ކުދި ކަންތައްތަކާއި ޒުވަބުކޮށް އަރާރުން ވުމަކީ ކޮންމެ ގުޅުމެއްގައި ވެސް އާންމުކަމެކެވެ. އެއީ ދެމަފިރިން ނުވަތަ ލޯބިވެރިން ކަމުގައި ވިޔަސް ކަންތައްތަކައި ހިތްހަމަނުޖެހިގެން ގަދަ ބަސްބުނެ ހެދުމަކީ ދެބައިވެރިންކުރެ ކޮންމެވެސް އެކަކު ކުރާ ކަމެކެވެ.
ބައެއް ފަހަރު ހިތްހަމަނުޖެހޭ ކަންތައްތަކާއ ދިމާވުމުން ބައިވެރިންގެ ތެރެއިން ކޮންމެވެސް އެކަކަކީ އޭނާ އަންނަ ރުޅިގަނޑު ފިލަންދެން އެއްވެސް ވާހަކައެއްދައްކަން ނުވަތަ ބައިވެރިޔާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަންވެސް ބޭނުންނުވާ މީހެކެވެ.
ހިތްހަމަަނުޖެހޭ ކަމެއް ދިމާވާއިރަށް ބައިވެރިޔާއާ ދިމާލަށް ގަދަބަސް ބުނުން އެއީ ތިމާގެ ގަޓުކަން އެނގޭ ކަމެއް ކަމަށް ހީވިޔަސް ހަގީގަތުގައި މިއީ ހަޔާތުގެ ބިންގަލުގައި ނޭނގޭހާ ބޮޑެތި ރެނދުތައް އަޅާކަމެކެވެ.
ރުޅިއަންނަ ކޮންމެ ފަހަރަކު ގަދަ ބސް ބުނެ ވާހަކަ ނުދައްކާ މޫނު ކުނިކޮށްގެން ހުރުމުން އެކަމުގެ ނޭދެވޭ އަސަރުތަކުން ގުޅުންތަކަށް ނުތަނަވަސް ކަން ވެރިކުރުވާއިރު، ދިމާވާ މިފަދަ ކުދި ކުދި ކަންތައްތަކުން ކުރާ ޒުވާބުކުރުން ތަކާއި ބުނަން ނުޖެހޭ އެއްޗިހި ބުނެވުމުން އެކަމުގެ ނޭދެވޭ އަސަރު ގިނަ ދުވަސްތަކެއް ވަންދެން ދެމީހުންގެ ދެމެދުގައި އޮވެ، އުފާވެރިކަމަށް މިކަމުގެ ސަބަބުން ހިޔަނި އެޅި ދެމީހުންގެ ދެމުގައި ހުސްކަމެއް ވެރިކުރުވަ އެވެ.
އެހެންކަމުން ތިމާ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން ދެމީހުން އަރާރުންވުމުގެ އިތުރުން ބައިވެރިޔާ އާއި މެދު ތިމާގެ އަމަލު ހުންނަ ގޮތަކުންވެސް އެކަމުގެ ނޭދެވޭ އަސަރު ގުޅުންތަކަށް ކުރެ އެވެ.
