ދާންދޫ

ހުވަދޫ އެދެނީ ޓްރާންސްޝިޕްމަންޓް ބަނދަރަކަށް

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް މެންބަރުނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިން މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގަ ކައުންސިލު މެންބަރުން، މި ސަރުކާރުން ދާންދޫގެ ތަރައްގީއަށް ވަރަށް ގިނަ މަޝްރޫއުތަކެއް އަލަށް ފަށާފައިވާކަން ފާހަގަފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކު ތެރޭގައި ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ދާންދޫގައި ގެދޮރު އިމާރާތް ކުރުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާ ކަމަށާއި މީހުން ދިރިއުޅޭ ހިސާބެއްގައި އިންޖީނުގެ އިމާރާތް ހުރުމުން ދިމާވާ ދަތިތަކާއި ރަށުގައި ހަދާފައިވާ އައިސްޕްލާންޓްގެ ހިދުމަތް އަވަސް އަވަހަށް މެދުކެނޑެމުންދާތީ ދިމާވާ ދަތިތަކާއި ރަށުގައި ހަދަމުންދާ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމަކަށް އެދިފައިވެއެވެ.

އަދި ދާންދޫ ސްކޫލްގައި އޭ ލެވެލް އަށް ކިޔަވައިދުމަށް ފެށުމާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމާއި ބޭންކިން ހިދުމަތާއި ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަށް ރައްޔިތުން އެދޭކަމުގައި ކައުންސިލަރުން ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ސިއްހީ މަރުކަރުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްގީއަށް ރޭވިފައިވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމެއް މިހާރުވެސް އޮތްކަން ފާހަގަކުރެއްވިއެވެ.