެ އަތުގައި އަނެއްކާ ވެސް ހަފްސާ ފިރުމައިލުމަށްފަހު، އޭނާ އެތަނުން ނުކުމެގެން ދިޔައީ ރޮމުންނެވެ. ދުވަމުން ކަހަލަ ގޮތަކަށެވެ. ސަހުލާ ކުރިއަށް ނެގި ފިޔަވަޅާ އެކުގައި ސަހުލާގެ އަތުގައި ހިފެހެއްޓީ ޖައިޝްއެވެ. ހިޝާމް އާއި ގާދިރު އެތަނުން ނުކުތީ ސަހުލާއާ އަނގައިން ވެސް ނުބުނެއެވެ.

ސަހުލާ ގޮވައިގެން ޖައިޝް ހިނގައިގަތީ އޭނާގެ ގެއަށެވެ. ކައިވެންޏަށްފަހުގައި ދުވަހުގެ ބާކީ ބައި ސަހުލާ އާއި ޖައިޝް ވޭތުކުރީ ވަރަށް އުފަލުގައެވެ. ކައިވެނީގެ ހަފުލާއެއް ނެތަސް، އެދެމީހުން ތިބީ ނިކަން އުފާވެފައެވެ. އެކީގައި މޫދަށް ގޮސް، ކައިވެނީގެ ހެދުމުގައި ތިބެ ޔުއާދު ލައްވާ "ލޯބި ލޯބި" ފޮޓޯތައް ނެގުވިއެވެ. ދެމީހުން އެއްކޮށް މެންދުރުގެ ކެއުމާއި، ހަވީރުގެ ސަޔަށް އިންސާފު ކުރީ ނުހަނު "ރޮމޭންޓިކް ޑޭޓެއް"ގެ ގޮތުގައެވެ.

ގަޑިން ރޭގަނޑު 9 ޖަހައިފިއެވެ. ކާގޭ މޭޒު ކައިރީގައި އިން ހަފްސާ ވަނީ ހިމޭންވެފައެެވެ. ހަފްސާ އާއި އެކު ގާދިރާއި ހިޝާމް ވެސް ތިއްބެވެ. އެމީހުން ތިބީ ކާންށެވެ.

"މަންމާ! ދެން ތިހެން ނީންދެ ކެވޭތޯ ބަލާ! މަންމަ ތީ ތިހާ ބަލި މީހެއް ނޫނެއްނު؟ ދެން އެހެން ނޫނަސް، ކޮއްކޮ ބުންޏެއްނު މަންމަ ގާތުގަ، ޖައިޝް ވެސް ރަނގަޅު މީހަކަށް ހަދާނަމޭ. ކޮއްކޮ ވެސް ރަނގަޅަށް އުޅޭނަމޭ. ދީނީ ގޮތުން ބަލާނަމަ، ޖައިޝް ކަހަލަ ކުއްޖެއް ބަދަލު ކޮށްލެވެއްޖިއްޔާ، އެއީ ކޮއްކޮއަށް ލިބޭނެ ވަރަށް މަތިވެރި ސަވާބެއް! އިންޝާﷲ." ހިޝާމް ވާހަކަދެއްކީ އޭނާގެ މަންމަ އާއި ބައްޕައަށް ބަލަމުންނެވެ.

"ދަރިފުޅާ! މަންމަ ދެރަވެފަ ހުރިކަން އެންމެންނަށް ވެސް އެނގިދާނެ، އެކަމު މަންމަގެ މި ހިތުގަ މި އަޅާ ވޭން މަޔަކަށް ނޫނީ ނޭނގޭނެ. މަންމަ ކެތްކުރިޔަސް، މަންމަ ހިތަށް.. ހާދަ.. ވޭނެއް އަޅަޔޭ! ހިތަށް.. ހާދަ.. ތަދުވެޔޭ!" ހަފްސާ ވާހަކަ ކުރިއަށް ގެންދިޔައީ ވަރަށް އުނދަގުލުންނެވެ. ހަފްސާގެ ވާހަކަތައް އިވިފައި، ހިޝާމް ތެދެވެގެން ގޮސް އިށީންނީ ހަފްސާއާ ޖެހިގެން އިން ގޮނޑީގައެވެ. އަދި ހަފްސާގެ ކޮނޑުގައި މަޑުމަޑުން ހިޝާމްގެ އަތް ބާއްވައިލުމަށްފަހު، އޭނާގެ ބޯ ޖައްސައިލީ ހަފްސާގެ ބޮލުގައެވެ. ވަރަށް ލޯތްބާ އެކުގައެވެ.