ބައިވެރިޔާ ވާހަކަދައްކާ އިރު ލޯ ތެޅުވުން
ތިމާ ކިތަންމެ ހިތްހަމަނުޖެހިފައި ހުންނަ ދަނޑިވަޅެއްގައި ވެސް ބައިވެރިޔާ ވާހަކަ ދައްކާތީ އެކަމާ ހިތްހަމަނުޖެހި ރުޅި އައިސްގެން ފަޅައިގެންދާ ވަރު ވުމުން އޭނާ ދައްކާ ވާހަކަތަކުން ބޮލަށް އުނދަގޫވާ ކަމަށް ބުނަން ބޭނުންނުވެ، ލޯތެޅުވުމަކީ ކުރެވޭ ވަރށް ވިޔާނުދާ ކަމެކެވެ. މިއީ ބައިވެރިޔާ އަށް އިހްތިރާމް ނުކުރުމުގެ އިތުރަށް އަހަރުމެންގެ ތެރެއިން ވަރަށް ގިނަމީހުންނަށް ކުރެވޭ ގޯސް ކަމެކެވެ. ރުޅިއައިސްފައި ހުންނަލެއް ބޮޑު ކަމުން، މިއީ ކުރެވޭ ކަމަކަށް ވިޔަސް މިއާދަ އަކީ ދޫކޮށްލަން ޖެހޭ ކަމެކެވެ. ބައިވެރިޔާއާ އެކު އުފާވެރި ޒަވާޖީ ހަޔާތެއް އުޅެން ބޭނުންކަމުގައި ވަނީ ނަމ ތިމާގެ ކިބައިގައި ހުންނަ މިފަދަ އުނި ސިފަތައް އަވަހަށް ދޫކޮށްލާށެވެ. ނުނީ މިފަދަ ކަންތައްތަކުގެ ސަބަބުން އުފެދޭ އިތުރު މައްސަލަތަކުން ޖެހޭ މައްސަލަ ހައްލުވުމުގެ އިތުރަށް އިތުރަށް މައްސަަލަ ދާނީ ގޯހުން ގޯހަށެވެ.
ވާހަކަ ނުދެއްކުން
ދެމީހުން އަރާރުންވެސް ޒުވާބެއް ކުރަމުން އަންނަ ހިނދު އެމައްސަލައާއި ގުޅޭގޮތުން ބައިވެރިޔާގެ ހިތުގައި ހުންނަ އުދާސްތައް ބަންޑުންކުރަން ފެށުމުން އޭނާ ދައްކާ ވާހަތަކަށް ސަމާލުކަން ނުދީ ހައްޕުކިޔައިގެން ތިބޭ މީހުން ވަރަށް ގިނަވާނެ އެވެ. ގިނަމީހުންނަކީ މިހެން ޖެހޭ މައްސަލަތަކުގައ ބައވެރިޔާ ކިތަންމެ ރީއްޗަށް ލޯބިން ވާހަކައެއް ދެއްކިޔަސް އަނގައިން ނުބުނަން ވައުދުކޮށްގެން ތިބޭ މީހުންނެވެ. މިއީ ދެމީހުންގެ ދެމެދުގައި ބޮޑު ފާރެއް ލެވުމުގެ އިތުރުން ހިތުގައި އުފެދިފއި ހުންނަ ހިތްހަމނުޖެހުން ބޭރުުކުރެވި، ތިމާގެ ރުޅިގަނޑު އިތުރަށް ގަދަވާ ކަމެކެވެ. އެހެންކަމުން ކިތަންމެ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް ބައިވެރިޔާ ދައްކާ ވާހަކަތައް އަޑުއަހައި އެކަމާއި ވާހަކދައްކއި ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާށެވެ.
މާފަށް އެދެން އިންކާރުކުރުން
ގޯސްކަމެއް ކުރެވުމުން ކުށް ގަބޫލުކޮށް އެކަމަށް މާފަސް އެދެނީ ކިތައް މީހުން ހެއްޔެވެ؟ އަނެކާ ކައިރިން މާފަށް އެދުމަކީ އެމީހެއްގެ ހިތުގައ ތިމާއަށް ދެވިފައި އޮންނަ ދަރަޖަ އެއްވެސް ގޮތަކަށް ކުޑަވާނެ ކަމެއް ނޫނެވެ. ކުށެއް ކުރެވުމުން ކުށް ގަބޫލުކޮށް މާފަށް އެދުމަކީ ބައިވެރިޔާއާއި ދެމދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް ލިބޭ ބާރެކެވެ. މީގެއިތުރުން ވެސް މިއީ ޖެހިގެން އުޅޭ މައްސަލަ ހައްލުކޮށް ދެމީހުންގެ ހަޔާތް އުފާވެރިކަމާއި އެކީ ހޭދަކުރުމަށް ލިބޭނެ ފުރުސަތެކެވެ. މާފުކުރުމާއި މާފަށް އެދުމުގެ ރީތި ސިފަ ކޮންމެ މީހެއްގެ ކިބައިގައި ވެސް އަށަގަންނަށް ޖެހެ އެވެ.
