ލައިފްސްޓައިލް

ރަން ފަށެއް ދިރުވާލި ގެރިއެއްގެ އޮޕަރޭޝަނެއް ކޮށްފި

އިންޑިއާގެ ކަރްނާޓަކާގެ ރަށެއްގައި އާއިލާއެއް ގެންގުޅުނު ގެރިއެއްގެ ބަނޑު އޮޕަރޭޝަން ކުރަން ޖެހިއްޖެ އެވެ. މި ގެރީގެ ބަނޑުގެ ސާޖަރީ ހަދަން ޖެހުނީ ރަން ފަށެއް އޮޅިގެން ކާލެވުނީމަ އެ ނަގަންވެގެންނެވެ.

ގެރީގެ ވެރިމީހާ، ސްރީކާންތު ހެގްޅޭ އާއި އާއިލާ ދިރިއުޅެނީ ހީޕަނަހައްލީ ކިޔާ ރަށެއްގަ އެވެ. އޭނާގެ އަތުގައި ހަތަރު އަހަރުގެ ގެރިއަކާއި ކުޑަ ގެރިއެއް އޮވެ އެވެ.

މި މީހުންނަކީ ގެރިއަށް އަޅުކަންކުރާ ބަޔަކަށްވާތީ އެފަހަރު މި މީހުން ކުޑަ ގެރި ފެންވަރާ އޭގެ ކަރުގައި މާފައްޗާއި ރަން ފަށެއް އެޅުވި އެވެ. އަދި ފަހުން އެ މާފައްޗާއެކު ރަން ފަށް ނަގާފައި ދެ ގެރީގެ ކުރިމަތީގައި ބޭއްވި އެވެ. އިރުކޮޅެއް ތެރޭގައި ރަން ފަށް ވީނުވީއެއް ނޭނގި ގެއްލުނީ އެވެ.

އާއިލާގެ މީހުންނަށް ރަން ފަށް ނުފެނިގެން ވަރަށް ހޯދުމަށްފަހު އެންމެ ފަހުން ގެރި، މާތައް ކާލިއިރު ފަށް ދިރުވާލެވުނީ ކަމަށް ޝައްކު ކުރެވުނެވެ.

މި ހާދިސާ އަށް 35 ވަރަކަށް ދުވަސްވީއިރު ހަމަ ކޮންމެ ދުވަހަކުވެސް އާއިލާގެ އެންމެން މި ގެރީގެ ނަޖިސްތައް ހާވަ އެވެ. ބޮޑުކަމުދާއިރު އެ ފަށް ވެއްޓިދާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް އެހާ ދުވަސްވީ އިރުވެސް ފަށް ނުފެނުނީމަ އެންމެ ފަހުން ގެރި ގޮވައިގެން ޖަނަވާރުންގެ ޑޮކްޓަރެއް ކައިރިއަށް ދިޔައީ އެވެ.

މެޓަލް ޑިޓެކްޓާއެއްގެ އެހީގައި ގެރީގެ ބަނޑުގައި ފަށް އޮތް ކަން ޑޮކްޓަރު ޔަގީން ކޮށްދިނެވެ. އަދި ފަހުން ސްކޭނެއް ހަދައިގެން ބަނޑުގައި އެ ފަށް ހަރުލާފައި އޮތް ތަން ވެސް ބެލި އެވެ.

ފަށް އޮތީ ގެރީގެ ގޮހޮރުގައި ތާށިވެފައި ކަމުން އާއިލާގެ އެދުމުގެ މަތިން ސާޖަރީ ހަދައިގެން ފަށް ނެގީ އެވެ. ގެރި ދިރުވާލީ 20 ގްރާމްގެ ރަން ފަށެއް ނަމަވެސް ނެގިއިރު ފަށުގެ ބަރުދަނުގައި ހުރީ 18 ގްރާމެވެ. ދެ ގްރާމު ރަން ވީ އެސޮރު ބަނޑުތެރޭގަ އެވެ. އެ ނެގޭ ގޮތެއް ނުވި އެވެ.

ރަން ފަށް އަނބުރާ ލިބުނީމަ ގެރީގެ ވެރިމީހާ އާއި އާއިލާ އުފަލުން ތިބި ނަމަވެސް ގެރިއަށް މިހާބޮޑު ވޭނެއް ކުރިމަތިކުރެވުނީތީ އެމީހުން ވަރަށް ދެރަވި އެވެ. މިހާރު ސާޖަރީ އަށް ފަހު ގެރި އަންނަނީ ރަނގަޅު ވަމުންނެވެ.