"މަންމާ! އަހަރެން ވެސް މި ހުރީނު؟ ސުހާނާ ވެސް.. އަހަރެންގެ ހިތެއް ނުބުނޭ ސަހުލާ ވެސް ނުބައި މީހަކާ އެކު އުޅުނަސް، ނުބައި މަގަކުން ދާނެއެކޭ. އެހެންވެ ދޯ ކޮއްކޮ ބުނާނީ ޖައިޝް ރަނގަޅު ކުރާނަމޭ. އަހަރެމެން އެކައިވެންޏާ ދެކޮޅު ހެދިޔަސް، ކޮއްކޮ ހުރީ އެކަން ކުރާ ގޮތަށް. ކޮންމެ ގޮތެއް ވިޔަސް، ކޮއްކޮއަށް އަހަރެެމެންގެ ހިތްވަރު ބޭނުންވާނެ. އިރާދަކުރެއްވިއްޔާ ކޮއްކޮއަށް ހެޔޮ ވިސްނުން ލިބޭނެ." ހިޝާމްގެ ވާހަކަތަކުން ހަފްސާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.

***

ވަރަށް ރީތިކޮށް ފެންވަރައި، މުޅި ގައިން މީރުވަސް ދުއްވާލައިގެން ސަހުލާ އޮތީ އެނދުމަތީގައި އޮށޯވެގެންނެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ފިރިމީހާ ފާހާނާއިން ނުކުންނާނެ ވަގުތަކަށެވެ. ސަހުލާ ލައިގެން އޮތީ ޓީޝާޓަކާއި ކުރުކުރު ސޯޓު ބުރިއެކެވެ. އޭނާގެ ދޮން ހަށިގަނޑުން ބޮޑު ބަޔެއް ވަނީ ކަޝްފުވެފައެވެ. ސަހުލާއަށް ކުއްލިއަކަށް ފާހާނާ ދޮރަށް ބަލައިލެވުނީ ދޮރު ހުޅުވުނު އަޑަށެވެ. ސަހުލާއަށް ކަޅި އަމާޒުކޮށްލެވުނީ ދޮރު ކުރިމަތީގައި އެއްވެސް ފޭރާމެއް ނެތި ހުރި އޭނާގެ ލޯބިވާ ފިރިމީހާ ޖައިޝްއަށެވެ. އޭނާގެ ބުޅި އިސްތަށިގަނޑުން ފެން ނުހިކި ހުރި އިރު، އެ އިސްތަށިގަނޑުގެ ދިގުކަން ބޮޑަށް ހާމަވެއެވެ. ތުނބުޅީގައި ހުރި ޗާލުކަމާއި އެކު، އޭނާގެ ބުޅި އިސްތަށިގަނޑު ޖައިޝްއާ ވަރަށް ގުޅެއެވެ. ޖައިޝްގެ މޫނުން ފެށިގެން ތިރިއަށް ސަހުލާ ބަލައިލީ މުޅިން އަލަށް އޭނާއަށް ފެނުނު އިންސާނެއް ފަދައިންނެވެ. މޭމަތީގައި ހުރި އިސްތަށިތަކުން، ކޮންމެވެސް ވަރަކަށް ގޮޅިތައް އަރާފައި ހުރި ޖައިޝްގެ ހަށިގަނޑު އިތުރަށް ފުރިހަމަކޮށްދެއެވެ. ސަހުލާއާ ދިމާލަށް ޖައިޝް ލޯ ކުޑަކޮށްގެން ބަލަމުން އައިސް، އޭނާ އެނދަށް ޖެހިގަތީ ބަނޑުހައި ވެފައިވާ މިނިކާ ވަގެއް ފަދައިންނެވެ. އިސާހިތަކު ކައިވެނީގެ ފުރަތަމަ ރޭގެ ތޫފާން އެކޮޓަރި ތެރެއަށް އަރައިގެން ދިޔައެވެ.