ސީރިއަސް ވަގުތުތަކުގައި ސަމާސާކުރަން އުޅުން
ތިމާގެ ބައިވެރިޔާއަކީ ވަރަށް ހީ ސަމާސާކޮށް އުޅޭ ނުވަތަ ރުޅި ގަދަނޫން މީހެއް ނަމަ ކިތަންމެ ކުޑަކަމަކާއި ބައިވެރިޔާ ހިތްހަމަނުޖެހި ތުންދަމާފައި ހުއްޓަސް އެކަން މާބޮޑު ކަމަކަށް ނަހަދައި ބައިވެރިޔާއާއި ދިމާކޮށް ނުވަތަ މައްލަވަތްކޮށްގެން ސަމާސަކޮށް ސަކަރާތްޖަހަން އުޅެ އެވެ. ނަމަވެސް ބައިވެރިޔާ ހިތްހަމަނުޖެހިފައި ހުންނަ ކޮންމެ ފަހަރަކު ތިމާގެ ޖޯކުތަކުން އޭނާ މައިތިރިނުކުރެވިދާނެ އެވެ. ނުވަތަ މަޖަލަކަށް ބުނެވޭ އެއްޗަކުންވެސް ސަމާސާ ވިހަވެ، ޖެހިގެން އުޅޭ މައްސަލަ ބޮޑު ކަންތައް ގަނޑަކަށްވެދާނެ އެވެ. ތިމާ ކިތަންމެ މަޖާވެލާފައި ބައިވެރިޔާ ރުޅި އައިސްފައި ހުންނަ ގަޑީގައި ޖެއްސުމަކަށް ބުނެވޭ އެއްޗަކުން ބައިވެރިޔާ މާބޮޑަށް ރުޅިއައިސްފައި ހުރުމުގެ ސަބަބުން ބުނެވޭ އެއްޗަކުން ނުބައި މާނައެއްވެސް ނެގިދާނެ އެވެ. ބޭކާރު ގޮތުގައި އިތުރު މައްސަލައެއް ހައްލުކުރަން ބޯގާނަން ޖެހިދާނެ އެވެ.
މައްސަލަ ހައްލުކުރަން ނޫޅުން
އަހަރުމެންގެ ތެރޭގައި ގިނަ މީހުން ބައިވެރިޔާއާ އަރާރުން ވަނީ ބޭރަށް ދާން ބަލާ އަންނަން ބުނާ ގަޑިއަށް ވުރެން ލަސްވުމުންނެވެ. ލަހުން ބައިވެރިޔާ ފިނި ބުރެއް ޖަހާލަން ބަލައި އަންނައިރު ރުޅި އައިސްގެން ފަޅައިގެންދާވަރުވެފައި ހުންނައިރު، ކަމުގެ މިނަށް ވުރެން ކަންތައް ބޮޑު ކޮށްލެވެނީ ހިތްހަމނުޖެހިފައި ހުންނަލެއް ބޮޑު ކަމުންނެވެ. މިފަދަ ކުޑަ ކަމަކުން ދެމީހުންގެ ތެރޭގައި ހިޔާލު ތަފާތުވެ، އަރާރުމަކާއި ހިސާބަށް ދިއުމުގެ ބަދަލުގައި ވީހާވެސް ކުރުކޮށް އެވާހަކައެއް ދައްކައިގެން މައްސަލަ ހައްލުކޮށްލާށެވެ. ބޭކާރުގޮތުގައި އެމައްސަލައިގައ ހިފައިގެން ދަމައި ޒުވާބުކުރުމގެ އެއްވެސް ބޭނުމެއް ނެތެެވެ. މީގެއިތުރުން ވެސް ދެމީހުންގެ ދޭތެރޭގައ ޖެހޭ މައްސަލައެއް ޖެހޭއިރަށް މައްސަލަ ޖެހުނީ "ކަލެއާ ހެދިއޭ" ކިޔައި އެކަކު އަނެކަކުގެ ބޮލަށް ޖަހައި މައްސަލަ އިތުރަށް ހޫނުކޮށް އަރާރުންވުމަށް ފުރުސަތު ދިނުމުގެ ބޭނުމެއް ނެތެވެ. އަދި ޖެހިގެން އުޅޭ މައްސަލައިގެ ބޭރުން މާކުރިން ހިނގާފައި ހުންނަ ކަންތައްތަކުން ބައިވެރިޔާގެ މައްސަލަތައް ނަގައިގެން މިނަށް ވުރެން ކަންތައް ބޮޑު ކުރުމަކީ އާންމުކޮށް ގިނަ ރިލޭޝަންތަކުގައި ވާ ކަމެކެވެ. ނަމަވެސް މާޒީގައި ހިނގާފައި ހުންނަ ކަންތައްތަކުގެ ވާހަކަ ކޮނެގެން ނެގުމަކީ އެކުމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
