ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން އޮތީ އިންޑިއާއާ އެކު މަސައްކަތް ކޮށްގެންކަން ޒުވާނުން ގަބޫލުކުރާ ކަމަށް ވިދާޅުވެ "އިންޑިއާ އައުޓް" ކެންޕެއިނަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފި އެވެ.
އާޒިމްގެ ރައްދު، ފުޅާކޮށް ބޮޑުކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕެއިނަށް އަމާޒުކުރެއްވީ ޕީޕީއެމް އާއި ޕީއެންސީގެ ޒުވާނުން އިސްނަގައިގެން އެ ހަރަކާތުގެ ތެރެއިން މިއަދު ބާއްވަން އޮތް ސައިކަލު ބުރަށް އަމާޒުކޮށެވެ. -- ވިއްސާރަވުމުގެ ސަބަބުން މިއަދުގެ ސައިކަލް ބުރު ވަނީ ފަސްކޮށްފައެވެ --
އާޒިމް ވިދާޅުވީ ދިވެހި ގިނަ ޒުވާނުންނަށް އެމީހުންގެ އާއިލާތަކުން "އިންޑިއާ އައުޓް" ވެގެންވާ ފައިދާއަށް ވުރެ ގެއްލުން ބޮޑުކަން ގަބޫލުކުރާ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން އޮތީ އިންޑިއާއާ އެކު މަސައްކަތް ކޮށްގެންކަން ޒުވާނުން ގަބޫލުކުރާ ކަމަށެވެ.
"ސިޔާސީ ފައިދާނެގިޔަސް ތީ ދެން ބޮޑުވަރު. ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން އޮތީ އިންޑިއާއާއެކު މަސައްކަތް ކޮށްގެންކަން ޒުވާނުން ގަބޫލުކުރޭ. ފިތުނަކުރުން ހުއްޓާލާ،" ޒުވާނުންގެ ސައިކަލު ބުރަށް ފާޑުވިދާޅުވެ އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ފެށިފައިވާ "އިންޑިއާ އައުޓް" ކެންޕެއިނަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ އެމަނިކުފާނުގެ އިރުޝާދަށް ޕީޕީއެމް އާއި ޕީއެންސީން ބޮޑުކޮށްފައިވާ ހަރަކާތެވެ. އެ ހަރަކާތުގައި އެ ދެ ޕާޓީގެ ސިޔާސީ ފިކުރަށް ތާއީދު ނުކުރާ ގިނަ ބަޔަކުވެސް ބައިވެރިވެއެވެ. ދާދި ފަހުން އޮތް ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ޖާގަ ނެތް ކަމަށާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ކާމިޔާބު ވަންދެން "އިންޑިއާ އައުޓް" ކެންޕެއިން ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.