މުޅިން އައު ދުވަހަކަށް އިރު އެރުމާ އެކުގައި، ސަހުލާއަށް ހޭލެވުނީ ހޫނުކަން އިހްސާސް ކުރެވުމުންނެވެ. ކޮޓަރީގައި އޭސީއެއް ނެތުމުން މިއީ ސަހުލާއަށް ކުރިއަށް އޮތްތާ ވެސް ތަޖުރިބާ ކުރަން ޖެހޭނެ ހޫނު ކަމެއްކަން ވިސްނުމުން، އެކަމާ ކެތްކޮށްލުން ނޫން ގޮތެއް ނެތްކަން ސަހުލާއަށް އެނގުނެވެ. ދުވަސްކޮޅަކުން މި ހޫނަށް އޭނާ ވެސް ހޭނޭނެތީއެވެ. ދެލޯ ކުޑަކޮށް ހުޅުވައިލުމަށްފަހުގައި ސަހުލާ ބަލައިލީ އޭނާ އޮތް އެނދަށެވެ. އެނދުގައި ޖައިޝްއެއް ނެތެވެ. ދެއަތުން ދެލޯ ފޮހެލުމަށްފަހު، އަނެއްކާ ވެސް ސަހުލާ ރަނގަޅަށް ކޮޓަރިއަށް ބަލައިލިއެވެ. ކޮޓަރީގައި ވެސް ޖައިޝް އެއް ނެތެވެ.

"ޖައިޝް.." ސަހުލާ އެނދުން ތެދުވިއެވެ. އަދި ކޮޓަރިން ނުކުމެ ބޭރު ބަލައިލިއެވެ. ޖައިޝްގެ ހިލަމެއް ނެތުމުން ސަހުލާ އަނެއްކާ ވެސް ގޮސް ވަނީ ކޮޓަރިއަށެވެ.

ހެނދުނު 10 ޖަހާ ބޮޑު އިރު ވެސް، ޖައިޝް ގެއަކަށް ނައެވެ. ފެންވަރާލައިގެން ސަހުލާ ގޭގައި އިނީ ހެނދުނުގެ ސައި ތައްޔާރުކޮށް ނިންމައިގެންނެވެ. ގޭތެރެއަށް ބޭނުންވާނެ ބައެއް ކާއެއްޗެހި ސަހުލާ ގަތީ ޖައިޝް ދިން ރުފިޔާކޮޅަކުންނެވެ. އެއީ ޖައިޝް ކުރިން މަސައްކަތް ކުރި ތަނުން ލިބުނު ލާރިކޮޅެކޭ ކިޔާފައި ސަހުލާއަށް ދިން ފައިސާއެވެ. ނަމަވެސް އެ ފައިސާގެ ހަގީގަތް ސަހުލާއަކަށް ނޭނގެއެވެ.

ސަހުލާ އިންތިޒާރު ކުރަމުން ދިޔައީ ޖައިޝް އަށެވެ. ސަހުލާ ނިންމައިގެން ހުރީ ޖައިޝް ގެއަށް އައުމުން ސަހުލާ ބަނޑު ބޮޑު ނޫން ވާހަކަ ބުނާށެވެ. އެ ވިސްނުން ރިޝްފާއަށް ސަހުލާ ކިޔާ ނުދިނީ، ޖައިޝް ރުޅި ނާންނާނެ ކަމުގެ ޔަގީންކަން ސަހުލާއަށް އޮތީތީއެވެ. ފާއިތުވެ ދިޔަ ދުވަސް ތަކުގެ ތެރޭގައި ސަހުލާއަށް ފެނުނީ މުޅީން އެހެން ޖައިޝްއެކެވެ. އެއީ ވަރަށް ލޯބި ޖައިޝްއެކެވެ. ޖައިޝްގެ އުޅުން ރަނގަޅުކޮށް އިސްލާހު ކުރާނެ ކަމަށް ސަހުލާ ގާތު ޖައިޝް އިސްވެ ބުނީ ވެސް މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައެވެ. އަދި ދެމީހުންގެ ކައިވެނި އޮތުމުން އެކަމާ ޖައިޝް އުފާވެ، ފޮޅިފައި ވީތަން ސަހުލާގެ މޫނުމަތިން ފެނިފައި ވާތީއެވެ. ޖައިޝްގެ ފަރާތުން ލިބިފައިވާ ބަޔާން ނުކުރޭ ލޯބިން މިދިޔަ ދުވަސްތަކުގެ ތެރޭގައި ސަހުލާގެ ހިތް ވަނީ ފުރި ބަންޑުން ވެފައެވެ. ޖައިޝްގެ "ސޮރީ" އަކީ ސަހުލާއަށް އައު ބަހަކަށް ނުވީ ނަމަވެސް، ޖައިޝްގެ ސޮރީއަށް ފަހު މިފަހަރު ޖައިޝްގެ ފަރާތުން ތަފާތު ސަހުލާއަށް ފެނިއްޖެއެވެ. އެހެން ކަމުން އެއްވެސް ކަމެއް ސިއްރު ކުރުމުގެ ބޭނުމެއް ސަހުލާއަކަށް ނުވިސްނެއެވެ.