ކޮޓަރިން ބޭރަށް ނުކުުތުން
ދެމަފިރިންގެ ދެމެދުގައި އާންމުކޮށް ޒުވާބެއް ހިނގާއިރު ކަން ހިނގިގޮތަށް ވާހަކަދައްކައިގެން މައްސަލަ ހައްލުކޮށް މާފަށް އެދެން ބޭނުންނުވާ ގިނަމީހުން މައްސަލައެއް ޖެހުމުން ބަންލާފައި ކޮޓަރީގެ ދޮރު އަތުކޮޅަށް ހޫރާލާފައި ނިކުމެގެެންދާނީ އެވެ. އެންމެފުރަތަމަ ދެމަފިރިންގެ ދޭތެރޭގައި މައްސަލައެއް ޖެހުމުން އެކަމާއި ކުރިމަތިލައި، ވާހަކަދައްކައި ތިމާ ދެކޭ ގޮތާއި މެދު ވާހަކަދެއްކޭނެ ހިތްވަރު ހުންނަން ޖެހޭނެ އެވެ. މައްސަލައެއް ޖެހުމުން ނުވަތަ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން އެކަމަކާއި ފޭސްކުރުމުގެ ބަދަލުގައި ނުވަތަ ބައިވެރިޔާ ތިމާއާއި ވާހަކަދައްކަމުން ދަނިކޮށް އޭނާގެ މޫނު މައްޗަށް ދޮރުޖަހާލާފައި ދިއުމުން އެހިސާބުން ޖެހިގެން އުޅޭ މައްސަލަ ހައްލުވީކީ އެއް ނޫނެވެ. ބަންލާފައި ޖަހާލާ ދޮރުން ޖެހެނީ ބައިވެރިޔާގެ ހިތުގަ އެވެ. ކިތަންމެ ރުޅިއައިސްފައި ނުވަތަ ހިތްހަމަނުޖެހިފައި ހުއްޓަސް ބައިވެރިޔާ ދައްކާ ވާހަކައިގެ އަޑު އަހާށެވެ. ރުޅިއައިސްގެން ކަންތައްތަކާއި ރިއެކްޓްކުރުމުގެ ބަދަލުގައި ދެމީހުންވެސް ހަމަޖެހިގެން އެކަކު އަނެކަކުގެ ހިތުގައި ހުންނަ އުދާސްތަކުގެ އަޑުއަހާށެވެ. އަނެއްކާ ދައްކަނީ ރަނގަޅު ވާހަކައެއް ކަމުގައި ވެދާނެ އެވެ. މިޒާޖު ތަފާތު ދެމީހަކަށް އުފާވެރި ހަޔާތެއް އެކުގައި އުޅެވޭނީ އެކަކު އަނެކަކުގެ ހުންނަ ހިތްނޭދޭ ސިފަތައް ތަހަންމަލު ކޮށްގެންނެވެ.
ތިމާގެ ކިބައިގައި ހުންނަ މިކަހަލަ ކުދި ނޭދެވޭ ކަންތައްތަކުން އުފާވެރި ޒަވާޖީ ހަޔާތް ބަނަވިޔަ ނުދޭށެވެ. ކޮންމެ ބައިވެރިޔަކީ ވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށް އެކަކު އަނެކަކަށް ގަދަބަސް ނުބުނާ އަދި މާފުކުރުމުގެ ރީތި ސިފަ ލިބެގެންވާ މީހުންނަށް ވާނެ ޖެހެ އެވެ. އުފާވެރި ހަޔާތަކަށް ބޭނުންވަނީ މިފަދަ ކުޑަ ރެސިޕީ އެކެވެ.