"ޖައިޝް.." ގޭތެރެއަށް ވަދެގެން އައި ޖައިޝް ފެނުމާ އެކުގައި ސަހުލާ ދުވެފައި ގޮސް ޖައިޝްގެ ގައިގައި ބައްދައިގަތެވެ. ޔުއާދުގެ ގެއިން މަސްތުގެ ވަބާގައި ޖެހިގެން ޖައިޝް އޭނާގެ ގެއަށް އައިސް ވަނީ ވަރަށް ރަނގަޅަށް ސެންޓު ޖަހާލައިގެންނެވެ. އެއްވެސް އިތުރު ވަހެއް ސަހުލާގެ ނޭފަތުގައި ނުޖައްސާށެވެ. ޖައިޝްގެ މޫނުމަތިން ސަހުލާއަށް އެއްވެސް ތަފާތެއް ފާހަގައެއް ނުވިއެވެ. ނަމަވެސް އެއީ ސަހުލާއަށް ކުރެވުނު ކުށްހީއެކެވެ. ޖައިޝްއާ ދިމާލަށް ސަހުލާއަށް ބެލުނީ ވަރަށް ބޮޑަށް ރުހުމުގެ ލޮލަކުން ކަމަށް ވެދާނެއެވެ. ދެމީހުން އެއްކޮށް ކޮޓަރިއަށް ވަނީ އަތުގައި ހިފައިގެން ހުރެއެވެ.

"ޖައިޝް.. އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ.." ޖައިޝްގެ މޭގެ ތެރޭގައި ބޯ ޖައްސައިލަމުން ސަހުލާ ބުނެލިއެވެ. ސަހުލާގެ ބުރަކަށީގައި ޖައިޝްގެ ދެއަތް އޭނާ ޖައްސައިލިއެވެ. "ކޮން ވާހަކައެއް؟" ޖައިޝް އަހައިލިއެވެ.

"ޖައިޝް.. އަހަރެން ޖައިޝް ދެކެ ވަރަށް ލޯބިވޭ! އަހަރެންނަށް އެނގޭ ޖައިޝް ވެސް އަހަރެން ދެކެ ވަރަށް ލޯބި ވާކަން. އެހެންވެ، އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ސިއްރު ކުރާކަށް. އަހަރެމެންނަކީ މިހާރު ދެމަފިރިން.." ސަހުލާ ވާހަކަދައްކަމުން ދިޔައީ ހިނިތުންވެފައި ހުރެގެންނެވެ. ޖައިޝް ހުރީ ވާނުވާގައި ސަހުލާގެ ވާހަކަ އަޑު އަހާށެވެ.

"ޖައިޝް.. އަހަރެން.. އަހަރެން ބުނީ.. އަހަރެން.. އަހަރެން މިހާރު ޕްރެގްއެއް ނޫން. ހިނގާ ދޯ ދަރިއަކު ހޯ.." ސަހުލާއަށް ބުނެވުނީ އެވަރަށެވެ. ދެން ކޮޓަރި ތެރެއިން އިވިގެން ދިޔައީ ސަހުލާ ވަރަށް ބާރަށް "އައްދޯއި" ކިޔާ ރޯން ފެށި އަޑެވެ. (ނުނިމޭ)